އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް، މާލޭ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތަކުން ޚިދުމަތް ދޭނެކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އަންނަ ބުރާސްފަތި ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމަށް ސަރުކާރުން ނިންމާފައި ވަނީ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާތީއެވެ.

އައިޖީއެމްއެޗުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ނަމަވެސް އެ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާއި ވިލިމާލެ ހޮސްޕިޓަލުން ދޭ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.

މި ހޮސްޕިޓަލް ތަކަކީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށުން ހިންގާ ހޮސްޕިޓަލް ތަކެކެވެ. މިއީ ސަރުކާރު ހޮސްޕިޓަލްތަކެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ބުރާސްފަތި ދުވަހު ރިޔާސީ ބަޔާން އިއްވާ ޖަލްސާ އޮންނާނީ ހެނދުނު 9:00 ގައެވެ. މިއީ، ވިހިވަނަ މަޖިލީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވަވާނެ ފުރަތަމަ ރިޔާސީ ބަޔާނެވެ.

މީގެ ކުރިން ރައީސް މުއިއްޒު، އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވީ މިދިޔަ 19ވަނަ މަޖިލީހުގައެވެ.