ހުޅުމާލޭގައި 1100 ފްލެޓް އެޅުމާ ބެހޭ އެމްއޯޔޫއެއްގައި ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަަރޭޝަން (އެޗްޑީސީން) އިން ތުރުކީގެ ދެ ކުންފުންޏަކާ އެކު ސޮއިކޮށްފި އެވެ.

އެ އެމްއޯޔޫގައި އެޗްޑީސީއާ އެކު ސޮއިކޮށްފައިވާ ތުރުކީގެ ދެ ކުންފުންޏަކީ ބޯރާ އިންސާތު ސަނާއީވެ ތިކަރެތް ލިމިޓެޑް ސިރިކެތި އަދި އަބްދުއްރަހުމާދު އާކަރްސޫ ކިޔާ ޑިޕޮލޮޕްމަންޓް ކުންފުންޏެވެ.

އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ސުހެއިލް އަހުމަދު މިއަދު ވިދާޅުވީ އެ އެއްބަސްވުމަކީ ތުރުކީގެ ދެ ކުންފުންޏަކާ އެކު ފްލެޓް އެޅުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރުމަށް ވެވުނު އެއްބަސްވުމެއް ކަމަށާއި އެ އެމްއޯޔޫގެ ދަަށުން އެ މަސައްކަތަކީ ކުރެވިދާނެ ކަމެއްތޯ ތުރުކީގެ ދެކުންފުނިން ބެލުމަށް ފަހު އެ މަސައްކަތް ކުރެވޭނެ ގޮތްތައް ކަނޑައަޅައި އެއްބަސްވުމާ ހަމައަށް ދިއުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ދައްކާފައިވާ ސަރަހައްދުގައި 1100 ފްލެޓް އެޅިދާނެ ކަމަށް އެ ދެކުންފުނިން ވަނީ ހުށަހަޅައިފައި. އެހެންވެ އޭގައި އިތުރަށް މަސައްކަތް ކުރުމަށް ވެވުނު އެމްބަސްވުމެއް އެއީ،" ސުހެއިލް ވިދާޅުވި އެވެ.

ހުޅުމާލޭގެ ކޮމާޝަަލް ސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ އެ އެޕާޓްމަންޓްތަކަކީ އަށް ބުރިއާއި 10 ބުރި އާއި 12 ބުރީގެ އެޕާޓްމަންޓްތަކެކެވެ. އެ ފްލެޓްތައް އެޅުމަށް ހަމަޖައްސާފައި ވަނީ ތިރީ ދެ ބުރީގައި ކޮމާޝަލް މަސައްކަތްތައް ކުރެވޭ ގޮތަށް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ސުހެއިލް ވިދާޅުވީ އެ ފްލެޓްތަކަކީ މިކްސްޑް ރެސިޑެންސްގެ ގޮތުގައި ހަދާ ފްލެޓްތަކެއް ކަމަށާއި އެގޮތުން އެ ރެސިޑެންސްތަކުގައި ހުންނަ ފްލެޓްތަކަކީ ތިން ކޮޓަރިއާއި ހަތަރު ކޮޓަރިއާއި ފަސް ކޮޓަރީގެ މައްޗަށް ހިމެނޭ ފްލެޓްތަކެއް ކަމަށެވެ.

ހުޅުމާލޭގައި މިހާރު ވެސް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 1000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދާ އިރު އެޗްޑީސީއާ ތައިލެންޑްގެ ކުންފުންޏަކާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އަޅަމުން ގެންދާ 180 ފެލްޓްގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.