27 Jan 2025, 22:52
ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް އޮންނަނީ ރަސްކަލުންގެ ބާރަށްވުރެ ވެސް ގަދަކޮށް ކަމަށާއި، އެ ބާރު ކުޑަކުރަންޖެހޭ ކަމަށް ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ވަހީދު (ވައްޑެ) މިރޭ ވިދާޅުވެެއްޖެއެވެ.
އެސްއެސްޓީވީގެ"ބާރު ހަތަރެއް"ގައިވާހަކަ ދައްކަވަމުން، އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ވައްޑެ ވިދާޅުވީ މިއަދު ރާއްޖޭގައި ހިނގަމުންދަނީ ބާރުތައް ވަކިވެފައި އޮތް ރިޔާސީ ނިޒާމެއް ނޫން ކަމަށެވެ.
އޭގެ އެއް މިސާލުގެ ގޮތުގައި އޭނާ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގެ ރައްޔިތުންނާ މަޝްވަރާ ނުކޮށް، ރަނގަޅަށް ކަންކަން ނުބައްލަވައި މަޝްރޫއުތައް އިއުލާނު ކުރައްވާ ކަމަށެވެ.
"...ދައުލަތުގެ ދަރަނީގެ ހާލަތު އެންމެނަށް އެބަ އިހުސާސްވޭ. އަނެއްކާ ސަރުކާރުން ޚަރަދު ކުޑަކުރާ ވާހަކައާއި ރިކަރަންޓު ޚަރަދު މާ ބޮޑުވެގެން ހުރި ގޮންޖެހުންތަކުގެ ވާހަކައާއި ލޯނުތައް ބިޔަވެގެން އެ ކަންބޮޑުވުން ފާޅުކުރޭ. އެކަމަކު ހަމަ ފެންނަނީ ބޭނުމެއް ނެތަސް، ހަމަ ކުއްޖަކު ނޯޓެއް ދިއްކޮށްލީމާ ވެސް ވައުދުވަމުން ވައުދުވަމުން، އެއްވެސް ވަރަކަށް ބައްލަވައިލެއްވުމެއް ނެތި ކުރައްވާތަން،" ވައްޑެ ވިދާޅުވިއެވެ.
އެ ގޮތުން ރަސްރަސްކަލުންގެ ބާރަށްވުރެ، ރާއްޖޭގެ "ރައީސުލްޖުމްހޫރިއްޔާއަށް ހިބަކޮށްދީފައި އޮންނަ ބާރު" މާ ބޮޑު ކަމަށާއި، އެ ކަމުން ނުކުންނާނެ ނަތީޖާ ވަރަށް ބިރުވެރި ކަމަށް އޭނާ ވިދާޅުވިއެވެ.
ވައްޑެ ވިދާޅުވި ގޮތުގައި ސަރުކާރުގެ ތެރެއިން ހިންގާ ކޮރަޕްޝަނާއި، ރައްޔިތުންނަށްވާ ބޭއިންސާފު ފެށިގެން އަންނަނީ ވެސް ރައީސްކަމުގައި ހުންނަވާ ބޭފުޅަކާ ހަމައިންނެވެ.
ގައުމުގައި ހިންގާ އެންމެ ބޮޑެތި ވައްކަމާއި ޚިޔާނާތްތައް ފެންމަތިވެގެން އަންނައިރު، އެ ކަމުގެ ފަހަތުގައި ތިއްބަވަނީ ސަރުކާރުގެ މަގާމުތަކަށް ރައީސް އައްޔަނު ކުރާ ބޭފުޅުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ފިހާރައަކުން ކޮފީ ޕެކެޓެއް ވަގަށް ނަގާ މީހާ ހަވަރަށްދީ، ޝަރީއަތް ހިންގައިގެން ހުކުމްކުރާއިރު، ސަރުކާރުގެ މަގާމެއްގައި ހުރެ ބޮޑެތި ވައްކަމާއި ޚިޔާނާތްވާ މީހާގެ މައްސަަލަ އިންސާފުވެރިކަމާއެކު ނުބެލޭކަމުގެ ކަންބޮޑުވުން ވައްޑެ ފާޅު ކުރެއްވިއެވެ.
"ވަކި ރައީސެއް ނޫން އިނގޭތޯ، ކޮންމެ ވެރިކަމެއްގައި ވެސް ރާއްޖޭގައި ބޮޑު ވައްކަމެއް ކޮށްފައި އޮތިއްޔާ އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިތުބާރު ކުރައްވާ އެންމެ އަރިސް ބޭފުޅުން... އާދައިގެ މީހަކު ފޯނެއް ވަގަށް ނަގަނީ، ފައިވާނެއް ވަގަށް ނަގަނީ... މިލިއަނުގެ ވައްކަން ރާއްޖޭގައި މުޅީން ކޮށްފައި ހުރީ ރައީސުލްޖުމްހޫރިއްޔާއިން އެކިއިރު ލައްވާފައި ތިބި ބޭފުޅުން،" ވައްޑެ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ކޮރަޕްޝަން އުފެދިފައިވާ މިންވަރުގެ ބޮޑުކަމުން، ވެރިކަމަށް އަންނަނީ ވެސް ކޮންމެހެން ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ބޭނުމެއްގައެއް ނޫނެއެވެ.
"މިހާރު ވެރިކަމަށް މި އަންނަނީ މާލިއްޔަތު ފަޅައިލާނެ ގޮތް މުޅި ގަޔަށް ޓެޓޫ އަރުވާލައިގެން... ވަކި މީހެއް ނޫން މި ދަންނަވަނީ... މިހާރު 2028އަށް ތައްޔާރުވާ މީހުން ވެސް މިހާރު ތިބޭނީ ތިޖޫރީ ފަޅައިލާނެ ގޮތް ގަޔަށް ކުރަހަން،" ވައްޑެ ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސްއިން މިފަހުން ވަނީ، ރާއްޖޭގެ ވެރިކަމުގެ އާ އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތްކުރަން ފަށަން ނިންމައިފައެވެ. އެ މަސައްކަތް ފަށަން ގޮވާލައްވައި، ޕާޓީގެ ގައުމީ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ވައްޑެއެވެ.
ޑިމޮކްރެޓްސްގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ އެ ގަރާރުގައި ވެސްވަނީ، ދައުލަތުގެ ބާރު ރައްޔިތުންގެ ކިބައިގައި އޮތްކަމާ މެދު ސުވާލު އުފެދޭ ކަމަށާއި ރިޔާސީ ބާރުވެރިކަން މާ ބޮޑުވެފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެފައެވެ.