29 Jan 2025, 16:52
ޔުއޭފާ ޗެމްޕިއަންސް ލީގަށް އަލަށް ގެނައި ބަދަލާއެކު އިތުރުކުރި ލީގު ފޭސް މިރޭ ނިމޭއިރު އަލަށް މިގެނައި ބަދަލާއެކު މިމުބާރާތުގެ ފޯރި މިވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.
މިރޭގެ މެޗުތަކާއެކު މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރާ 36 ޓީމުގެ ތެރެއިން ފަހު 16 ޓީމުގެ ބުރުން ސީދާ ޖާގަ ލިބޭ އަށް ޓީމާއި ޕްލޭ އޮފްގެ ޖާގަ ލިބޭ 16 ޓީމު ޔަގީންވާނެއެވެ. ޔުއޭފާއިން ހަމަޖައްސާފައިވަނީ ލީގު ފޭސްގެ ފަހު ބުރުގެ ހުރިޙާ މެޗެއް އެއް ފަހަރާ އެއް ގަޑިއެއްގައި ކުޅުމަށެވެ.
މިގޮތުން މިރޭ 18 މެޗެއް ކުޅޭއިރު ދެ މެޗެއް ފިޔަވާ އެހެން ހުރިހާ މެޗަކުންވެސް ނަތީޖާ ނުކުންނަ ގޮތަކުން ޓީމުތަކުގެ މަގާމާއި އޮތް ފުރުސަތަށް އަސަރު ކުރުމުގެ ޖާގަ އެބައޮތެވެ. ޔުއޭފާއިން އެންމެ ފުރަތަމަ މި އާ ފޯމެޓްގެ ވާހަކަ ދެއްކުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް ލީގު ފޭސް އާއެކު މުބާރާތަށް އައި ފޯރިއާއެކު ގިނަ ބަޔެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.
ކުރީގެ ފޯމެޓްގައި ނަމަ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެޓީމު ދެވަނަ ބުރަށް ދާގޮތަށް އޮތުމުން ފަހު މެޗުތަކާ ޖެހޭއިރު ގްރޫޕް ސްޓޭޖްގެ ފޯރި އޮންނަނީ ކެނޑިފައެވެ. ނަމަވެސް މިފަހަރު ލީގު ފޭސްގެ ފަހު މެޗުތަކާ ޖެހުނުއިރުވެސް މުބާރާތުގައި ކުރިއަށް ދެވޭނެކަން ނޭނގޭ ހިސާބުގައި ފާހަގަ ކޮށްލެވޭ ބޮޑެތި ޓީމުތައް އެބަތިއްބެވެ. މިގޮތުން މިމުބާރާތުގައި ކުރިއަށް ދިއުން މިރޭގެ މެޗުތަކާ ގުޅިފައިވާ ޓީމުތަކުގެ ތެރޭގައި މެންޗެސްޓާ ސިޓީ، ޕެރިސް ސެއިންޓް ޖާމެއިން، ބެންފީކާ، ޕީއެސްވީ އެއިންދްހޯވެން، ސްޕޯޓިން ލިޒްބަން، ކްލަބް ބްރޫޖް، ސުޓުޓްގާޓް، ޑީނަމޯ ޒަގްރެބް އަދި ޝަކްޓާ ޑޮނެސްކް ހިމެނެއެވެ.
ދިހަ ޓީމެއް މިހާރު މުބާރާތަށް އަލްވަދާއު ކިޔަން ޖެހޭކަން ކަށަވަރު ވެފައިވުމުން ކުރިން ދެންނެވި ޓީމު ތަކުގެ ތެރެއިން ދެ ޓީމެއް މުބާރާތަށް އަލްވަދާއު ކިޔަން ޖެހޭނެއެވެ. ފަހު 16އިން ޖާގަ ކަށަވަރު ކުރެވިފައިވަނީ ލިވަޕޫލް އަށާއި އެފްސީ ބާސެލޯނާއަށް އެކަންޏެވެ. އަދި 24 ޓީމުގެ ތެރެއިން ޖާގަ ކަށަވަރު ކުރެވިފައިވާ ޓީމު ތަކުގެ ތެރޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް، އާސެނަލް، އިންޓާ މިލާން، އެޓްލެޓިކޯ މެޑްރިޑް، އޭސީ މިލަން، އެޓަލާންޓާ، ބަޔާ ލެވަކޫސެން، އެސްޓަން ވިލާ، މޮނާކޯ، ފެޔެނޯޑް، ލީލް، ބްރެސްޓް، ބޮރޫޝިއާ ޑޯޓްމުންޑް، ބަޔޭން މިޔުނިކް، ޔުވެންޓަސް އަދި ސެލްޓިކްއެވެ.
މިރޭގެ މެޗުތަކަށް ބަލާއިރު އެންމެ ގިނަ ބަޔެއްގެ ނަޒަރު ހުއްޓިފައިވާ އެއް ޓީމަކީ މެންޗެސްޓާ ސިޓީއެެވެ. މިވަގުތު ސިޓީ އޮތީ 25 ވަނައިގާ ކަމުން ސިޓީއަށް ޖެހޭނީ މިރޭ ކްލަބް ބްރޫޖާއި ބައްދަލުކުރާ މެޗު ކާމިޔާބު ކުރާށެވެ. ބަލިވެ ނުވަތަ އެއްވަރު ވިޔަސް ސިޓީ ކަޓާނެއެވެ. އަދި ޕީއެސްޖީ ރަށުން ބޭރުގައި ސްޓުޓްގާޓް އާއި ބައްދަލުކުރާ މެޗުން ބަލިވެ އަދި ސިޓީ ނުވަތަ ޒަގްރެބް ކުރެން ޓީމެއް އެޓީމުގެމެޗު ކާމިޔާބު ކޮށްފިނަމަ ޕީއެސްޖީ ކެޓުމުގެ ފުރުސަތު އެބައޮތެވެ.
މިފަހަރުގެ ޗެމްޕިއަންސް ލީގު ރޭވިފައިވާ ގޮތުން ލީގު ފޭސްގައި ވާދަކުރާ 36 ޓީމުގެ ތެރެއިން އެންމެ ގިނައިރު ޕޮއިންޓް ހޯދާ އަށް ޓީމު ފަހު 16 ޓީމުގެ ބުރަށް ސީދާ ކޮލިފައިވެގެންދާނެއެވެ. އަދި އެބުރުގައިސީޑު ކުރެވިގެންދާނީ މި އަށް ޓީމެވެ. އަދި ތާވަލްގެ ނުވަ ވަނައިން 24 ވަނަ އާއި ދެމެދުގައި ނިންމާލާ ޓީމުތައް ދާނީ ޕްލޭ އޮފް އަކަށެވެ. މި 16 ޓީމުގެ މެދުގައި ފެބްރުއަރީ މަހުގެ މެދުތެރޭ ކުރޭ ޕްލޭ އޮފްގެ ދެމެޗު ކާމިޔާބު ކުރާ އަށް ޓީމަށް ފަހު 16ގެ ފަހު އަށް ޖާގަ ލިބިގެންދާނެއެވެ. އަދި ލީގު ފޭސްގައި 25 ވަނައިން ދަށަށް ދާ ޓީމުތައް މުބާރާތުން ކަޓާނެއެވެ. ޕްލޭ އޮފް ގައި 9އިން 16 އާއި ދެމެދުގައި ނިންމާލާ ޓީމުތައް ސީޑު ކުރެވި ރިޓާން ލެގް އަމިއްލަ ދަނޑުގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިމުބާރާތުގެ ފަހު 16 ޓީމުގެ ބުރު ކުޅުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ ފުރަތަމަ ހަފުތާގައެވެ.