ކޮމާންޑާ އިސްމާޢިލްދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅެވުނު އެމްއެންޑީއެފް އިންޓާ ޔުނިޓް 12 ވަނަ ފުޓްބޯޅަ މުބާރާތުގެ ތަށި، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ޓީމް ހޯދައިފި އެވެ.

މި މުބާރާތަކީ ފަޔަ އެންޑް ރެސްކިޔު ސާވިސް އިން މި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ.

މުބާރާތުގެ ތަށި ފަޔަ އެންޑް ރެސްކިޔު ސާވިސް އިން ހަތަރުވަނަ ފަހަރަށް ހޯދާފައި ވަނީ މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ ޑިވިޜަންގެ ފައިނަލް މެޗުގައި މެރިން ޑިޕްލޮއިމަންޓް ޔުނިޓް 2، ބަލިކުރުމަށް ފަހު އެވެ. އެފްއޭއެފް ޓާފް ދަނޑުގައި ކުޅުނު ފައިނަލް މެޗުން އެފްއާރުއެސް މޮޅުވެފައި ވަނީ 3 ލަނޑު 1 ލަނޑުގެ ތަފާތުންނެވެ.

ދެ ޑިވިޜަނަކަށް ބަހާލައިގެން ކުޅުނު މިމުބާރާތުގައި އެއްވަނަ ޑިވިޜަނުގައި 10 ޓީމް ވާދަކޮށްފައިވާ އިރު، ދެވަނަ ޑިވިޜަނުގައި 13 ޓީމެއް ވަނީ ކުޅެފަ އެވެ. ދެވަނަ ޑިވިޜަންގެ ޗެމްޕިއަން ޓީމަކަށް ހޮވިފައި ވަނީ އެމްއެންޑީއެފް މެޑިކަލް ސާވިސްގެ ޓީމެވެ.

މުބާރާތުގެ ފުރަތަމަ ޑިވިޜަން ފައިނަލް މެޗަށް ފަހު، އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ވަނީ ތައްޓާއި މެޑަލް އަދި ސެޓްފިކެޓް ހަވާލުކޮށްފަ އެވެ. މިގޮތުން ފުރަތަމަ ޑިވިޜަންގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަޤާމާއި، މިޑިވިޜަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައި ވަނީ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ކޯޕްރަލް އިބްރާހިމް އަޙުމަދެވެ. ފުރަތަމަ ޑިވިޜަންގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް ތައްޓާއި މެޑަލް އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެޙުމާން ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަޙުމަދު ނަޢީމް މުޙައްމަދެވެ.

ދެވަނަ ޑިވިޜަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައި ވަނީ މެޑިކަލް ސާވިސްގެ ކޯޕްރަލް މުޙައްމަދު ނާޞިރެވެ. މިޑިވިޜަންގެ އެންމެ ގިނަ ގޯލް ޖަހާފައި ވަނީ މެޑިކަލް ސާވިސްގެ ލާންސް ކޯޕްރަލް އަޙުމަދު ނިމާލެވެ. މިޑިވިޜަންގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް ތައްޓާއި މެޑަލް އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އޮނަރަބަލް މުޙައްމަދު ނާޒިމްއެވެ.

އެފްއޭއެމް ޓާފް ދަނޑުގައި މިދިޔަ ޖޫން 18 ވަނަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ކުރިއަށްދިޔަ އިންޓަރ ޔުނިޓް 12 ވަނަ ފުޓްބޯޅަ މުބާރާތުގައި ޖުމުލަ 48 މެޗު ކުޅެފައިވާއިރު، މީގެ ކުރިން ބޭނުންކުރަމުންދިޔަ މުބާރާތުގެ ތަށި، ފަޔާ އެންޑް ރެސްކިޔު ސާވިސްއިން މިލްކުކުރުމާއި ގުޅިގެން މިއަހަރުވަނީ އާ ތައްޓެއް އިފްތިތާޙުކޮށްފައެވެ.