ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގައި އަޑީގައި ހުންނެވީ ރައީސް މައުމޫން ކަމަށް ރައީސް ނަޝީދަށް ވިދާޅުވެވިފައިވާތީވެ އެކަމަށް ރައީސް މައުމޫންގެ ކިބައިން ރައީސް ނަޝީދު މައާފަށް އެދިވަޑައިގެންފި އެވެ.

ރައީސް ނަޝީދުގެ މިހެން ވިދާޅުވީ އެމެރިކާގެ ސަފީރު ޕެޓްރީޝިއާ ބުޓެނިސް ރައީސް މައުމޫނާ ބައްދަލު ކުރައްވައި ޕާޓީތަކުގެ މަޝްވަރާތަކުގައި އެ މަނިކުފާނާއި ނަޝީދު ބައިވެރިވަވަޑައިގެން ދެއްވުމަށް އެދިވަޑައިގަތުމުން ރައީސް ނަޝީދާ އެކު ވާހަކަ ދައްކަވަން ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމަށް މައުމޫން ވިދާޅުވުމާ ގުޅިގެން ނަޝީދު މިއަދު ނެރުއްވި ނޫސް ބަޔާނެއްގަ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ނަޝީދު ވިދާޅުވެފައި ވަނީ ރައީސް މައުމޫނާ ބެހޭ ގޮތުން އެމަނިކުފާނު އެހެން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަން ބަދަލުވި ދުވަހުން ފެށިގެން ކަންތައްތައް ހިނގާފައިވާ ގޮތަށް ބިނާކުރައްވައިގެން ކަމަށެވެ. ނަމަވެސް މައުމޫން ނަޝީދާ އެކު އެއް މޭޒެއްގެ ދޮަށުގައި އިށީދެވަޑައިގަންނަވާނީ ނަޝީދު މައުމޫނާ ބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކަށް މައުމޫންގެ ކިބައިން މައާފަށް އެދިވަޑައިގަތުމުން ކަމަށް މައުމޫން ވިދާޅުވެފައިވާ ކަން އެމަނިކުފާނަށް އެނގިވަޑައިގެންފައިވާތީ އާއި ރާއްޖެ މިހާރު މިިއޮތް ހާލަތަކީ މައުމޫނާއި ނަޝީދުގެ މަސްލަހަތު އެއްފަރާތްކޮށް ގައުމުގެ މަސްލަހަތު ކުރިއަށް ނެރެން ޖެހޭ ދަނޑިވަޅެއް ކަމަށް އެމަނިކުފާނަށް ގަބޫލުކުރެއްވޭތީ މައުމޫންގެ ކިބައިން މައާފަށް އެދިވަޑައިގަތީ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ވެރިކަމުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ވެސް އަދި ދެމި އޮންނަނީ ވެސް ރައްޔިތުންގެ ކިބައިން ކަމުގައި އެމަނިކުފާނު އަބަދު ވެސް ގަބޫލުކުރައްވާ ކަމަށާއި ރާއްޖޭގެ ވެރިއަކަށް ރާއްޖޭގެ ރައްޔިތުން އިންތިހާބްކޮށްފައި ނުވާ މީހަކު ހުންނެވުމަކީ އެއްވެސް ހާލެއްގައި ނަޝީދު ބޭނުންފުޅުވެވަޑައިގެންނަވާނެ ގޮތެއް ނޫން ކަމަށެވެ.

"ރައީސް މައުމޫން މިބަޣާވާތުގައި ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށްވާ ނަމަ މިބަޣާވާތުގެ އަޑީގައި ވަނީ ރައީސް މައުމޫން ކަމަށް އަޅުގަނޑަށް ބުނެވިފައިވާ ބުނުމަށް މައާފަށް އެދެމެވެ." ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދުގެ ބަޔާނުގައި އެމަނިކުފާނުގެ ވެރިކަން ބަދަލުވުމުގެ އަޑީގައި ހުންނެވީ ރައީސް މައުމޫން ކަމަށް ވިދާޅުވާން ޖެހުނު ސަބަބުތައް ވެސް ވަރަށް ތަފްސީލްކޮށް ވިދާޅުވެ ދެއްވާފައިވެ އެވެ. އެގޮތުން 07 ފެބްރުއަރީ 2012 ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމުގެ ކުރިން މައުމޫން ރާއްޖެ އިން ބޭރަށް ވަޑައިގެންނަވަމުން އެމްޑީޕީގެ ސަރުކާރު ނިމުމަކަށް ގެންނަން ޖެހިއްޖެ ކަމަށާއި އެކަން ކުރަން ލަސްވެއްޖެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާ ކަން ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ވެރިކަން ބަދަލުވި ދުވަހު ޕީޕީއެމްގެ ނައިބް ރައީސް އުމަރު ނަސީރު "ކޮމާންޑް ސެންޓަރުގައި" އިންނަވައިގެން ކަމަށް އޭނާ އަމިއްލަފުޅަށް އެކިއެކި ތަންތަނނުގައި ވާހަކަފުޅުދައްކަވަމުން ގެންދަވާތީ އާއި ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި ޕީޕީއެމްގެ ނައިބް ރައީސް އަދި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ދެއްވާފައިވާ އިންޓަވިއެއްގައި އެކަމުގެ ހުރިހާ ޝުކުރެއް އޮތީ މައުމޫނަށާއި އެމަނިކުފާނުގެ އާއިލާ އަށް ކަމަށް ވިދާޅުވެފައި ވާތީ މިސަރުކާރުގެ އިސް މަގާމުތަކުގައި މައުމޫންގެ ދެ ދަރިކަލުންނާއި އާއިލާގެ ބޭފުޅުން ތިއްބެވި ކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމުގެ ކަންތައްތައް ހިނގައިދިޔައީ އުމުރު ނަސީރު ބެލުމުގެ ދަށުގައި ކަމަށް އެ ޕާޓީގެ އެކިއެކި ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވެފައިވާ ކަމަށާއި ބަޣާވާތުގެ ކުރިން 23 ޑިސެންބަރު އިއްތިހާދުގައި ހުރިހާ ޕާޓީތަކުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ ބައްދަލުކޮށް ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވުމަށް ކަމަށް ބުނެ ހަމައެކަނި ޝަރުތަކީ ނައިބް ރައީސްގެ މަގާމުން ވަހީދު އިސްތިއުފާ ނުދެއްވުން ކަމަށް މީޑިއާތަކުގައި އުމަރު ވިދާޅުވެފައިވާ އިރު ވެސް އެއިން އެއްވެސް ކަމެއް އުމަރު ކުރެއްވީ ޕާޓީގެ ހައިސިއްޔަތުން ނޫން ކަމަށް މައުމޫން ވިދާޅުވެފައި ނުވާ ކަމަށާއި އަދި އެކަން ކުށްވެރި ވެސް ކުރައްވާފައިނުވާތީ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދުގެ ބަޔާނުގައި ގިނަ ޕާޓީތައް ހިމެނޭ ވާހަކަތައް ކުރިއަށް ގެންދެވުމުގައި ވިލަރެސްވެރިއެއްގެ ހައިސިއްޔަތުން "އައްސައްޔިދު" އަހުމަދު މުޖުޖުތަބާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ނަޝީދު ވަނީ ތައުރީފުކުރައްވައިފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަ އިހުތިޔާރުގައި ކަމަށް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު އިތުރަށް ރާއްޖޭގެ ރައީސް ކަމުގައި ހުރެއްޖެ ނަމަ ރާއްޖެ އަށް އިތުރު ގެއްލުންތަކެއް ކުރިމަތިވެދޭނެތީ ވެރިކަމުން އިސްތިއުފާދީފިން." ނަޝީދު ވިދާޅުވެފައިވެ އެވެ.