15 Jul 2012, 10:45
އިސްލާމިކް ފައުންޑޭޝަން އިން "އެމްވީޓީވީ"ގެ ނަމުގައި އާ ދީނީ ޗެނަލެއް އިއްޔެ ފަށައިފި އެވެ. މިއީ ދީނީ ކަންތައްތަކަށް ހާއްސަކޮށްގެން ރާއްޖޭގައި ފެށި ފުރަތަމަ ޓީވީ ޗެނަލެވެ.
"އެމްވީޓީވީ"ގެ ހެޑް ޕުރޮޑަކްޝަން އެންޑް ބްރޯޑްކާސްޓިން އިބްރާހިމް މުހައްމަދު ވިދާޅުވީ ދިވެހިންގެ ހިތްތަކުގައި ދީނީ ލޯބި އާލާކޮށް ދީނީ އެކިއެކި މައުލޫމާތުތައް ފޯރުކޮށްދިނުމަށް ޓަކައި އުފެއްދި ޗެނަލް ފެންނާނީ ކޮންމެ ދުވަހަކު މެންދުރު 2:00 އިން ރޭގަނޑު 12:00 އަށް ކަމަށެވެ. އަދި ބުނީ އެޗެނަލުން ކުރިއަށް ދާނީ ހަމައެކަނި ދީނީ އަދި އިޖްތިމާއި ޕުރޮގްރާމްތައް ކަމަށެވެ.
"އަޅުގަނޑުމެންގެ ޗެނަލުން ފުންނާބު އުސް ޝެއިހުންގެ ޕުރޮގުރާމްތަށް ފެނިގެންދާނެ. އަދި ދީނީ ގިނަ ގުނަ މައުލޫމާތްތަކެއް ލިބޭނެ. ނަމަވެސް ހަމައެކަނި އަޅުގަނޑުމެން ޕްރޮގްރާމްތަކުން ފެންނާނީ ސިޔާސީ މައިދާނުގައި ހަރަކާތްތެރި ނުވާ ޝެއިހުން،" އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޗެނަލް މިހާރު ފެނިގެން ދާނީ މީޑިއާނެޓުގެ 155 އިން ކަމަށާއި އަދި ވަރަށް އަވަހަށް ޑިޖިޓަލް ޓެރެސްޓީލިއަލްކޮށް މާލެ ކައިރި ހިސާބުތަކަށް ފެންނާނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ. އަދި ބުނީ ސެޓްލައިޓް ދުވެރިކޮށް ރާއްޖެތެރެއަށް ފެންނާނެ ގޮތް ހެދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން ގެންދާ ކަމަށެވެ.
މިދިޔަ މޭމަހުގެ ތެރޭގައި ބްރޯޑްކާސްޓިން ކޮމިޝަނުން ހުއްދިދިން އެ ޗެނަލް މިހާރު ހިންގަމުން ގެންދަނީ ސަފޫރާމަންޒިލްގެ ފުރަތަމަ ބުރީގަ އެވެ.