މިއުޒިކް އިންޑަސްޓްރީގެ އެންމެ ފާހަގަކޮށްލެވޭ ތަރީންގެ ތެރޭގައި ހިމެނޭ ކާންޔޭ ވެސްޓް އޭނާ ސޯޝަލް މީޑިއާގައި ހަމައެކަނި ފޮލޯ ކުރާ މީހަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ވެއްޖެއެވެ.

ކާންޔޭ މި ފަހަކަށް އައިސް ސޯޝަލް މީޑިއާތަކުގައި ވަރަށް އެކްޓިވެވެ. ނަމަވެސް، އެންމެ ގިނައިން އޭނާ ޕޯސްޓުކޮށް ހަދަނީ އިންސްޓަގްރާމްގައެވެ. ޖުމްލަ 20.1 މިލިއަން ފޮލޮވަރުން ހުރި ކާންޔޭގެ އިންސްޓަގްރާމް އެކައުންޓުން އޭނާ އެއްވެސް މީހަކު ފޮލޯއެއް ނުކުރެއެވެ.

ނަމަވެސް, ދާދިފަހުން އޭނާ ވަނީ ފުރަތަމަ ފަހަރަށް މީހަކު ފޮލޯކޮށްފައެވެ. އެއީ, ޓޭލާ ސްވިފްޓެވެ. ޓޭލާ ފޮލޯ ކުރިކަން ހާމަކޮށް ކާންޔޭ ވަނީ އެކަން އިންސްޓަގްރާމް ސްޓޯރީއަށް ވެސް ލާފައެވެ.

ކާންޔޭ މިކަންތައް ކޮށްފައިވަނީ ގްރެމީ އެވޯޑު ހަފުލާ އާ ގާތް ކޮށްފައެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މި ކަމަކީ ޓޭލާއަށް ފުރައްސާރަ ކުރުމުގެ ގޮތުން ކުރި ކަމެކެވެ. އެއީ, ދެ މީހުންގެ ދޭތެރޭގައި އޭނާ އުފައްދާފައިވާ ހަމަނުޖެހުމާ ގުޅިގެންނެވެ.

ޓޭލާއާއި ކާންޔޭ ޖައްސާލައިގެން އުޅޭކަން އެންމެ ފުރަތަމަ އެނގިފައިވަނީ ގްރެމީ އެވޯޑު ހަފުލާއެއްގެ ތެރެއިންނެވެ. ގްރެމީގެ 2009 ވަނަ އަހަރުގެ ހަފުލާގައި ޓޭލާއަށް ވަނީ އެވޯޑެއް ލިބިފައެވެ. ނަމަވެސް، އެވޯޑު ބަލައި އަރައި ހުއްޓައި ކާންޔޭ ވަނީ ސްޓޭޖަށް އަރައި އެވޯޑު ހައްގު ނޫން ކަމަށް ބުނެ ބޮޑު ޑްރާމާގަނޑެއް ފަށާފައެވެ.

އެއަށް ފަހު މިހާތަނަށް ވެސް ކާންޔޭ ވަނީ އެކި ގޮތްގޮތުން ޓޭލާއަށް ފުރައްސާރަ ކޮށްފައެވެ. އޭގެ ތެރޭގައި އޭނާ ނެރުނު މިއުޒިކް ވީޑިއޯއެއްގައި ޓޭލާ ސިފައިގެ ބުދެއް ހަދައި އެ ބަރަހަނާ ހާލުގައި ދައްކާ މަންޒަރުތަކެއް ވަނީ ދައްކާފައެވެ. އޭގެ އިތުރުން ވެސް ސޯޝަލް މީޑިއާގައި ޓޭލާ އާ ދިމާލަށް ނުސީދާކޮށް އެކި ފަހަރުގެ މަތީން ތަފާތު ވާހަކަތަކެއް ކާންޔޭ ދައްކާފައިވެއެވެ.