03 Feb 2025, 09:25
ފިލްމު "ފުކްރޭ"އިން 2013ވަނަ އަހަރު ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި އެކްޓަރު ޕުލްކިތު ސަމްރާޓުގެ ފުރަތަމަ އޯޓީޓީ ޕްރޮޖެކްޓަށް ހާއްސަ ތަމްރީނުތަކެއް ފުރިހަމަކުރަމުން އަންނަ ކަމަށް އެކްޓަރު ބުނެފިއެވެ.
ނަން ހާމަނުކުރާ މި ޕްރޮޖެކްޓުގައި ޕުލްކިތު ކުޅެން ހަމަޖެހިފައި ވަނީ ކުޅަދާނަ ބޮކްސިންގް ތަޅާ މީހެއްގެ ރޯލެވެ. މީގެކުރިން ޕުލްކިތު ފެނިފައިވާ ގިނަ ފިލްމުތަކުގައި އެކްޓަރު ހެއްވާ މަޖާ ރޯލްތަކުގެ އިތުރުން ލޯބީގެ ރޯލްތައް ވަނީ ކުޅެފައެވެ.
އެހެންނަމަވެސް ކެރިއަރުގެ ފުރަތަމަ ޑިޖިޓަލް ފިލްމަކީ ތަންކޮޅެއް ސީރިއަސް ރޯލަކުން އެކްޓަރު ފެންނާނެ ފިލްމެއް ކަމަށާއި އެކަމަށް ހާއްސަ ތަމްރީނުތަކެއް ހަދަމުން އަންނަ ކަމަށް އެކްޓަރު ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ބުނެފައެވެ.
ފިލްމު "ސަނަމް ރޭ"، "ޖުނޫނިއްޔަތު" އަދި "ވީރޭ ކީ ވެޑިންގް" ފަދަ ފިލްމުތަކުން ފެނިފައިވާ އެކްޓަރުގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ ބަތަލާ ކެޓްރީނާ ކައިފްގެ ކޮއްކޮ އިޒަބެއްލާއާ އެކު ކުޅުނު ފިލްމު "ސުވަސްގަތަމް ޚުޝްމަދީދް"އެވެ. ޕުލްކިތު އަލަށް މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ފިލްމު އުފައްދަނީ ކޮން ޑިޖިޓަލް ޕްލެޓްފޯމަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ބޮލީވުޑް އެކްޓަރު ޕުލްކިތު ސަމްރާޓު އަދި އަންހެނުން ބަތަލާ ކްރިތީ ހަރުބަންދާ -- ފޮޓޯ/ ޕިންކްވިލާ
ފިލްމު "ފުކްރޭ"ގެ ފްރެންޗައިސްއިން އެކްޓަރަށް ލިބުނު މަގުބޫލުކަމާ އެކު ފަހުން އޭނާ ކުޅުނު ފިލްމުތަކަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން އަލަށް ފަށާ މި ފިލްމުން ޕުލްކިތު މުޅިން ތަފާތު ކެރެކްޓާ އަކުން ފެންނާނެތީ މިއީ އޭނާގެ ކެރިއަރު ބަދަލުކޮށްލާނެ ފިލްމަކަށް ވުމުގެ އުންމީދު އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެކުރިން ކައިވެންޏެއް ކޮށްފައިވާ އެކްޓަރު މިހާރު ކައިވެނިކޮށްގެން އުޅެނީ ބަތަލާ ކްރިތީ ހަރުބަންދާއެވެ. މިދިޔަ އަހަރުގެ މާޗް މަހު ދެ މީހުންގެ ކައިވެނި ކުރެވުނީ ފަސް އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހުއެވެ.