15 Jul 2012, 12:42
ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫ ސިޓީގެ ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރާ 13 މީހުންގެ ތެރެއިން އަށް މީހަކަށް ވަކީލަކު އައްޔަން ކުރުމަށް ފަސް ދުވަހުގެ ފުރުސަތު ދީފި އެވެ.
އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ގާޒީ ވިދާޅުވީ އިބްތިދާއީ އަޑުއެހުމަށް ހާޒިރުވުމަށް ޗިޓް ފޮނުވި ނުވަ މީހުންގެ ތެރެއިން ހާޒިރުވެފައި ވަނީ އަށް މީހަކު ކަމަށެވެ.
އިބްތިދާއީ އަޑުއެހުމަށް ހާޒިރުވެފައި ވަނީ ސ. ހުޅުދޫ، ކަޅުމަގިގޭ، މޫސާ ޒުބައިރު އާއި އެ ރަށު ކުދިމާގޭ، އަބްދުﷲ ވާސިގު އާއި އެރަށު ނާދީ، މުޒުލިފް ޖައުފަރާއި އެ ރަށު ކުރިކީލަގޭ، އަލީ ރުޝްދީ އާއި އެ ރަށު ވެލްބެކްރެސެންޓް، އަލިމަނިކުފާނާއި، އެ ރަށު، މަދަރުސާ ދޮށުގޭ، ވިޝާހު އަލީ އާއި އެ ރަށު އާބާދުވިލާ، އަބްދުއް ސަލާމް އަދި އެރަށު ސަންފުލާވާ، އަހުމަދު އިފްޒާލް އެވެ.
ޗިޓް ރައްދުކުރެވި އިބްތިދާއީ އަޑުއެހުމަށް ހާޒިރުވެފައި ނުވަނީ އެ ރަށު، ސައިފަތްމާގޭ ޝަރުހާދު އެވެ. ގާޒީ ވިދާޅުވީ ފުލުހުން މެދުވެރިކޮށް އޭނާ ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް ކުރިމިނަލް ކޯޓުން ކުރިއަށް ގެންދާނެ ކަމަށެވެ.
މިއަދުގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާއަކީ ކޮބައިކަން އެ މީހުންނަށް ސާފުކޮށް ދިނުމަށް ފަހު ގާޒީ ވަނީ ވަކީލަކު އައްޔަން ކުރުމަށް ފަސް ދުވަހުގެ ފުރުސަތެއް އެ އަށް މީހުންނަށް ވެސް ދީފަ އެވެ.
ދައުލަތުން އެމީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ރޭ 7:00 އެހާކަންހާ އިރު އެ މީހުން ހުޅުދޫ މެޖިސްޓްރޭޓް ކޯޓުދޮށަށް އެއްވެ އެކޯޓާއި އެތާގެ މުދަލަށް ގެއްލުންދިނުމަށް ފަހު ކޯޓުގައި ހުޅުޖަހައި އަންދާލާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
އައްޑޫގައި ތިބެ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަ ދައްކަމުން އޭގެ ތެރެއިން ބައެއް މީހުން ބުނީ އެމީހުންނަކީ މުއްސަދިން ނޫންކަމަށްވާތީ މާލެ ގޮސް ހުންނާނެ ފައިސާއެއް ނެތް ކަމަށެވެ.
ގާޒީ ވިދާޅުވީ ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގައި އަތޮޅުތަކުން ކްރިމިނަލް ކޯޓަށް ހާޒިރުކުރާ މީހުންނަށް ދަތުރާއި ކެއުމާއި މާލޭގައި ހުރުމުގެ ޚަރަދު ދިނުމަށް ކަނޑައަޅާފައިވާ މިންވަރަށް އެ މީހުންނަށް ވެސް އެ ޚަރަދު ކޯޓުން ދޭނެ ކަމަށެވެ.
ގާޒީ ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް އަންނަ އާދީއްތަ ދުވަހު ފަށާނެ ކަމަށާއި އެދުވަހު އެ އެންމެން ވެސް ކޯޓަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ. އޭގެތެރެއިން ބައެއް މީހުން ވަނީ އެމީހުންގެ ޝަރީއަތް އަޑޫގައި ކުރިއަށް ނުގެންގޮސްގެން އެކަމާ ޝަކުވާކޮށްފަ އެވެ.
ގާޒީ ވިދާޅުވީ ކޯޓުތަކާ ބެހޭ ގާނޫނު ބުނާ ގޮތުން ޓެރަރިޒަމްގެ މައްސަލަތައް ބެލުމުގެ އިޚުތިސާސް މެޖިސްޓްރޭޓް ކޯޓުތަކަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެ ދައުވާ ކްރިމިނަލް ކޯޓުގައި އުފުލާފައި ވަނީ ގާނޫނުގައި އެގޮތަށް ބުނެފައިވާތީ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ އެ މައްސަލައިގައި ދައުވާ ލިބޭ 13 މީހުންގެ ތެރެއިން ފަސް މީހަކު އުޅޭތަނެއް ނޭނގުމުން ޗިޓް ރައްދު ކުރެވިފައިނުވާ ކަމަށެވެ. އަދި އޭގެތެރެއިން ބައެއް މީހުން ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުތަކުގައި އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މީހުން އުޅޭތަނެއް ސާފުކޮށް ކޯޓަށް ހާޒިރުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކޯޓުން ކުރާނެ ކަށް ވެސް ގާޒީ ވިދާޅުވި އެވެ.
ދިރިއުޅޭ ތަނެއް އެނގިފައި ނުވާ ފަސް މީހުންނަކީ އެ ރަށު ކުދީނާގޭ، އަހުމަދު ރިޔާހު އާއި އެރަށު ކޮކާހަނދުވަރު، އިލްޔާސް ފުއާދު އާއި އެ ރަށު އައްސޭރިވިލާ، އަހުމަދު ހާރޫން ހުސެއިނާއި، އަދި އެ ރަށު ސީވޭވް، އިބްރާހިމް ސަމާހު އެވެ.