14 Jul 2012, 15:27
ޕެރައިޑައިސް އައިލްޑް ރިސޯޓްގެ "އެކްސްކާސަން" ކުރާ ފެރީއަކުން 30 ކިލޯގެ މާވަހަރެއް މިއަދު ހޮވައިފި އެވެ.
އެ ފެރީގެ ކެޕްޓަން އިބްރާހިމް އަބުދުލްރަހުމާން ބުނީ އެ ދޯނިން މާވަހަރު ހޮވީ މިއަދު 11:45 އެހާކަންހާއިރު ޕެރަޑައިސްގެ ބޭރުން ކަމަށާއި އޭރު އެ ދޯނީގައި ތިބީ ކެޕުޓަނާއި ދެ ފަޅުވެރިން ކަމަށެވެ.
"އަޅުގަނޑުމެން މިއަދު ދުއްވާލަން ނުކުމެ އުޅެނިކޮށް ފެނުނީ ހުދަން ބަރު މާވަހަރެއް، އެއީ މާވަހަރެއްކަން ޔަގީން،" އިބްރާހިމް ބުންޏެވެ.
އޭނާ ބުނީ އެ މާވަހަރު މިހާރު ބާއްވާފައި އޮތީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކަމަށާއި އަދި އެ މާވަހަރަށް ހަދާނެ ގޮތެއް ނުނިންމާ ކަމަށެވެ.
ޕެރަޑައިސްގެ އެފެރީން މާވަހަރު ހޮވާފައިވާ އިރު ފޯކައިދޫ ބަޔަކު ވަނީ ފަހުގެ ތާރީހެއްގައި ރާއްޖެ އިން ހޮވި އެންމެ ބޮޑު މާވަހަރު ކަމަށްވާ، ބަރުދަނުގައި 480 ކިލޯ ހުރި މާވަހަރެއް މިދިޔަ ބުރާސްފަތި ދުވަހު ހޮވައިފަ އެވެ. އަދި ރ. ދުވާފަރު ދޯންުޏެއް ވެސް ވަނީ 180 ކިލޯގެ ހުދަން ބަރު މާވަހަރެއް މިދިޔަ މަހުގެ ތެރޭގައި ހޮވައިފަ އެވެ. މިދުވަސްވަރަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނައިން މާވަހަރު ހޮވާ ދުވަސްވަރެވެ.