ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މެންޗެސްޓާ ސިޓީ ކުޅުނު ރަހުމަތް ތެރިކަމުގެ ފުރަތަމަ މެޗުން ސައުދީ އަރަބިޔާގެ އަލް ހިލާލް އަތުން 1- 0 ލަނޑުން ބަލިވެއްޖެ އެވެ.

އިއްޔެ ކުޅުނު މެޗުން ސިޓީ ބަލިވި އިރު، އެ ޓީމަކީ ނިމިގެން ދިޔަ ޕްރިމިއާ ލީގުގެ ތަށި އުފުލާލި ޓީމެވެ.

ސިޓީ ކޮޅަށް އަލް ހިލާލްއިން ޖެހި އެ ޓީމުގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސައުދީ ފޯވާޑް ނަވާފް އަލް އަބެޑް އެވެ.

އިއްޔެގެ މެޗަށް ފަހު ސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ، ގިނަ ދުވަސްތަކަކަށް ފަހު މިކުޅެވުނު އެކުވެރި ކަމުގެ މެޗަށް ބަލާ އިރު ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތް ހަމަ ޖެހޭ ކަމަށެވެ. އަދި މިމެޗަކީ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޓީމްގައި ހިމެނޭ ޒުވާންކުޅުންތެރިންގެ ފެންވަރު ބެލުމުގެ ގޮތުން ކުޅުނު ވަރަށް މުހިންމު މެޗެއް ކަމަށެވެ.

އަލް ހިލާލްއާ ދެކޮޅަށް ސިޓީ އިއްޔެ ކުޅުނު މެޗުގައި ކޯޗު ރޮބާޓޯ މަންޗިނީ އެޓީމުގެ 24 ކުޅުންތެރިން ލައްވާ ކުޅުވައިފަ އެވެ. ސީޓީގެ ޔޫޓް ޓީމުގެ ގިނަ ކުޅުންތެރިން ހިމަނައިގެ ން ކުޅުނު މިމެޗްގައި އެ ޓީމްގެ ސީނިޢާ ޓީމުގެ ކުޅުންތެރިންގެ ތެރެއިން އިއްޔގެ މެޗުގައި ކުޅެފައި ވަނީ ކެޕްޓަން ވިސެންޓޭ ކޮމްޕެނީ އާއި ކާލޯސް ޓެވޭޒާއި ޔާޔާ ޓޫރޭ އާއި ޕަބްލޯ ޒަބަލެޓާ އަދި އެޑަމް ޖޯންސަން އެވެ.