ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 110 ފުލުހަކު ހުވާކޮށްފި އެވެ.

އިސްކަންދަރު ބިލްޑިންގްގައި މިދިޔަ ބުރާސްފަތު ދުވަހު އޮތް ރަސްމިއްޔާތެއްގައި ފުލުހުންނަށް ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް ޢަބްދުﷲ އަރީފް އެވެ.

އެ ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ވަނީ ހުވަޔާ ބެހޭ ގޮތުން ވާހަކަ ފުޅު ދައްކަވާފަ އެވެ. އެގޮތުން ދައުލަތެއްގައި މަސްއޫލިއްޔަތު އަދާކުރާ އިރު ބައެއް ވަޒީފާތަކަކީ ހުވާކޮށްގެން އަދާކުރެވޭ ވަޒީފާތަކެއް ކަމަށާއި ހުވާކުރާ ކޮންމެ މީހަކު ވެސް ތެދުވެރިކަމާ އެކު ހުވައަށް އަމަލުކުރުންމަތީ ދެމިހުރުމަށް ގޮވައިލެއްވި އެވެ. އަދި ހުވަޔާއި ޚިލާފުވެއްޖެ ނަމަ ކައްފާރާއެއް ގޮތުން ކުރަން ޖެހޭ ކަންތައްތަކަށް ބައްލަވައި ވާހަކަފުޅު ދެއްކެވި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ ރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި އެސިސްޓަންޓް ކަމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ސާދިޤް ބައިވެރިވެވަޑައިގެންނެވި އެވެ.