15:00


ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އެކަމަށް އެޅޭ ހުރަސްތަކާއި ގޮންޖެހުންތައް ބަޔާންކުރާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު ރިޕޯޓު ސަރުކާރުން އ.ދ އަށް ހުށަހަޅައިފި އެވެ.


ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު ނުވަތަ ޔޫ.ޕީ.އާރް ރިޕޯޓަކީ އ.ދގެ ކޮންމެ މެމްބަރު ގައުމަކުން ވެސް އެ ގައުމެއްގައި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ހާލަތު ހުރި ގޮތުގެ މައުލޫމާތު ބަޔާންކޮށް، ކޮންމެ ހަތަރުން އަހަރުން އެއް އަހަރު އ.ދ ހުށަހަޅަންޖެހޭނެ ރިޕޯޓެކެވެ.


ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަން އިރުޝާދާ އަބްދުއް ސައްތާރު ވިދާޅުވި ގޮތުގައި، ކޮންމެ ގައުމަކުން ވެސް ތިން ޔޫޕީއާރް ރިޕޯޓެއް ހުށަހަޅާނެ އެވެ. އެއީ ސަރުކާރުންނާއި، އަމިއްލަ ޖަމިއްޔާތަކާއި ކަމާ ބެހޭ މުއައްސަސާތަކުގެ އިތުރުން އ.ދ ގ ެއިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ހުށަހަޅާ ރިޕޯޓު ކަމަށެވެ. އެގޮތުން އިއްޔެ ހުށަހެޅި ސަރުކާރުގެ ޔޫޕީއާރު ރިޕޯޓު ކަމަށާއި އަނެއް ދެ ރިޕޯޓު ކުރިން ހުށަހަޅާފައިވާ ކަމަށް ވެސް އިރުޝާދާ ވިދާޅުވި އެވެ.


އިރުޝާދާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޔޫ.ޕީ.އާރު ރިޕޯޓު ރިވިއު ކުރުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގަ ބާއްވާ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ކުރިއަށްދާ، ޔޫ.ޕީ.އާރު ވޯކިން ގްރޫޕްގެ 9 ވަނަ ސެޝަނުގައި ކަމަށެވެ.


ޔޫ.ޕީ.އާރް ރިޕޯޓުގައި އިންސާނީ ހައްގުތައް އަޅާކިޔާފައި ވާނީ، އ.ދގެ ޗާޓަރާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާއި ރާއްޖެއިން ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާބެހޭ މުއާހަދާތަކުގެ އިތުރުން ރާއްޖެއިން ކުރުން ލާޒިމްވެގެންވާ ކަންތައްތަކުގެ މައްޗަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.