14 Jul 2012, 21:52
މިދުވަސް ވަރަކީ ރާއްޖެއަށް ބޭރުފައިސާ ލިބުން ދަތިވެފައިވާ ދުވަސް ވަރެއް ކަމަށާއި މިހާރު އެމައްސަލަ ހައްލުކުރުމަށްޓަކައި އެހެން އިންސްޓުރޫމަންޓެއް ތައާރަފް ކުރަން މަސައްކަތް ކުރަމުން ގެންދާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ(ގެ ގަވަރުނަރު ފަޒީލް ނަޖީބް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްއޭއިން އަލަށް ތައާރަފްކުރި ފަސް ލާރިއާއި 10 ލާރި ތައާރަފްކުރުމުގެ ގޮތުން އެމްއޭގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގަވަރުނަރު ފަޒީލް ނަޖީބު ވިދާޅުވީ ކުރިއަށް ރޯދަމަހު ބޭރުފައިސާ ގެ ބާޒާރަށް ބޮޑެތި އަސަރުތަކެއް ކުރަމުން ގެންދާ ކަމަށާއި އޭގެ އަސްލަކީ ރާއްޖޭގެ އިގްތިސާދުގެ ތެރެއަށް ދިވެހި ފައިސާ ގިނަވުން ކަމަށެވެ. ފަޒީލް ވިދާޅުވީ އެކަން ހައްލުކުރުމަށް އިތުރު އިންސްޓުރޫމަންޓެއް ބޭރުފައިސާގެ ބާޒާރަށް ތައާރަފްކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ކުރިއަށް އޮތް ދެހަފްތާއެއްގެ ތެރޭގައި އެ އިންސްޓްރޫމަންޓް ތައާރަފްކުރެވޭ ވަރުވާނެ ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ އަލަށް ތައާރަފްކުރާ އިންސްޓުރޫމަންޓުގެ ސަބަބުން ކުރިއަށްއޮތް ފަތުރުވެރިކަމުގެ ސީޒަންފެށެން ދެން ކޮންމެވެސް މިންވަރެއްގެ ލުޔެއް ލެބޭނެ ކަމަށް" ގަވަރުނާ ވިދާޅުވިއެވެ.
ޑރ. ފަޒީލް ވިދާޅުވީ އެމްއެމްއޭއިން އަބަދުވެސް ބޭރުފައިސާގެ ބާޒާރަށް އިންޓަވީން ކުރަމުންގެންދާ ކަމަށާއި ކޮންމެ ހަފްތާއަކުވެސް އެމްއެމްއޭއިން ބޭންކު ތަކަށް ބޭރު ފައިސާ ވިއްކަމުން ގެންދާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށް ދުރުރާސްތާ ސިޔާސަތުތަކެއް ކަނޑައަޅަންޖެހޭ ކަމަށާއި ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ އޮތުމަކީ ދެމެހެއްޓެނިވި ގޮތެއްނޫންކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވުމުގެ ބަދަލުގައި އެހެން ސިނާއަތެއް ފުޅާކުރަން ވެއްޖެ ކަމަށް ގަވަރުނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ދިވެހި ރާއްޖޭގައި ޕްރައިވެޓް އިންވެސްޓުމަންޓުތަކަށް ފުރުސަތު ބޮޑުކޮށް އިގްތިސާދުގައި ސަރުކާރުގެ ދައުރު ކުޑަކުރަން ޖެހިފައިވާ ކަމަށެވެ.
"ސަރުކާރުގެ ދައުރު އިގްތިސާދުގައި އާދަޔާހިލާފަށް ބޮޑު ވުމުން އިގްތިސާދުގައި ތެރޭގައި ދިވެހި ރުފިޔާ އާދަޔާ ހިލާފަށް ދަނީ ގިނަވަމުން އަދި އަޅުގަނޑުމެން އިންންޕޯޓް ކުރަންފެށީމައި ބޭރު ފައިސާގެ މާކެޓަށް ނޭދެވޭ އަސަރުކޮށް ރުފިޔާގެ އަގަށް ބޮޑެތި ބަދަލުތަށް އަންނަނީ" ގަވަރުނާ ނަޖީބް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ ވަކި ލާރި ސުވެނިއާއެއްގެ ގޮތުގައި ޓުވަރިސްޓުން ގެންދަމުން ދާ ކަމުގެ މައުލޫމާތް ލިބޭ ކަމަށާއި އެކަމުގެ ހައްލަކަށް ސުވަނިއާ ވަކި ލާރިތަކެއް ޖެހުމަށް ޓުވަރިޒަމް މިނިސްޓްރީ އާއި އެދާއިރާގައި މަސައްކަތް ކުރާބޭފުޅުނާއި މަޝްވަރާކުރަމުން ނިންމާފައިވާކަމަށެވެ.