14:30


ޔޫރަޕްގެ ހަތަރު ޤައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ ޖަރުމަނުވިލާތަށް ކަމަށާއި ޖަރުމަނުވިލާތަށް ކުރައްވާ ދަތުރުފުޅުގައި، ޖަރުމަނުވިލާތުގެ ޗާންސެލަރާ އެމަނިކުފާނު ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.


ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ޖަރުމަނުވިލާތުގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއަރގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. މީގެ އިތުރުން، ރާއްޖެއަށް ޓޫރިސްޓުން ގެންނަ ޖަރުމަނުވިލާތުގެ އެކި ޓުއަރ އެޖެންސީތަކާއި އަދި މި ވިޔަފާރީގައި ޙަރަކާތްތެރިވާ އެކި ފަރާތްތަކާ ވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެ އެވެ. އަދި ތިމާވެށްޓާ ބެހޭ އެކި އިސްބޭފުޅުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.


ޖަރުމަނުވިލާތުން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނީ، އައިސްލެންޑަށް ކަމަށާއި އައިސްލެންޑަށް ކުރައްވާ ދަތުރުފުޅުގައި، އައިސްލެންޑްގެ ރައީސާއި، ބޮޑުވަޒީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. އަދި އެތާނގެ ބައެއް ވަޒީރުންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ޔުނިވަރސިޓީ އޮފް އައިސްލެންޑްގައި ތަޤްރީރެއް ކުރައްވާނެ އެވެ.


ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ސްވިޒަލެންޑަށް ވެސް ވަޑައިގަންނަވާނެ އެވެ. އަދި ސްވިޒަލެންޑްގެ ނައިބު ރައީސާ ވެސް ބައްދަލުކުރައްވާނެ އެވެ.


ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅު ނިންމަވާލައްވާނީ ފިންލެންޑުން ނެވެ. ފިންލެންޑަށް ކުރައްވާ ދަތުރުފުޅުގައި، ފިންލެންޑްގެ ރައީސާއި، އެތާނގެ ބައެއް ވަޒީރުންނާވެސް ބައްދަލުކުރައްވާނެ އެވެ. އަދި ފިނިޝް އިންސްޓިޓިއުޓް އޮފް އިންޓަރނޭޝަނަލް އެފެއާޒުން އިންތިޒާމުކޮށްގެން ބާއްވާ ސެމިނާރަކާއި، ބަޙުޘެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.