15 Jul 2012, 11:08
ޕީޕީއެމުން އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއް ނިންމަވާލެއްވުމަށް ފަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގަމަށް ވަޑައިގެންނަވަނިކޮށް އެމަނިކުފާނުގެ ޕްރައިވެޓް ސެކިއުރިޓީ ކާރުކޮޅަކަށް އަމާޒުކޮށް ބަޔަކު ގައު އުކައި ހަމަނުޖެހުން ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ފޭދޫން ހަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ރޭ މެންދަމުގެ ވަގުތެއްގައި ދިން އެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލްގެ އެމްޑީޕީ މެންބަރު އަހުމަދު މިރުޒާދު ހިމެނިވަޑައިގެންނަވާ ކަމަށާއި އެހަމަލާ ދީފައި ވަނީ ރައީސް މައުމޫން ފޭދޫގެ ޝަރަފުއްދީން ސްކޫލްގައި އޮތް ޕީޕީއެމްގެ ޖަލްސާ ނިންމާލެއްުވުމަށް ފަހު އެނބުރި ގަމަށް ވަޑައިގެންނެވި މަގުމަތީގައި ފެދޫގައި ހުންނަ އެމްޑީޕީ އޮފީސް ކައިރިން ކަމަށެވެ.
ރައީސް މައުމޫންގެ ސެކިއުރިޓީ ކާރުކޮޅަކަށް ދިން އެ ހަމަލާގައި އެ ކާރުގައި އިން ސެކިއުރިޓީ މީހަކަށް އަނިޔާވެ، ކާރުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް މައުމޫން އައްޑުއަށް ކުރެއްވި އެ ދަތުރުފުޅުގައި އެ ސިޓީގެ ހުޅުމީދޫގެ ޕީޕީއެމް މެމްބަރުންނާ ބައްދަލުކުރައްވަމުން ގެންދަވަނިކޮށް އެކަމަށް ހުރަސްއެޅުމަށް މަސައްކަތްކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ތިން މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.