14 Jul 2012, 12:37
ޓްރާންސްފާ މާކެޓްގެ ދޮރު ބަންދުވުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުން ލެފްޓް ބެކެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އިނގިރޭސި ބައެއް މީޑިއާ ރިޕޯޓް ތަކުން ބުނާ ގޮތުން، ޔުނައިޓެޑުން ހޯދަމުން އަންނަ ކުޅުންތެރިޔަކީ އެވަޓަންއަށް ކުޅެމުންދާ އިނގިރޭސި ލެފްޓް ބެކް ލެއިޓަން ބޭއިންސްއެވެ. އެހެން ނަމަވެސް ރަސްމީ ސިފައެއްގައި ޔުނައިޓެޑުން އެކަން މީޑިއާގައި ހާމަ ކޮށްފައެއް ނުވެ އެވެ.
ލެފްޓު ބެކެއް ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ފަށާފައިވާކަމަށް ދެކެވޭ ވަހަކަތަކަށް ރައްދު ދެއްވާ އެކުލަބުގެ ކޯޗް ސާ އެލްކްސް ފާގަސަން އިއްޔެ ބުނެފައި ވަނީ، ޓްރާންސްފާ މާކެޓްގެ ދޮރު ބަންދުވުމުގެ ކުރިން އެކުލަބަށް އިތުރު ކުޅުންތެރިއަކު ގެނައުމަކީ ވެދާނެކަމެއް ކަމަށެވެ.
"ޓީމަށް އަދި އެއް ކުޅުންތެރިއަކު ހޯދުން މުހިންމު. އެއް ކުޅުންތެރިޔަކު ހޯދުމަކީ ވެދާނެކަމެއް. ސީޒަން ނިމުމާ އެކު ކުޅުންތެރިން ހޯދުމުގައި އަހަރުމެން ވަރަށް ކާމިޔާބު. އަހަރުމެން އަބަދުވެސް ހޯދާނީ ޓީމަށް ފައިދާކުރާނެ މޮޅެތި ކުޅުންތެރިން" ފާގަސަން ބުންޏެވެ.
ފާގަސަންވަނީ ބޮރޫސިއާ ޑޯޓްމުންޑަށް ކުޅެމުންދިޔަ ސިންޒީ ކަގާވާއާއި ކްރޫއަށް ކުޅެމުންދިޔަ ޒުވާން ނިކް ޕޮވެލް ހޯދައިފަ އެވެ. މިހާރު ކުރިއަށްދާ ޓްރާންސްފާ މުއްދަތުގައި އެކްލަބުން ވަކިވި ދެކުޅުންތެރިންނަކީ ޕާކް ޖީ-ސުންގްއާއި މައިކަލް އޮވެން އެވެ.
މިދިޔަ ސީޒަންގެ ޕްރިމިއާ ލީގު މެންޗެސްޓާ ޔުނައިޓެޑް އަތުން ބީވެގެންދިޔައީ އެންމެ ފަހު ވަގުތުއެވެ. އެހެން ނަމަވެސް ގިނަބަޔަކު ހީކޮށްގެން ތިބީ މެންޔުނައިޓެޑްއިން ތަށި ހޯދާނެކަމަށެވެ. އެކަމަކު އެފަހުރު ތަށި ހޯދީ ވާދަވެރި މެންޗެސްޓާސިޓީއިން ނެވެ.