15:00


ޕާކިސްތާނަށް ކުރިމަތިވި ނުރައްކާތެރި ފެން ބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން އަދާލަތު ޕާޓީން ހުޅުވާފައިވާ ފަންޑު ފޮށްޓަށް މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.


އަދާލަތު ޕާޓީގެ ރައީސް ޝެއިޚް ހުސެއިން ރަޝީދު އަހުމަދު މިއަދު ވިދާޅުވީ އެ ޕާޓީން މިމަހު ކުރީކޮޅު ހުޅުވާލި ފަންޑު ފޮށްޓަށް ހޮނިހިރު ދުވަހާ ހަމައަށް ތިން ލައްކަ ނުވަދިހަ ދެ ހާސް ހަ ސަތޭކަ ނުވަދިހަ ނުވަ ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ބޭންކު އޮފް މޯލްޑިވްސްގައި ޕާކިސްތާނު ރިލީފް ފަންޑުގެ ނަމުގައި އެކައުޓެއް ހުޅުވާފައިވާނެ ކަމަށް ވެސް ޝެއިޚް ހުސެއިން ރަޝީދު ވިދާޅުވި އެވެ.


މީގެ އިތުރުން ވެސް ދިރާގާއި ވަތަނިއްޔާ އާއި ގުޅިގެން ވަރަށް އަވަހަށް އެސްއެމްއެސްގެ ޒަރިއްޔާއިން ވެސް މިފަންޑުގެ ފައިސާ އަދާލަތާ ހަމައަށް ހިލޭ ފޯރުވެވޭނެ ގޮތެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝެއިޚް ވިދާޅުވި އެވެ.


ޝެއިޚް ވިދާޅުވީ ފަންޑަށް ލިބޭ ފައިސާ ހަވާލުކުރާނެ ވަކި ދުވަހެއް އަދި ހަމަޖެހިފައިނުވި ނަމަވެސް، އީދު ނިންމާފައި ޕާކިސްތާނުގެ ސަރުކާރާ އެ ފައިސާ ހަވާލުކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށެވެ.


ޕާކިސްތާނަށް މެދުނުކެނޑި ކުރި މޫސުމީ ވިއްސާރާގައި، ކޯރުތައް ބަންޑުވެ، އެގައުމުގެ ފަސް ބައިކުޅަ އެއްބައި ގައި ވަނީ ފެންބޮޑުވެފަ އެވެ. 1600 އެއްހާ މީހުން މަރުވެ، ހަ މިލިއަންނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާއިރު 20 މިލިއަން މީހުންނަށް އެ ހާދިސާގެ އަސަރު ވަނީ ކޮށްފަ އެވެ. ޕާކިސްތާނަށް އަހަރު ތަކެއް ވަންދެން އެހީ ބޭނުންވާނެ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.