ވޮޝިންގޓަން (ޖުލައި 15): މީހުންނާނުލާ ދަތުރުކުރާ ރިމޯޓް ކޮންޓްރޯލް ސަބްމެރިންތަކެއްޢަރަބި ކަނޑާއި ގަލްފުގެ ސަރަޙައްދަށް އެމެރިކާ ފޮނުވައިފި އެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންނާ ޙަވާލާދީ ލޮސްއެންޖެލަސް ޓައިމްސް ބުނި ގޮތުގައި މީހުންނާނުލާ ދަތުރުކުރާ މިސަބްމެރިންތަކުގެ ބޭނުމަކީ ދުނިޔެ އަށް އެކްސްޕޯޓްކުރާ ތެލުގެ 25 ޕަސެންޓް ހުރަސްކުރާ ގަލްފުގެ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް އީރާނުން ހިންގަފާނެ ޢަމަލަކަށް ހުރަސްއެޅުމެވެ.

މިގޮތުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް އީރާނުން ކަނޑުގެ މައިން ފަދަ ތަކެތި ހަރުކޮށްފި ނަމަ އެތަކެތި ނައްތާލުމާއި ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް އީރާނުން ކޮށްފާނެކަންތައްތައް ބަލައި ޖާސޫސުކުރުމުގެ ޤާބިލްކަން މިސަބްމެރިންތަކަށް ލިބިގެންވާ ކަމަށާއި މިކަމަށް ޓަކައި ގަލްފުގެ މުޅި ސަރަޙައްދާއި ޢަރަބި ކަނޑުގެ އެތަންމިތަނުގައި މި ސްބަމެރިންތައް ޕެޓްރޯލްކުރަމުން ގެންދާނެ ކަމަށް ލޮސްއެންޖެލަސް ޓައިމްސް ބުނެ އެވެ.

އީރާނުން ވަނީ ގަލްފް ހުރަސްކޮށްގެންދާ އެޤައުމުގެ ތެލުގެ ޝިޕްމަންޓްތަކަށް އެމެރިކާ ހުރަސްއަޅާ ނަމަ ގަލްފު ހުރަސްކޮށް އެއްވެސް ޤައުމަކަށް ތެޔޮބޭރުނުކުރެވޭ ގޮތަށް ހުރްމުޒް ކަނޑުއޮޅި ބަންދުކުރާނެކަމުގެ އިންޒާރުދީފަ އެެވެ. މިކަންކުރުމަށް ބޭނުންވާ ޢަސްކަރީ ޕްލޭން ތައްޔާރުކޮށްފައިވާ ކަމަށް ވެސް އީރާނުގެ ކަނޑުގެ ސިފައިން ބުނެ އެވެ. ހުރްމުޒް ކަނޑުއޮޅިއަކީ ޢަރަބި ގަލްފުގައިވާ އެންމެ ހަނި ސަރަޙައްދެވެ.

ފަންސަވީހަކަށް ކިލޯ މީޓަރުގެ ފުޅާމިނުގެ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަކީ ޢަމަލީ ގޮތުން އީރާނަށް ކުރެވިދާނެ ކަމެއްކަމަށް އެމެރިކާ ވެސް ޤަބޫލުކުރެ އެވެ. ހުރްމުޒް ކަނޑުއޮޅިއަށް އެތައް ހާސް ކަނޑުގެ މައިން އަޅައިގެން ނޫނީ އެކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ރޮކެޓް ހަމާލާދީގެން ފަދަ ގޮތްގޮތަށް އީރާނަށް އެކަނޑުއޮޅި ބަންދުކުރެވިދާނެ ކަމަށް އެމެރިކާ ސިފައިންގެ އިސްކޮމާންޑަރު ޖެނެރަލް ރޭ އޮޑިނޯ ވިދާޅުވެފައިވެ އެވެ. ނަމަވެސް އީރާނުން މިފަދަ ޢަމަލެއް ހިންގައިފި ނަމަ އެކަމަށް ވަރަށް ވަރުގަދަ އަށް ރައްދުދޭނެ ކަމުގެ އިންޒާރު ޖެނެރަލް އޮޑިނޯވަނީ ދެެއްވާފަ އެވެ.

އެމެރިކާ އިން ގަލްފަށާއި ޢަރަބި ކަނޑަށް ފޮނުވި ރިމޯޓް ކޮންޓްރޯލް ސަބްމެރިންތަކަކީ ޖަރުމަނުގައި އުފައްދާފައިވާ ވަރަށް ފެންވަރު ރަނގަނޅު ސަބްމެރިން ތަކެއް ކަމަށް ޚަބަރުލިބެ އެވެ. (އަލްޖަޒީރާ)