14 Jul 2012, 15:43
ދިރާގު ދިވެހި ލީގުގައި މާދަމާ ހަވީރު ކުލަބް ވެލެންސިޔާއާ ދެކޮޅަށް ނުކުނައިރު ނިއުރޭޑިއަންޓުގެ ޓާގެޓަކަށް ވެފައި ވަނީ މެޗުން ބަލިނުވެ، ލީގުގައި ދަމަހައްޓަމުން އަންނަ ލީޑް އިތުރަށް ފުޅާކުރުން ކަމަށް އެޓީމްގެ ހެޑް ކޯޗް މުހައްމަދު ޝިއާޒް(މޯހަން) ބުނެފި އެވެ.
މެޗުގެ ކުރިން ކޯޗް މޯހަން ބުނެފައި ވަނީ، މާދަމާ ވެލެންސިޔާއާ ދެކޮޅަށް ނުކުނަ އިރު ޓީމުގެ މުހިންމު ދެތިން ކުޅުންތެރިއަކަށް އަނިޔާވެފައިވާ ކަމަށެވެ. އެގޮތުން ބިދޭސީ ކުޅުންތެރިތާ ކިންގްސްލޭ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނަ ވެސް މާދަމާގެ މެޗުގައި ނުފެންނާނެ ކަމަށް މޯހަން ބުންޏެވެ.
"މާދަމާގެ މެޗަށް ނުކުނައިރު ޓީމުގެ ދެ ތިން ކުޅުންތެރިއަކަށް ވަނީ އަނިޔާވެފައި. ޓީމުގެ މުހިންމު ޑިފެންޑަރު ކިންގްސްލޭ އަށް ވެސް މާދަމާގެ މެޗުގައި ނުކުޅެވޭނެ. އޭނަގެ ފަލަމަސްގަނޑު ވަނީ ފަޅައިގެން ގޮސްފައި." މޯހަން ބުންޏެވެ.
މޯހަން ބުނީ، ޓީމުގެ ފޯވާޑް ލައިން ކިތަންމެ ވަރުގަދަވި ނަމަވެސް ގިނަ ގޯލްތަކެއް ޖެހުމަށް ވުރެ ތިން ޕޮއިންޓް މާ މުހިންމު ކަމަށެވެ.
"ކޮންމެ ހެން ގިނަ ގޯލްތަކެއް ޖަހާކަމަށް ބޭނުމެއް ނުވޭ. ބޭނުން ވަނީ ތިން ޕޮއިންޓް. އެއް ލަނޑުން މޮޅުވިޔަސް، އެއީ ހަމަ ވަރަށް ބޮޑު ކާމިޔާބީއެއް." މޯހަން ބުންޏެވެ.
ވެލެންސިޔާއާ ދެކޮލަށް ނިއު މާދަމާ ނިކުންނަ އިރު ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން އެޓީމް ބަލިވެފައި ނުވާއިރު، ލީގުގެ އެއް ވަނާގައި އެޓީމް އޮތީވެސް އެއްވެސް ބިރެއް ނެތު އެވެ. އެގޮތުން ލީގުގެ އެއްވަނާގައި ނިއު އޮތީ ވާދަވެރި ވިކްޓަރީއަށް އަށް ވުރެ ހަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ.