ރޭ ދަންވަރު މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހަކަށް ހަމަލާދީ ޖަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ރޭ ގާތްގަނޑަކަށް 3:00 ޖަހާކަންހާއިރު މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ އެފުލުހުންގެ މީހާ އަށް ހަމަލާދީފައި ވަނީ މާފަންނު އާސްތާނާ ކައިރިން ސައިކަލެއްގައި ދިޔަ ދެ މީހުން ކަމަށެވެ.

އަދި ބުނީ އޭނާ އަށް ހަމަލާދީފައި ވަނީ ތޫނު އެއްޗަކުން ކަމަށާއި ހަމަލާދިނުމުގެ ސަބަބުން އޭނާގެ ކަނާތު ކޮޑުން ތިން އިންޗި ހާތަން ޒަހަމްކޮށްލާފައިވާ ކަމަށެވެ. އަދި ބުނީ މިހާރު އޭނާ އަށް އައިޖީއެމް ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށާއި މިހާރު އޭނާގެ ހާލު ރަނގަލު ކަމަށެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލަ ތަހުގީގް ކުރަމުން ގެންދާ ކަމަށާއި އަދި މިހާތަނަށް އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

މިދުވަސްވަރު ފުލުހުނަށް އަމާޒްކޮށްގެން ގިނަ ހަމަލާތަކެއް ދަނީ ދެމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް މާލެތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހަކަށް ހަމަލާދީ ވަނީ ޖަހަމްކޮށްލާފަ އެވެ. އަދި އޭނާ އަށް އިތުރު ފަރުވާދިނުމަށް މިހާރު ވަނީ ލަންކާ އަށް ފޮނުވައިފަ އެވެ.