14 Jul 2012, 15:18
އަވައްޓެރި އިންޑިއާގައި ބާއްވާ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ނެހެރޫ ކަޕްގައި ބައިވެރިވުމަށް އެޤައުމުން ރާއްޖެ އަށް ދިން ދައުވަތު ޤަބޫލްކޮށް، މުބާރާތުގައި ރާއްޖެ އިން ވާދަކުރަން ނިންމައިފި ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.
އެފްއޭއެމްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ނެހެރޫ ކަޕްގައި ވާދަކުރުމަށް ރާއްޖެ އިން ނިންމާފައިވާ އިރު، މުބާރާތައް ތައްޔާރުވުމަށް ދިވެހި ޓީމުގެ ފަރިތަކުރުންތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި ފަރިތަކުރުންތައް ފަށާ ތާރީހު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް އޮފިސަލް ވިދާޅުވި އެވެ.
މިމުބާރާތް އިންޑިޔާގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް 23 އިން ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް މިމުބާރާތް އިންޑިއާގައި ބާއްވަނީ ކޮން އަވަށެއްގައި ކަމެއް އަދި މުޅިން ފައިނަލްވެފައި ނުވި ކަމުގައި ވިޔަސް، އެޤައުމުގެ ބައެއް މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވަނީ މުބާރާތް ބާއްވަނީ ވެރިރަށް ނިއު ދިއްލީ ނުވަތަ ބެންގަލޫރުގައި ކަމަށެވެ.
އިންޑިއާގައި ބާއްވާ މިމުބާރާތުގައި ދެކުނު އޭޝިއާ ސަރަހައްދުން ދައުވަތު ދީފައި ވަނީ ރާއްޖެ އަށް އެކަނި ކަމަށް ވެސް އެގައުމުގެ ބައެއް ކުޅިވަރު ނޫސްތަކުގައި ބުނެފައިވެ އެވެ.
މިއީ މި އަހަރު ރާއްޖޭން ވާދަކުރާނެ ހަމައެކަނި ބައިނަލްއަގްވާމީ މުބާރާތަކަށްވީ އިރު، މުބާރާތުގައި ރާއްޖެ އާއި އިންޑިއާގެ އިތުރުން ވާދަކުރާ ގައުމުތަކުގެ ތެރޭގައި ބަހުރޭނާއި ފިލިޕީންސް ހިމެނެ އެވެ. މުބާރާތުގެ ދައުވަތު އިންޑިއާ އިން ކެމަރޫނާއި ނައިޖީރިއާ އާއި ޖޯޑަން އާއި ސީރިއާ އާއި މެލޭޝިއާ އާއި ތައިލެންޑް އަދި ޒެމްބިއާ އަށް ވެސް ފޮނުވިވި ކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.
ނެހެރޫ ކަޕަކީ އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމުކޮށްގެން 1982 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.