ޗައިނާގެ އޭއައި ސްޓާޓްއަޕް ކުންފުންޏެއް ކަމަށްވާ ޑީޕްސީކްގެ އޭއައި އެސިސްޓަންޓް، އެޕަލްގެ އެޕް ސްޓޯރުގައި އެމެރިކާގެ އެންމެ މަގުބޫލު ހިލޭ އެޕްލިކޭޝަންގެ މަގާމު ހޯދައިފިއެވެ.

ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ޑީޕްސީކް ވަނީ، އެމެރިކާގެ އޯޕަންއޭއައިގެ ޗެޓްޖީޕީޓީ ވެސް ފަހަތަށް ޖައްސާލައިފައެވެ.

ޑީޕްސީކް-ވީ3 މޮޑެލް ބޭނުންކޮށްގެން ހިންގާ މި އެޕްލިކޭޝަނަކީ، އޯޕަން-ސޯސް މޮޑެލްތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ މޮޑެލްކަމަށް އެ ފަރުމާކުރި ފަރާތްތަކުން ބުނެއެވެ.

އެޕްތައް ޑައުންލޯޑް ކުރާ މިންވަރާއި އެހެނިހެން މައުލޫމާތު އެއްކުރާ ސެންސަ ޓަވާ ކުންފުނިން އާންމުކުރި މައުލޫމާތުން ދައްކާ ގޮތުގައި، ޖެނުއަރީ 10 ގައި ނެރުނު މި އެޕްލިކޭޝަން، އެމެރިކާގައި ވަނީ ވަރަށް މަގުބޫލުވެފައެވެ.

ދެހާސް ތޭވީހުގައި އުފެއްދި ޑީޕްސީކްއިން ފާއިތުވި މަހު ޝާއިއުކުރި ލިޔުމެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ޑީޕްސީކް-ވީ3 ތަމްރީނުކުރުމަށް ބޭނުންކޮށްފައިވަނީ އެންވިޑިއާގެ އެޗް800 ޗިޕްތަކެވެ. އަދި މި މަސައްކަތަށް ހޭދަވެފައިވަނީ ހަ މިލިއަން ޑޮލަރަށްވުރެ ކުޑަ އަދަދެކެވެ.

ޗައިނާގެ ޓެކްނޮލޮޖީ ކުންފުނިތަކުން ގިނަ އަދަދެއްގެ އޭއައި މޮޑެލްތައް ނެރެފައިވީނަމަވެސް، އެމެރިކާގެ އެންމެ ފަހުގެ މޮޑެލްތަކާ އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މޮޅު ކަމަށް އެމެރިކާގެ ޓެކް އިންޑަސްޓްރީން ފާހަގަކުރި ޗައިނާގެ ފުރަތަމަ މޮޑެލްއަކީ ޑީޕްސީކްއެވެ.

ޗެޓްޖީޕީޓީއަކީ އޮޕެންއޭއައި ކުންފުނިން 2022 ވަނަ އަހަރު ތަޢާރަފުކުރި އެޕްލިކޭޝަނެއް ކަމުގައިވީ ނަމަވެސް، އަލަށް ނުކުތް ޑީޕްސީކްގެ އެޕްލިކޭޝަން ވަނީ ކުޑަ މުއްދަތެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ޑީޕްސީކްގެ އެޕްލިކޭޝަން ވަނީ އަވަހަށް ޖަވާބުދިނުމާއި، ޒަމާނީ ފެންވަރުގެ އައު ފީޗާތަކާއެކު، އެޕް ސްޓޯރުގެ އެންމެ މަތީ ދަރަޖައިގެ ރޭޓިން ހޯދައި، ޗެޓްޖީޕީޓީއަށްވުރެ ކުރިއަށް ޖެހިލާފައެވެ.