މިއަހަރުގެ މިހާތަނަށް ރާއްޖެ އިން އެކި ގައުމުތަކަށް އެކްސްޕޯޓްކުރި މާވަހަރުގެ އަގު އެއް މިލިއަން ރުފިޔާއާ ގާތްކޮށްފި އެވެ. މިއީ ވޭތުވެ ދިޔަ ފަސްއަހަރުގެ ތެރޭގައި މާވަހަރު ބޭރުކޮށްގެން ރާއްޖެއަށް އެންމެ ރަނގަޅު އާމްދަނީއެއް ލިބުނު އަހަރެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ޖެނުއަރީން ޖޫންއަށް ރާއްޖެ އިން އެކި ގައުމުތަކަށް ވަނީ 49 ކިލޯގެ މާވަހަރު އެކްސްޕޯޓުކޮށްފަ އެވެ. އޭގެ އަގަށް 980،001ރ. އަރަ އެވެ. ޓެރިފް ނޫނީ އެކްސްޕޯޓު ޑިއުޓީއަށް އަގުގެ 50 ޕަސެންޓް ލުމުން ސަރުކާރަށް އާމްދަނީގެ ގޮތުގެ މާވަހަރު އެކްސްޕޯޓުކޮށްގެން މިއަހަރުގެ މިހާތަނަށް490،000 ރ. ލިބޭނެ އެވެ.

މިފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުން މާވަހަރު ހޮވުން ވަނީ އާންމުކަމަކަށްވެފަ އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މާވަހަރު އަދި އެކްސްޕޯޓު ކޮށްފައި ނުވާކަމަށް ކަސްޓަމްސްއިން ބުންޏެވެ. ހޮވި ގިނަ މާވަހަރުތަކުގެ މިލްކުވެރިފަރާތަކާ މެދު އަރާރުންވެ ގިނަ މާވަހަރުތަކެއްގެ މައްސަލަ އަންނަނީ ކޯޓުގައި ހިނގަމުންނެވެ.

ހިސާބުތައް ދައްކާގޮތުން 2005 ކުން 2011 އަށް އެއްވެސް މާވަހަރެއް ރާއްޖޭން އެކްސްޕޯޓް ކޮށްފައެއްނުވެ އެވެ. ނަމަވެސް 2011 ވަނައަހަރު 1.21 ކިލޯގެ މާވަހަރު ރާއްޖޭން ބޭރުކޮށްފައިވެ އެވެ. އެ އަހަރު އެސްޕޯޓު ކުރި މާވަހަރުގެ އަގު 36،299.96ރ. އަރަ އެވެ. ވޭތުވެ ދިޔަ ފަސް އަހަރު ރާއްޖޭން މާވަހަރެއް ވިއްކާލައިފައިވަނީ 2002 ވަނަ އަހަރު އެވެ. އެއީ 3.10 ކިލޯގެ މާވަހަރެކެވެ. އޭގެ އަގު 93000.07ރ. އަރަ އެވެ.

ދުނިޔޭގެ މާކެޓުގައި މާވަހަރުގެ އަގު މިވަގުތު ހުރީ ގްރާމެއް 25 ޑޮލަރަށެވެ.

މާޗް މަހުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުން މާވަހަރުހޮވާފައިވާއިރު އިއްޔެވަނީ 480 ކިލޯގެ މާވަހަރެއް ހޮވައިފަ އެވެ. އެއީ މިއަހަރު ރާއްޖޭން ހޮވި އެންމެ ބޮޑު މާވަހަރުކަމަށް ރެކޯޑްތަކުން ދައްކަ އެވެ. އަދި މިދިޔަ މަހު ފަހުކޮޅު ބަޔަކު ވަނީ 150 ކިލޯގެ މާވަހަރެއް ހޮވައިފަ އެވެ. ގިނަ އަދަދަކަށް މާވަހަރު ހޮވަން ފެށުމުން މާވަހަރާއި މެދު މީހުން އަރައިރުންވެ ކޯޅުންވަނީ އާންމުކަމަކަށްވެފަ އެވެ. އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ މާވަހަރާ ނުކޯޅުމަށް ގޮވާލައިފަ އެވެ.