14 Jul 2012, 11:07
މިއަހަރުގެ ރޯދަމަހު ބާއްވާ ވަތަނިއްޔާ މަސްރޭހުގައި ވާދަކުރާނެ 16 ޓީމް ހޮވައިފި އެވެ.
މަސް ރޭހުގައި މިފަހަރު ވާދަކުރާނެ 16 ޓީމް ހޮވާފައި ވަނީ މިދިޔަ ބުދަ ދުވަހު ޓީވީއެމްގައި ބޭއްވި ހަފްލާއެއްގަ އެވެ.
ވަތަނިއްޔާ އިން ބުނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ވަތަނިއްޔާ މަސްރޭހުގައި ބައިވެރިވުމަށް މިފަހަރު 30 ޓީމަކުން އެދުނު ކަމަށާއި ނަމަވެސް މުބާރާތުގެ ގައިވައިދުގެ ދަށުން މުބާރާތުގައި ބައިވެރިވުމަށް ހޮވިފައި ވަނީ 16 ޓީމް ކަމަށެވެ. އެ ޓީމްތަކުގެ ތެރޭގައި މިދިޔަ އަހަރު ފައިނަލްގައި ވާދަކުރި "ސިޔާސީ ކެޔޮޅު" ޓީމާއި "ރަތް މަސް" ޓީމާއި "ސުޓެލްކޯ ރެކްރިއޭޝަން" ކުލަބުވެސް ހިމެނެ އެވެ.
ވަތަނިއްޔާ އާއި ޓީވީއެމް ގުޅިގެން 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ރޯދަ މަހު ކުރިއަށް ގެންދާ ފޯރިގަދަ މި ރޭހުން އެއް ވަނަ ހޯދާ ޓީމަކަށް 50،000ރ.ދެ އެވެ. އަދި ކޮންމެ ހަފުތާއެއްގައި އެއް ވަނަ އަށް ދާ ޓީމަކަށް 3000ރ.ދެ އެވެ. ރޭހުގައި އެންމެ ގިނައިން މަސްބާނާ ފަރާތަކަށް 5000ރ. އަދި އެންމެ ބަރު މަސް ބާނާ ފަރާތަކަށް 5000ރ.ގެ އިނާމެއްދެ އެވެ.