15:09


ރާއްޖެއަށް އުދުވާނީ ހަމަލާއެއްދީ، ރައީސުލްޖުމްހޫރިއްޔާ އާއި ބައެއް ސިޔާސީ އިސް ލީޑަރުން އަވަހާރަކޮށްލަން ބަޔަކު އެބަ ރާވާ ކަމަށް ބުނާ މައްސަލައިގައި ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސްގެ އިސް ބޭފުޅުން ކޮމިޓީއަށް މާދަމާ ހާޒިރުކުރުމަށް ނިންމައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު، މުލަކު ދާއިރާގެ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.


ދާދި ދެންމެ ނިމުނު، ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ބައްދަލުވުމަށްފަހު ސަން އެފްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ މާދަމާގެ ވަގުތެއްގައި އެ ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. ނަމަވެސް އަދި ވަކި ގަޑިއެއް ހަމަނުޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.


ސަންއެފްއެމް ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން އިއްޔެ ވިދާޅުވީ ރާއްޖެއަށް އުދުވާނީ ހަމަލާއެއްދީ، ރައީސުލްޖުމްހޫރިއްޔާ އާއި ބައެއް ސިޔާސީ އިސް ލީޑަރުން އަވަހާރަކޮށްލަން ބަޔަކު އެބަ ރާވާ ކަމަށް ބުނާ "ސިޓީގެ" މައްސަލަ ވަރަށް "ސީރިއަސް" ކަމަށެވެ. އެ ސިޓީއަކީ ސީރިއަސް ސިޓީއެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އަދި އަވަހާރަކޮށްލާނެ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވާ ބޭފުޅުންނަކީ ގައުމުގެ ސިޔާސީ އިސްވެރިންކަން ފާހަގަކުރައްވަމުން ވިދާޅުވީ، މި މައްސަލައަކީ އަޅާނުލައްވާ ތިއްބެވޭނެ ވަރުގެ މައްސަލައެއް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި އެ ސިޓީގައި ބުނާ ފަދަ އުދުވާނެއް ރާއްޖެ އައިސްފިނަމަ، ގެއްލުންވާނީ އެ ސިޔާސީ ބޭފުޅުންނަށް އެކަނި ނޫން ކަމަށާއި ކުށެއް ނެތް މައުސޫމް އެތައް ބަޔަކަށް އެފަދަ ހަމަލާއެއްގައި ގެއްލުން ލިބޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި 1988 ނޮވެމްބަރު 3 ގައި ބޭރުގެ ބަޔަކު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ހިތި ތަޖުރިބާތަކުން މިކަން ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.


އެހެންކަމުން މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލައިގަނެ، ބޮޑެތި އަދި އަވަސް ފިޔަވަޅުތަކެއް އަޅުއްވަން ގަސްތުކުރައްވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން މި މައްސަލަ ތަހުގީގުކޮށް، ހަގީގަތާ ހަމައަށް ވާސިލުވުމަށް ފުލުހުންނާ ސިފައިންނާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ޔާމީން އިތުރަށް ވިދާޅުވި ގޮތުގައި، މި ހަމަލާގެ ފަހަތުގައި ވަނީ ހަމައެކަނި ބޭރު ބަޔެއް ކަމަށް ގަބޫލުކުރުން އަދި މާ އަވަސް ކަމަށެވެ. އެގޮތުން މި ދަނޑިވަޅުގައި އެއްވެސް އޮޕްޝަނެއް ދޫކޮށްނުލެއްވޭނެކަން ފާހަގަކުރައްވަމުން ވިދާޅުވީ، މި އުދުވާނުގެ ފަހަތުގައި ދިވެހިން ނުވަތަ ދިވެހިންނާ ބޭރު މީހުން ހިމެނޭ ގްރޫޕެއް ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.


އެހެންކަމުން، މިފަދަ މައްސަލައެއް ތަހުގީގުކުރުމަކީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ލާޒިމްކަމެއް ކަމަށާއި ފުލުހުންނާ ސިފައިންގެ އިންޓެލިޖެންސް ކޮމިޓީއަށް ގެނެސް، މި މައްސަލަ ވަކި ކޮޅެއްގައި ޖެހެންދެން ސަލާމަތީ ބާރުތަކާ ގުޅިގެން ތަހުގީގު ކުރިއަށްގެންދާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.