ބަދަލުތަކަކާއެކު ވަކި ލާރީގެ ގޮތުގައި ބޭނުން ކުރާނެ އައު ފަސް ލާރި އާއި 10 ލާރިގެ ފައިސާ ފޮތި މަރުކަޒީ ބޭންކް، އެމްއެމްއޭއިން ތައާރަފް ކޮށްފި އެވެ.

އަލަށް ތައާރަފްކުރި ފައިސާ ފޮތި ތައާރަފްކުރުން އޮތީ އެ ބޭންކުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ފައިސާ ފޮތިތައް ތައާރަފް ކޮށްދެއްވީ ކޮމިޝަނާ އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދެވެ.

ކުރީގެ ފަސް ލާރީގައި ވަށައިގެން ތުޑު ހުރި ނަމަވެސް އައު ފައިސާ ފޮތި ހުންނަނީ ވައްކޮށެވެ. އަދި ކައިރިފަށް ހުންނަނީ ހުރަހަށް ރޮނގު ދަމައި އުފުއްލައިފަ އެވެ. އައު ފައިސާ ފޮތީގައި ހިމެނޭ ހިޖުރީ ތާރީހަކީ 1433 ކެވެ. އަދި މީލާދީ ތާރީހަކީ 2012 އެވެ. ނަމަވެސް ލާރީގައި ބޭނުންކޮށްފައިވާ ކުރެހުމަށް ބަދަލެއް ގެނެސްފައެއްނުވެ އެވެ.

އަލަށް ތައާރަފްކުރި 10 ލާރީގައިވެސް ހުންނަނީ ވައްކޮށެވެ. އެފައިސާ ފޮތީގައި ހިމެނޭ ތާރީހަކީ 1433 އާއި 2012 އެވެ. އެ ފައިސާ ފޮތީގައި ބޭނުންކޮށްފައިވާ ކުރެހުމަށްވެސް ބަދަލެއް ގެނެސްފައެއްނުވެ އެވެ.

އެމްއެމްއޭއިން ބުނީ އަލަށް ތައާރަފްކުރި ފަސް ލާރިއާއި10 ލާރިއާއެކު ކުރިންވެސް ބޭނުން ކުރަމުން އައި ފަސް ލާރިއާއި 10 ލާރީގެ ފައިސާ ފޮތިތަށްވެސް ދައުރު ވާނެ ކަމަށެވެ.

އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނާ އައިޝަތު ޒާހިރާ ވިދާޅުވީ ފަސް ލާރިއަށާއި 10 ލާރި ފޮއްޗަށް ބަދަލުގެންނަން ނިންމީ ޖީއެސްޓީ ނަގަން ފެށުމާއެކު އެ ފައިސާފޮތި ބޭނުން ކުރާ މިންވަރު އިތުރުވެ އެ ފައިސާ ފޮތިތައްވެސް މެޝިނުން ގުނަން ޖެހިފައިވާތީ އެކަމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ. އަދި ވިދާޅުވީ އައު ފައިސާ ފޮތީގެ ޑިޒައިނަށް ގެނައި ބަދަލާ އެކު އެ ފައިސާ ފޮތިތައް ޖަހަން ކުރަންޖެހޭ ހަރަދުވެސް ހެޔޮވެފައިވާ ކަމަށެވެ.

"މިހާރު ފައިސާ ފޮތި ޖަހާއިރު ފައިސާ ވައްކޮށްލުމުން މެޓަލް ގެ ކުއަންޓިޓީ [މައުދަން ބޭނުން ކުރާ މިންވަރު] މަދު ވުމުން ފައިސާ ޖަހަން ހޭދަކުރަން ޖެހޭ ހަރަދު ކުޑަވޭ" ޒާހިރާ ވިދާޅުވި އެވެ. "މިއޮތޯރިޓީއަށް ފާހަގަ ކުރެވެނީ ފައިސާ ފޮތިތަށް އެކަށޭނަގޮތަކަށް ދައުރު ނުވާކަން ފައިސާ އަކީ ދިގުމުއްދަތަކަށް ބޭނުންކުރެވޭ އެއްޗަކަށް ވުމުން މިއޮތޯރިޓީން އިސްތިމާސްކުރަން ފޮރުވާފައި ނުބަހައްޓާ ވިޔަފާރީގެ ތެރެއަށް ނެރުމަށް"

އަދި ވިދާޅުވީ ޖީއެސްޓީ ނަގަން ފެށުމުން ވަކި ލާރީގެ ޑިމާންޑް ބޮޑުވެގެން ދިޔުމާއެކު ވަކި ލާރި ވިޔަފާރީގެ ތެރޭގައި ދައުރުކުރުމަށް ގިނަ މަސްއަކްތަތަކެއް ކުރަމުންގެންދާ ކަމަށާއި ދައުރުވަމުން ދާ ފައިސާގެ ތެރެއަށް ފައިސާ ފޮތި ނެރެމުން ދާ ކަމަށް ވިދާޅުވި އެވެ.

އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ ޖީއެސްޓީ ނަގަން ފެށުމާއެކު ވަކިލާރީގެ ޑީމާންޑް ބޮޑުވެ ވިޔަފާރިވެރިންގެ ޝަކުވާ ލިބެމުންދިޔަ ކަމަށާއި ނަމަވެސް އެމްއެމްއޭގެ އެހީތެރިކަމާއެކު މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށެވެ.