15 Jul 2012, 13:19
ތޭރަ ވަނަ ގައުމީ ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ކާމިޔާބުކޮށް މިއަހަރުގެ މިސްޓަ މޯލްޑިވްސްގެ މަގާމް، އެންމެ ފަހުގެ ޗެމްޕިއަން އާދިލް މުހައްމަދު ދިފާއުކޮށްފި އެވެ.
ޗެމްޕިއަން އާދިލް މިފަހަރުގެ މުބާރާތުގައި ވާދަކޮށްފައި ވަނީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބުގެ ފަރާތުންނެވެ.
ބޮޑުބެރުގެ ހިތްގައިމު ހަރަކާތްތަކާ އެކު ރޭ ޖަމާލުއްދީން ސުކޫލް ހޯލުގައި ބޭއްވި މިމުބާރާތުގެ ޗެމްޕިއަން ކަން އާދިލް ހޯދީ ފައިނަލުގައި އޭނަޔާ އެކު ވާދަކުރި ހަތަރު ބޮޑީބިލްޑަރުން ބަލިކުރުމަށް ފަހު އެވެ. އެގޮތުން 70 ކިލޯގެ ކެޓަގަރީން އެއް ވަނަ ހޯދި އާދިލްއާ އެކު ފައިނަލުގައި ވާދަކުރި އަނެއް ހަތަރު ބޮޑީބިލްޑަރުން ނަކީ 55 ކިލޯ އިން ދަށުގެ ކެޓަގަރީ އެއް ވަނަ ހޯދި އިބްރާހިމް އަޖްމަލް އާއި 60 ކިލޯ އިން ދަށުގެ ކެޓަގަރީ ކާމިޔާބުކުރި މަހުމޫދު ޒިޔާދާއި70 ކިލޯ އިން މަތީގެ ކެޓަގަރީން އެއްވަނަ ހޯދި ގިޔާސް އިބްރާހިމް އަދި 65 ކިލޯ އިން ދަށުގެ ކެޓަގަރީން އެއް ވަނަ ހޯދި މުހައްމަދު އިބްރާހިމެވެ.
މިފަހަރުގެ މިސްޓަ މޯލްޑިވްސްގެ މަގާމް ހޯދި އާދިލް، 70 ދިހަ ކިލޯގެ ކެޓަގަރީން އެއް ވަނަ ހޯދިއިރު، މިބައިގެ ދެވަނަ ހޯދީ މުހައްމަދު ރަޝީދުވެ. އޭނާ އަކީ 2007 ވަނަ އަހަރު ރާއްޖޭގެ މިސްޓަ މޯލްޑިވްސްގެ މަގާމް ހޯދި ބޮޑީބިލްޑަރެކެވެ. އަދި މިބައިގެ ތިން ވަނައަށް އަށް ދިޔައީ މަޝްހޫރު ބިލްޑަރު ނިހާދު ރަޝީދު (ބެއްޔާ) އެވެ.
ފައިނަލް ބުރަށް ފަހު މިސްޓަ މޯލްޑިވްސްގެ ޝަރަފްވެރި މަގާމަށް ހޮވުނު އާދިލަށް ތަށްޓާއި ލޮޓަސް ފިހާރައިން ހުށަހެޅި އަޕާޗޭ ސައިކަލާއި އޭގެ ތަޅު ދަނޑި ހަވާލުކޮށްދެއްވީ ރޭގެ ޝަރަފްވެރި މެހެމާން ކުޅިވަރާ ބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ ނައިބް ނާއިފް ޝައުކަތެވެ.
އާދިލް އަށް މިލިބުނު ކާމިޔާބަށް ފަހު، ސަން މީޑިއާ ގްރޫޕްގެ ސަންއޮންލައިނަށް ރޭ އޭނާ ދިން އިންޓަވިއުގައި ބުނެފައި ވަނީ، މިލިބުނު ކާމިޔާބީގެ އުފަލުގައި އޭނަގެ އާއިލާ އަށް ވަރަށް ބޮޑަށް ސުކުރު އަދާކުރާ ކަމަށާއި މިހާ ހިސާބަށް އައުމުގައި އާއިލާގެ ފަރާތުން ވަރަށް ބޮޑު އެއް ބާރުލުމެއް ލިބުނު ކަމަށެވެ. އަދި މިކަން ކުރުމުގައި ޚާއްސަކޮށް އަންހެނުންނާއި ދަރިންގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށް އާދިލް ބުންޏެވެ.
"މިކަން ކުރުމަށް އާއިލާއިން ދޭ އެއްބާރު ލުން އަހަރެން އަބަދުވެސް ހަދާން ހުރޭ. އަންހެނުންނާއި ދަރިންގެ އެއްބާރުލުން ހާއްސަކޮށް ދެ ވަނަ ފަހަރަށް މިމަގާމް ކާމިޔާބުކުރެވުމުން ވަރަށް އުފާވެއްޖެ. ކުރީގެ ޗެމްޕިއަނުންނާ ވާދަކޮށްގެން ކާމިޔާބުކުރެވުމުން އިތުރަށް އުފާވޭ،" އާދިލް ބުންޏެވެ.
އާދިލް ބުނީ، މިފަހަރުގެ މުބާރާތުގައި ވަރަށް ވާދަވެރި ބޮޑީބިލްޑަރުން ވާދަކުރި ކަމަށާއި އެހެންނަމަވެސް މުބާރާތް ކާމިޔާބު ކުރުމަށް ވަރަށް ގިނަ މަސައްކަތް ތަކެއް ކުރެވުނު ކަމަށެވެ. އަދި މިކަމަކީ ވަރަށް ބުރަ މަސައްކަތަކަށް ވީއިރު، މިކަންކުރުމަށް ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށް ވެސް އާދިލް ބުންޏެވެ.
"މިފަހަރުގެ މުބާރާތައް ތައްޔާރުވީ ވެސް ކާމިޔާބީއެއް ހޯދުމުގެ އުންމީދުގައި. ވަރަށް ފެންވަރު ރަނގަޅު ބިލްޑަރުން ފެނިގެން ދިޔަ. އެ ހުރިހާ ޗެމްޕިއަނުންނާ ވާދަކޮށްގެން މުބާރާތް ކާމިޔާބުކުރެވުމުން އަހަރެންގެ ހުރިހާއުފަލެއް ލޯބިވާ އާއިލާއަށް ރައްދުކުރަން ބޭނުން،" މީގެ 18 އަހަރު ކުރިން ބޮޑީބިލްޑް ކުރަން ފެށި އާދިލް ބުންޏެވެ.
އާދިލް ބުނީ، ކުރިއަށް އޮތްތާގައި ވެސް ބޮޑީބިލްޑިންގެ ކެރިޔާ ހިފައްޓަން ބޭނުންވާ ކަމަށާއި އެކަމަށް ވީވަރަކުން ވަގުތު ދޭނެ ކަމަށެވެ. އަދި ބޮޑީބިލްޑު ކޮށްގެން ޤައުމަށް ރީތި ނަން ހޯދާދިނުމުގައި ދެމިހުންނާނެ ކަމަށް ވެސް އޭނަ ބުންޏެވެ.
"ރަނގަޅު ސްޕޮންސާ ލިބިއްޖެއްޔާ ތިން ވަނަ ފަހަރަށް މިމުބާރާތް ކާމިޔާބު ކުރުމަށް ނުކުންނާނަން. ބޮޑީބިލްޑްކޮށްގެން ގައުމަށް ރީތި ނަން ވެސް ހޯދައިދޭން ބޭނުން." ކަސްޓަމްސްގައި ވަޒީފާ އަދާކުރާ އާދިލް ބުންޏެވެ.
"ވަރަށް ބޭނުން ތިން ވަނަ ފަހަރަށް ކާމިޔާބުކުރަން. އެކަމަކު ސްޕޮންސާ ލިބިއްޖެއްޔާ އެކަން ކުރެވޭނީ. މިއީ ވަރަށް ހަރަދުދާ ކަމެއް. ދާ ވަރަކަށް މިކޮޅަކަށް ނުލިބޭ. އަތުން ދާ ވަރެއް އޮންނަނީ. ސަޕްލިމެންޓްތަކާއި ޑައެޓަށް ބޮޑު ހަރަދެއްދޭ،" އާދިލް ބުންޏެވެ.
މީގެއިތުރުން ރޭގެ އިވެންޓުގައި ކުރިއަށް ދިޔަ އަނެއް ހަތަރު ގެޓަގަރީއަށް ބަލާއިރު، 55 ކިލޯގެ ކެޓަގަރީން އެއް ވަނަ އިބްރާހިމް އަޖްމަލް ހޯދިއިރު، އޭނަޔާ އެކު މިބައިގައި ވާދަކުރީ ވެސް އެންމެ ބައިވެރިއެކެވެ. އެއީ މުހައްމަދު މާރިޝް މުނީރެވެ. އަދި 60 ކިލޯ އިން ދަށުގެ ކެޓަގަރީން 2008 ވަނަ އަހަރުގެ މިސްޓަ މޯލްޑިވްސްގެ މަގާމް ހޯދި ޒިޔާދު އެއްވަނަ ހޯދިއިރު، މިބައިގެ ދެ ވަނަ ހޯދީ މުހައްމަދު މޫސާއެވެ. އަދި ތިން ވަނަ އަށް އަށް ދިޔައީ ޝާހިރު އިބްރާހިމެވެ.
މުބާރާތުގެ 65 ކިލޯއިން ދަށުގެ ކެޓަގަރީން މުހައްމަދު އިބްރާހިމް އެއް ވަނަ ހޯދި އިރު، މިބައިގެ ދެ ވަނަ ހޯދީ އަލީ އަނަސް އެވެ. އަދި ތިން ވަނަ ހޯދީ އަލީ ސަރީފެވެ.
މީގެއިތުރުން މުބާރާތުގެ 70 ކިލޯ އިން މަތީގެ ކެޓަގަރީން ގިޔާސް އެއް ވަނަ ހޯދިއިރު، މިބައިގެ ދެ ވަނަ ހޯދީ މުހައްމަދު ޝައްމޫނެވެ. އަދި ތިން ވަނަ ހޯދީ 2009 ގެ މިސްޓަ މޯލްޑިވްސްގެ މަގާމް ހޯދި ހުޝާމް ހަމީދެވެ.