ރޯދަ މަހާ ކުރިމަތިލާ އިރު، މާލޭތެރެ ހަލަބޮލިކޮށް ރާއްޖޭގެ ކަންކޮޅުތަކުގައި ހަލަބޮލިކަން އުފެއްދުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާތީ ކަންބޮޑުވާ ކަމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

ޑީއާރުޕީން ރޭ އިންތިޒާމް ކުރި މާހެފުމުގައި ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ ރަމަޟާން މަހަށް މަރުހަބާ ކިޔާ އިރު، ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މިންވަރާ މެދު ކަންބޮޑުވާ ކަމަށާއި އެފަދަ މައްސަރަކަށް މަރުހަބާ ކިޔާ އިރު އެމްޑީޕީން މާލޭތެރެ ހަލަބޮލިކޮށް ރާއްޖޭގެ ކަންކޮޅުތަކުގައި ހަލަބޮލިކަން އުފެއްދުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންނަށް ނުތަނަވަސްކަން ކުރިމަތި ކުރުވާ ކަމަށެވެ.

އަދި އެފަދަ މައްސަރަކަށް ކުރިމަތިލާ އިރު، ހަމަޖެހުން ގެނައުމަށް ހުރިހާ ސިޔާސީ ފަރާތްތަކަކަށް ތަސްމީން ވަނީ ގޮވާލައްވައިފަ އެވެ. އަދި ރަމަޟާން މަހަކީ އަޅުކަމަށް، ޚާއްސަ ގޮތެއްގައި ރޭ އަޅުކަމަށް، އިސްކަންދޭ މައްސަރަކަށް ހަދަން ޖެހޭ ކަމަށާއި ރައްޔިތުން އެދޭ ގޮތަށް ހިތްހަމަޖެހިގެން އަޅުކަމުގެ މައްސަރާ ކުރިމަތިލައިގެން އަޅުކަމާ މަޝްޣޫލުވެގެން އުޅެވޭނެ ފަދަ މާހައުލެއް ގާއިމްވެފައިވާ މައްސަރަކަށް ހަދައި ދިނުމަށް ސިޔާސީ ފަރާތްތަކުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭން ޖެހޭ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

"ރަމަޟާން މަސް ފަދަ މައްސަރަކަށް އަޅުގަނޑުމެން މަރުހަބާ ކިޔާއިރު، އެފަދަ މައްސަރަކަށް އަޅުގަނޑުމެން ކުރިމަތިލާ އިރު، އަޅުގަނޑުމެންގެ ތެރެއަށް ކޮންމެވެސް ވަރަކަށް ހަމަޖެހުން ގެނައުމަށް އަޅުގަނޑު ރާއްޖޭގެ ސިޔާސީ ހުރިހާ ފަރާތްތަކަށް ގޮވާލަން. އަދި ރަމަޟާން މަހަކީ އަޅުކަމަށް، ޚާއްޞަ ގޮތެއްގައި ރޭ އަޅުކަމަށް އިސްކަންދޭ މައްސަރަކަށް ހަދަން ޖެހޭ،" ތަސްމީން ވިދާޅުވި އެވެ.