02 Feb 2025, 09:15
ބޮލީވުޑްގެ ފިލްމީތަރިން ކަމަށްވާ ސައިފް އަލީ ޚާނާއި އަމްރީތާ ސިންގްގެ ދަރިފުޅު އިބްރާހީމް އަލީ ޚާން ފިލްމު އިންޑަސްޓްރީއަށް ތައާރަފުވާ ފިލްމުގެ ޕޯސްޓަރު ދައްކާލައިފިއެވެ.
ނެޓްފްލިކްސްގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައި ވަނީ އިބްރާހީމާ އެކު ފިލްމު "ނާދާނިޔާ"އިން ފެންނާނީ ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރު ކަމަށެވެ.
މި ފިލްމުގެ ޕޯސްޓަރު އާއްމުކޮށްފައިވާއިރު މިދިޔަ ހަފުތާގައި ކަރަން ޖޯހަރު ވަނީ އިބްރާހީމް ބޮލީވުޑަށް ތައާރަފު ކުރާނީ އަމިއްލަ ފިލްމު ކުންފުނި ދަރުމާއިން ކަމަށް ބުނެފައެވެ.
އަލަށް ފިލްމު ޑައިރެކްޝަނަށް ނުކުންނަ ޝައުނާ ގޯތަމް އުފައްދާ މި ފިލްމަކީ މި ޒަމާނުގެ ޒުވާނުންނާ ވަރަށް ގުޅޭ ލޯބީގެ ވާހަކައެއް ގެނެސްދޭނެ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖުނައިދު ޚާން އަދި ޚުޝީ ފިލްމު "ލަވްޔާޕާ"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ނެޓްފްލިކްސްގައި ޕްރީމިއާކުރާ ގޮތަށް ހަމަޖެހިފައިވާ ފިލްމު "ނާދާނިޔާ"އަކީ ދަރުމާ ޕްރޮޑަކްޝަންސްގެ ވެބް ކޮންޓެންޓްތައް ގެނެސްދޭ ގޮފި ދަރުމެޓިކް އެންޓަޓެއިންމަންޓްގެ އުފެއްދުމެކެވެ.
ދަރުމާގެ ފިލްމަކުން އިބްރާހީމް ފިލްމީ ދާއިރާއަށް ތައާރަފުވާނެކަން އިއުލާނުކޮށްފައި ވާއިރު 23 އަހަރުގެ ޒުވާނާ ވަނީ ދަރުމާއިން އުފައްދާ ފިލްމު "ސަރްޒަމީން"ގެ މަސައްކަތް ނިންމާލާފައެވެ.
ބަތަލާ ކާޖޮލް މުހިއްމު ރޯލް ކުޅޭ މި ފިލްމަކީ ކުރިން އިބްރާހިމް ބޮލީވުޑަށް ތައާރަފުވާނެ ފިލްމު ކަމަށް ވާހަކަ ދެކެވުނެވެ. ނަމަވެސް ފަހުގެ ރިޕޯޓުތައް ބުނާގޮތުން އިބްރާހީމް އަސްކަރީ އޮފިސަރެއްގެ ރޯލް ކުޅޭ މި ފިލްމު ރިލީޒް ކުރާނީ ނެޓްފްލިކްސްގައި ޕްރީމިއާކުރާ ފިލްމު "ނާދާނިޔާ"އަށްފަހުއެވެ.
އިބްރާހީމް ފިލްމީ ދާއިރާއަށް ތައާރަފުވާނެ ދުވަހެއްގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބި ނަމަވެސް ދަރުމާގެ ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.
އިބްރާހީމާ އެކު މި ފިލްމުގެ ބަތަލާގެ ރޯލް ކުޅޭ ޚުޝީ ކަޕޫރު ވަނީ 2023 ވަނަ އަހަރު ނެޓްފްލިކްސްއިން ގެނެސްދިން ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ ފިލްމު "ދަ އާޗީސް"އިން ފިލްމީ ކެރިއަރު ފަށާފައެވެ. ޚުޝީ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އޭނާގެ ކެރިއަރުގެ ދެވަނަ ފިލްމު "ލަވްޔާޕާ"އިންނެވެ.
މި އަންނަ ހުކުރު ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ އެކްޓަރު އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާންގެ ވެސް ދެވަނަ ފިލްމެވެ.