28 Jan 2025, 12:30
މޮރޮކޯގައި މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ގުރުއަތުލުން ބާއްވައިފިއެވެ.
މޮރޮކޯގެ ވެރިރަށް ރަބާތުގައި ބޭއްވި ގުރުނެގުމުގެ ރަސްމިއްޔާތުގައި ވަނީ މިމުބާރާތުގައި ވާދަކުރާ 24 ޓީމު ހަ ގްރޫޕަކަށް ބަހާލައިފައެވެ. މިފަހަރުގެ ގުރުއަތުލުމުގައި އެންމެ ފަހުގެ ޗެމްޕިއަން ނޯޓެޑިއުއާ ހިމެނިގެން ގޮސްފައި ވަނީ ގްރޫޕް އެފް ގައެވެ.
މި ގްރޫޕްގައި ދެން ހިމެނެނީ ކެމެރޫނާއި ގެބޮން އަދި މޮޒަންބީކްއެވެ. މިމުބާރާތް ބާއްވާ ޤައުމު މޮރޮކޯ ހިމެނިފައިވަނީ މާލީ، ޒެމްބިއާ އަދި ކޮމިރޯސް އާއެކު ގްރޫޕް އޭގައެވެ. 2023ވަނަ އަހަރުގެ ފައިނަލްގައި ކޯޓެޑިއުއާ އަތުން ބަލިވި ނައިޖީރިއާ ހިމެނިގެން ގޮސްފައިވަނީ ގްރޫޕް ސީގައެެވެ.
މިގްރޫޕްގައި ދެން ހިމެނެނީ ޓިއުނީޝިއާގެ އިތުރުން 2027ވަނަ އަހަރުގެ މުބާރާތް ކޯ ހޯސްޓް ކުރާ ދެ ޤައުމު ކަމަށްވާ ޔުގެންޑާ އަދި ޓެންޒޭނިއާއެވެ. މީގެއިތުރުން އެފްރިކާގެ ދެކުނު ސަރަހައްދަށް ނިސްބަތްވާ ތިން ޤައުމެއްކަމަށްވާ ދެކުނު އެފްރިކާ އާއި އެންގޯލާ އަދި ޒިމްބާބްވޭ ހިމެނިގެން ގޮސްފައި ވަނީ މިސްރާއެކު ގްރޫޕް ބީގައެވެ. އަދި ގްރޫޕް އީގައި ހިމެނެނީ އަލްޖީރިއާ އާއި ބުރުކީނަ ފާސޯ، އެކުއެޓޯރިއަލް ގިނީ ގެ އިތުރުން ސޫދާންއެވެ.
މިފަހަރުގެ އެފްކޮން މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 21އިން ފެށިގެން ގޮސް 2026ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18އަށެވެ. މިމުބާރާތް މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިގެންދިޔައީ މިމުބާރާތް މިފަހަރު ބާއްވަން އޮތް ގިނީއަށް މުބާރާތަށް ރަނގަޅަށް ތައްޔާރު ވެވޭގޮތް ނުވުމުންނެވެ.
ގުރުނެގުމުގެ ރަސްމިއްޔާތު ފެށުމުގެ ދެތިން ގަޑިއިރު ކުރިން މިމުބާރާތް އިންތިޒާމް ކުރާ ކޮމެޓީއިން ވަނީ މިފަހަރުގެ މުބާރާތް ބާއްވާ ސިޓީ ތަކާއި ސްޓޭޑިއަމްތައް ހާމަކޮށްފައެވެ. މިގޮތުން މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެރިރަށް ރަބާތުގެ އިތުރުން ކަސަބްލަންކާ، އަގާދިރު، މަރަކޭޝް، ފެސް، އަދި ޓެންޖިއާއަށް ނިސްބަތްވާ ނުވަ ސްޓޭޑިއަމް އެއްގައެވެ.
މިމުބާރާތުގެ އިތުރުން މޮރޮކޯއަކީ 2030ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާލްޑް ކަޕްގެވެސް ބައިވެރިއެކެވެ. އެމުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މޮރޮކޯގެ އިތުރުން ޕޯޗުގަލް އާއި ސްޕެއިން ގުޅިގެންނެވެ. އަދި އެޤައުމުން އަންނަނީ 2027ވަނަ އަހަރުގެ ނިޔަލަށް ކަސަބްލަންކާގެ ރަށް ބޭރުގައި 115 ހާސް ސީޓުގެ ސްޓޭޑިއަމްއެއް ބިނާކުރުމަށް ޕްލޭން ކޮށްފައެވެ. އަދި އެޤައުމުގެ އުންމީދަކީ 2030ވަނަ އަހަރުގެ ފައިނަލް މެޗު އެސްޓޭޑިއަމްގައި ބޭއްވޭތޯ މަސައްކަތް ކުރުމެވެ.