15 Jul 2012, 09:40
އަލަބާމާ (ޖުލައި 15): އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަވާހާރަކޮށްލުމަށް ރޭވިކަމުގެ ކުށުގައި އުޒްބަކިސްތާނުގެ މީހަކު 15 އަހަރަށް ޖަލަށް ލުމަށް އެމެރިކާގެ ސްޓޭޓެއްކަމަށްވާ އަލަބާމާގެ ކޯޓަކުން ޙުކުމްކޮށްފި އެވެ.
އުލޫޖިކް ކޮދްރިރޯވް ނަމަކަށްކިޔާ މިމީހާއަކީ 2009 އިން ފެށިގެން އެމެރިކާގައި ދިރިއުޅޭ މީހެކެވެ. އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ ހުއްދަނެތި ހަތިޔާރު ގެންގުޅުމާއި "ޓެރަރިޒަމް" ކަމަށް އެމެރިކާ ސިފަކުރާ ކަންކަމަށް ވާގިވެރިވުމާއި މަރާލާނެކަމުގެ ބިރު އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ދެއްކުމެވެ. މިމައްސަލައިގެ ތަޙްޤީޤްތަކުގައި މިދިޔަ ފެބްރުއަރީ މަހު އޭނާ ވަނީ ކުށަށް އިޢްތިރާފްވެފަ އެވެ.
މިމައްސަލަ ތަޙްޤީޤްތައް ބުނާ ގޮތުން އޮބާމާ އަވަހާރަކޮށްލަން ބޭނުންވާ ވާހަކަ ކޮދްރިރޯވް ބައެއް މީހުންގެ ގާތުގައި ދެއްކުމާ އެކު އެފެރާތްތަކުން އެމެރިކާގެ ފެޑްރަލް އެޖެންޓުންނަށް އެކަން އެންގީ އެވެ. އެއަށް ފަހު މިމައްސަލާގައި ކޮދްރިރޯވް ބައްދާލުމަށް ފެޑްރަލް އެޖެންޓުން މިފަރާތްތައް މެދުވެރިކޮށް އޭނާ އަށް ހަތިޔާރު ދިނުމަށް ރާވައި އޭނާއަށް ހަތިޔާރުދީ ދަލުގައި ޖައްސުމަށް ފަހު އެންމެ ފަހުން އޭނާ ހައްޔަރުކުރީ އެވެ.
އޮބާމާ އަވަހާރަކޮށްލާނެ ކަމަށްބުނެ ކޮދްރިރޯވް ވާހަކަ ދައްކަމުން ގެންދިޔުމުން ފެޑްރަލް އެޖެންޓުން އޭނާ ބައްދާލުމަށް ރޭވިރޭވުންތަކުގެ ދަލުގައި ކޮދްރިރޯވް ޖެހޭގޮތްވީ ހަތިޔާރު ހޯދުމަށް ޓަކައި އޭނާގެ ރަޙްމަތްތެރި ބަޔަކާ ބައްދަލުކުރުމަށް ފަހު އެމީހުންގެ އަތުން ހަތިޔާރު ހޯދައިގެން އެ ބައްދަލުވުމުން ކޮދްރިރޯވް ނުކުތުމާއެކު ފެޑްރަލް އެޖެންޓުން އޭނާ ހައްޔަރުކުރުމުންނެވެ. ހަތިޔާރު ހޯދުމަށް ކޮދްރިރޯވް ބައްދަލުކުރި އޭނާގެ ރަޙްމަތްތެރިންނަށް ހަތިޔާރު ފޯރުކޮށްދީފައި ވަނީ ފެޑްރަލް އެޖެންޓުންނެވެ.
ކޮދްރިރޯވް ބުނާ ގޮތުން އޮބާމާ އަވަހާރަކޮށްލުމަށް އޭނާ ބޭނުންވީ އޮބާމާގެ ވެރިކަމުގައި އެމެރިކާ އިން އަފްޣާނިސްތާނަށާއި ޕާކިސްތާނަށް ޙަމަލާދީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޢާންމުން މަރައި އެމެރިކާ ހިންގާ ސްޓޭޓް ޓެރަރިޒަމްގެ ޢަމަލުތަކުގެ ފަހަތުގައި އޮބާމާ ހުންނަވާތީ އެވެ. އޮބާމާގެ އަމުރަށް އެހެންޤައުމުތަކުގެ ކުށެއްނެތް މީހުން މަރަމުން ގެންދާއިރު އޮބާމާ މެރުން ހުއްދަވާނެ ކަމަށްބުނެ ކޮދްރިރޯވް އެމެރިކާގެ އެކިއެކިތަންތަނުގައި ވާހަކަ ދައްކަމުން ގެންގޮސްފައިވާ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވެސް ބުނެފައިވެ އެވެ.
އެމެރިކާގެ އަނިޔާވެރިކަމާއި އިސްލާމީ ބައެއް ޤައުމުތަކާ ދެކޮޅަށް އެމެރިކާ ހިންގަމުން ގެންދާ މީހުން މެރުމާއި އިންސާނިއްޔަތާ ޚިލާފް ޢަމަލުތައް ކޮދްރިރޯވްއަށް ވިސްނައިދިނީ އިންޓަނެޓްގެ ސޯޝަލްނެޓްވާކްތައް މެދުވެރިކޮށް އޭނާ އާ ބައްދަލުވި އުޒްބަކިސްތާން މީހެއްކަމަށް ޚަބަރުތައް ބުނެ އެވެ. މިއީ އުޒްބަކިސްތާނުގެ އިސްލާމީ ޖަމާއަތެއްގެ މީހެއްކަމަށް އެމެރިކާ ތުހުމަތުކުރެ އެވެ. (ޖަރުމަނު ނޫސްއެޖެންސީ)