ގަލޮޅުގައި ހުންނަ ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގެ ތެރޭގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުން ގެންދާ ކަމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ހަސަން ހަނީފު މިއަދު ވިދާޅުވި ގޮތުގައި ރޭ އިރާކޮޅުގެ ވަގުތެއްގައި ގަލޮޅު މަދަރުސާ ކުރިމަތިން ހުންނަ ގ. ނިޔަރު ކިޔާ ގޭގެ އެންމެ ތިރީ ބުރީގައި ހުރި ކުއްޔަށްދޭ ކޮޓަރިއެއްގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފައިވާ ފަސް ބިދޭސީންނަކީ އިންޑިޔާގެ އަންހެނަކާއި ފިރިހެނެއްގެ އިތުރުން ބަންގްލަދޭޝްގެ އަންހެނުންނާ ދެ ފިރިހެނުންނެވެ.

ފުލުހުން އެމީހުން ހައްޔަރުކުރުމުގައި އެކޮޓަރި ތެރެ ބަލާ ފާސްކުރިއިރު އެތަނުގެ ތެެރޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ގެންދާ ކަމުގެ ހެހިތައް ލިބިފައިވާ ކަމަށާއި އެމީހުންގެ އަތުގައި ވޯކްޕާމިޓް ވެސް ނެތް ކަމަށް ވެސް ހަނީފު ވިދާޅުވި އެވެ.

"އެގޭ ކޮޓަރިއެއްގެ ތެރޭގައި އެމީހުން ތިއްބާ ހައްޔަރުކުރީ، އެތަނުގެ ތެރެއިން ހަށިވިއްކުމުގެ ވިޔަފާރި ކުރާ ކަމުގެ ހެކިތައް ވަނީ ފެނިފައި،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.