ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހިމް ނާޒިމަށް ބަޔަކު ހަމަލާދީފި އެވެ.

ނާޒިމް ވިދާޅުވީ އިއްޔެ 3:15 އެހާކަންހާ އިރު އާސަހަރާ ކައިރިން އޭނާ ދަނިކޮށް ހަމަލާދީފައި ވަނީ ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށެވެ.

އޭނާ ވިދާޅުވީ އޭނާ އެ ސަރަހައްދުން ހިނގާފައި ދަނިކޮށް ސައިކަލަކުން އައި ދެ މީހަކު އެއްޗިހި ކިޔަމުން އައިސް އޭގެތެރެއިން އެކަކު ފަތި ބުރިއަކުން އޭނާގެ އުނަގަނޑުގައި ޖެހިކަމަށާއި ނަމަވެސް މާބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ސައިކަލްގައި އިން އެކަކު ފަތިބުރިއަކުން އޭނާގެ އުނަގަނޑުގައި ޖެހުމުން އަނެއް މީހާ އޭނާގެ ބޮލުގައި ފަތި ބުރިއަކުން ޖަހަން އުޅުނު ކަމަށާއި ނަމަވެސް އެވަގުތު އެތަނުން ސައިލެއް ދާތަން ފެނުމުން އެމީހުން އެތަނުން ފިލާފައިވާ ކަމަށެވެ.

"އަޅުގަނޑު އަވިސްތާގައި އިނދެފައި އާސަހަރާ ކައިރިން ދަނިކޮށް. ދެ މީހަކު އެއްޗިހި ކިޔަމުން އައިސް ފަތި ބުރިއަކުން އުނަގަނޑު މަތީގައި ޖެހީ. ފަހަތުން އެހެން ސައިކަލަކުން އައިސް އަޅުގަނޑުގެ ބޮލުޖަހަން އުޅުނު. ނަމަވެސް އެ ސަރަހައްދުން އިތުރު ސައިކަލެއް ފެނިގެން އެމީހުން ހުއްޓާލީ،"

އޭނާ ބުނީ ހަމަލާދިން މީހާ އަކީ އެމްޑީޕީގެ މުޒާހަރާތަކުން އާންމުކޮށް ފެންނަ މީހެއްކަމަށާއި މިހާރު އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންނަށް ހަމަލާދީގެން ވެރިކަން ވައްޓާ ނުލެވޭނެ ކަމަށާއި އެފަދަ އަމަލުތައް ތަކުރާރުވާ ނަމަ އެމްޑީޕީއާ ދެކޮޅަށް މުޒާހަރާ ކުރަން ނުކުންނަން ޖެހިދާނެ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު ވިދާޅުވީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.