މިސްޓާ މޯލްޑިވްސް ހޮވުމަށް ބާއްވާ 13 ވަނަ ޤައުމީ ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް މިރޭ ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ޖަމާލުއްދީން ސްކޫލްގައި މިރޭ ނުވައެއް ޖަހާއިރު ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި 16 ބިލްޑަރުން ވަނީ ބައިވެރިވެފަ އެވެ.

ބޮޑީބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސްގެ އިސް އޮފިޝަލަކު ވިދާޅުވީ، އެހެން އަހަރުތަކެކޭ ވެސް އެގޮތަށް ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ މިމުބާރާތުގައި މިފަހަރު ވެސް ރާއްޖެ އަށް ބޮޑީ ބިލްޑިންއިން ރީތި ނަން ހޯދައިދީފައިވާ ގިނަ ބައިވެރިންތަކެއް މިފަހަރުގެ މުބާރާތުގައި ވާދަކުރުމަށް ވަނީ ނިންމައިފައި ކަމަށެވެ. އެގޮތުން މިފަހަރުގެ މުބާރާތް ކުރިއަށް ގެން ދިއުމަށް ނިންމައިފައި ވަނީ ހަތަރު ގެޓަގަރީއަކަށް ބަހާލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ، ރާއްޖޭގެ ބޮޑީ ބިލްޑަރުންގެ ހަށިގަނޑުތައް ދައްކާލުމަށް ބާއްވާ މިމުބާރާތް މިރޭ ކުރިއަށް ގެންދާ އިރު މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ ކަމަށެވެ.

މިދިޔަ އަހަރު ރާއްޖޭގެ މިސްޓާ މޯލްޑިވްސްގެ މަގާމް ހޯދީ ބޮޑީ ބިލްޑިންގައި މީގެ ކުރިން ވެސް ރާއްޖެ އަށް ރީތި ނަންތަކެއް ހޯދައިދީފައިވާ އަދި މިފަހަރުގެ މުބާރާތުގައި ވެސް ވާދަކުރުމަށް ނިންމައިފައިވާ މ. އަބީރު އާދިލް މުހައްމަދެވެ.

ސަން އޮންލައިނާ ވާހަކަ ދައްކަވަމުން، މިދިޔަ އަހަރުގެ މިސްޓާ މޯލްޑިވްސްގެ ޝަރަފްވެރި މަގާމް ހޯދި އާދިލް ވިދާޅުވީ، މިފަހަރުގެ މުބާރާތަކީ ވާދަވެރިކަން ބޮޑު މުބާރާތަކަށްވީ އިރު، މިފަހަރުގެ މުބާރާތް ވެސް ކާމިޔާބު ކުރުމަށް ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ.