ދިރާގް ދިވެހި ލީގުގެ ދެ ވަނަ ބުރުގައި މާދަމާ ނިއުރޭޑިއަންޓާ ދެކޮޅަށް ނިކުންނައިރު ޓީމުގެ ފަހަތް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ވެލެންސިޔާގެ އެސިސްޓެންޓް ކޯޗް އަހުމަދު ނާޝިދު (ނާދު) ބުނެފި އެވެ.

މާދަމާގެ މެޗުގެ ކުރިން މިއަދު މެންދުރު ފަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވެލެންސިޔާގެ ކޯޗް ނާދު ބުނީ، ވީބީއާ ދެކޮޅަށް ލީގުގެ ދެ ވަނަ ބުރުގައި އެންމެ ފަހުން ވެލެންސިޔާ ކުޅުނު މެޗުގައި ޓީމުގެ ޑިފެންޑަރުންނަށް ގިނަ މިސްޓޭކްތަކެއް ހެދުނު ކަމަށާއި އެކަން މާދަމާ ގެ މެޗުގައި ތަކުރާރު ނުވުމަށް ޓީމުގެ ޑިފެންޑަރުން ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ނިއުރޭޑިއަންޓަކީ ލީގުގައި މިހާތަނަށް އެންމެ ވަރުގަދަ އެއްޓީމަށް ވީއިރު، އެންމެ ފަހުން ވީބީއާދެކޮޅަށް ކުޅުނު މެޗުގައި ޓީމުގެ އެންނަންބަރު ގޯލްކީޕަރު ނުފެނުނު ކަމުގައި ވިޔަސް، މާދަމާގެ މެޗުގައި އޭނަ ފެންނާނެ ކަމަށް ނާދު ބުންޏެވެ.

"ނިއު އަކީ މޮޅު ޓީމެއް. މާދަމާ ނިއުއާ ދެކޮޅަށް ނިކުންނައިރު ޓީމުގެ އެންނަންބަރު ގޯލްކީޕަރު އިފްރާ ކުޅޭނެ. ނިއުގެ ފޯވާޑުންނަށް ވެލެންސިޔާއިން މާދަމާގެ މެޗުގައި ޚާއްސަ ސަމާލުކަމެއް ދޭނެ،" ނާދު ބުންޏެވެ.

ނާދު ބުނީ، މާދަމާގެ މެޗަކީ ވެލެންސިޔާ އަށް ވަރަށް މުހިންމު މެޗެއް ކަމަށާއި އެގޮތުން ލީގުގެ ގަދަ ހަޔަކަށް އެރުމަށް މާދަމާގެ މެޗުން މޮޅުވުން ވަރަށް މުހިންމު ކަމަށެވެ. އަދި މެޗުން ބަލިވުމުން ޓީމަށް ކުރިމަތިވާ ޕުރެޝާތައް ބޮޑުވި ކަމުގައި ވިޔަސް، ލީގުގައި އަދި ބާކީ މެޗްތަކެއް ކުޅެން އެބަހުރި ކަމަށް ނާދު ބުންޏެވެ.

ނިއުއާ ދެކޮޅަށް ވެލެންސިޔާ މަދަމާ ހަވީރު 4:00 ޖަހާއިރު ނިކުންނަ އިރު، ލީގުގައި އެޓީމް އޮތީ އެންމެ ފުލުގަ އެވެ. އެއީ މިހާތަނަށް އެޓީމް ކުޅުނު 10 މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު އެވެ. އަދި ނިއުރޭޑިއަންޓު ލީގުގެ އެއްވަނާގައި އޮތީ 10 މެޗުން ލިބުނު 24 ޕޮއިންޓާއެކު އެވެ.