14 Jul 2012, 09:53
މިދިޔަ ހަފުތާގެ "ރަންދެލި" ކޮލަމުގައި އަޅުގަނޑު ފާޅުކުރި ހިޔާލަކާ ބައެއް މީހުން ވަރަށް ބޮޑަށް ނުރުހުނެވެ. އެއްބަޔަކު ނޫސް މެދުވެރިކޮށެވެ. އަނެއް ބަޔަކު އަޅުގަނޑުގެ ފޯނަށް މެސެޖް ފޮނުވައިގެންނާއި ގުޅައިގެނެވެ. ބައެއް މީހުން ބުނީ ކިތަންމެ ވަރަކަށް ލިޔުނަސް ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ގޮތަށް ނުލިޔެވޭނެއޭ އެވެ. އަދި އަޅުގަނޑަކީ ނޫސްވެރިއެއް ވެސް ލިޔުންތެރިއެއް ވެސް ނޫން ކަމަށް ބައެއް މީހުން ބުންޏެވެ. ނޫސްވެރިކަމުގެ އިނާމު އަޅުގަނޑަށް ލިބުމަކީ ވަރަށް ބޮޑު ޖޯކެއް ކަމަށް ބުނި މީހުން ވެސް ގުޅި އެވެ. އެމީހުންގެ ނަޒަރުގައި އަޅުގަނޑު ވަނީ ރައީސް ނަޝީދުގެ އާދައިގެ ދިރިއުޅުއްވުން ފެނިފައި "ކަޑަ" ވެގެން މަލާމާތްކޮށްފައެވެ. ކޮލަމަށް ލިބުނު ކޮމެންޓްތަކުގެ ތެރޭގައި ތައުރީފުކޮށްފައި ހުރި ކޮމެންޓްތައް ވެސް ހުއްޓެވެ. އަޅުގަނޑަށް ދަސްވެފައި އޮންނަނީ ތައުރީފުގެ އަޑު ނޭހުމަށެވެ. އެހެންވެ އެވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ.
އެއް ކަމެއް ޔަގީނެވެ؛ އެ ވިދާޅުވާ ހެން، ރައީސް ނަޝީދު ލިޔުއްވި ގޮތަކަށް އަޅުގަނޑަކަށް ނުލިވޭނެ އެވެ. ނުވެސް ލިޔާނެ އެވެ. އެމަނިކުފާނުގެ ލިޔުންތެރިކަމުގެ ލަހުޖާތައް އަޅުގަނޑަކަށް ނުނެރެވޭނެ އެވެ. އެގޮތް ދައްކާކަށް އަޅުގަނޑު ނުވެސް އުޅޭނަމެވެ. އެމަނިކުފާނާއި އަޅުގަނޑާ ވަރުން އަޅުވާނަމަ އަޅުގަނޑަކީ ދެރަ ސޮޑާއެކެވެ. އަދި އަޅުގަނޑު، އަޅުގަނޑުގެ ގޮތުގައި އެއްޗެއް ލިޔުމުން ރައީސް ނަޝީދުގެ ކުރެއްވި ނޫސްވެރިކަމާއި އެމަނިކުފާނުގެ ލިޔުންތެރިކަމާ ވަރުން އަޅުވައި އަޅުގަނޑަކީ ޖޯކަރަކަށް ހެދުމަކީ މައްސަލައެއް ވެސް ނޫނެވެ. އެއީ އެބޭފުޅުންގެ ހިޔާލެވެ. އެކަމަކު މުނާސަބު ދެ ކަމެއް ހިނގައިފައި އޮތުމުން ލިޔެލަން ބޭނުންވީ އެވެ. ބައެއް ކަންކަމަކީ ހިސާބަކަށް ލިޔެލައިގެން ނޫނީ ސާފު ނުވާ ކަންކަމަށްވާތީ އެވެ.
ހަނދާން ސޮއްސައިލަނީ 1996 ވަނަ އަހަރުގެ ފަހުކޮޅަށެވެ. އަޅުގަނޑު އުޅުނީ އާފަތިހުގައެވެ. ނޫހުގެ އިނގިރޭސި އެޑިޝަނާ ހަވާލުވެ ހުންނަވަނީ ވައިނުޖެހޭގޭ މުހައްމަދު ޒުހައިރެވެ. އޭރު ރޮއިޓާސްއަށް ޒުހައިރު ހަބަރު ފޮނުއްވައެވެ. އެ ހަބަރުތައް ލިޔުއްވާއިރު ބަލަން އަޅުގަނޑު އިންނަމެވެ. އެއްރެއަކު ލިޔުންވަން އިންނަވާފައި އަންނިއާ ބައްދަލު ކުރަން ބޭނުން ހެއްޔޭ އެއްސެވި އެވެ. އަޅުގަނޑު އާނއެކޭ ބުނީމެވެ. ހަމަ އެރޭ އަޅުގަނޑު ގޮވައިގެން ވަޑައިގެންނެވި އެވެ. ގައިމުވެސް އެއީ ކެނެރީގެއެއް ނޫނެވެ. ޔާގޫތުގެއެއް ވެސް ނޫނެވެ. އަޅުގަނޑުމެން ދިޔަ ގެ ހުންނަނީ ޓެލެކޮމް ބިލްޑިން ކައިރީގައެވެ. މިހާރު ވިސްނާލީމާ އަޅުގަނޑު ހިތަށް ވަންނަނީ އެއީ ފިތުރޯނުވިލާ ކަމަށެވެ. ނޫން ކަމަށް ވެއްޖިއްޔާ ވަރަށް މާފެވެ.
އޭރު އަންނިގެ ނަން ހަމައެކަނި އަޅުގަނޑު އަޑުއަހަނީ އެވެ. އެކަމަކުވެސް ގެއަށް ވަނުމާއެކު ވަރަށް އުސް މޭޒެއްގެ ދޮށުގައި އިންނެވީ އަންނިކަން ހަމަ ފެނުމާއެކު އަޅުގަނޑަށް ޔަގީންވި އެވެ. ކުޑަކުޑަ އެ އެއްވެލުމުގައި ތިއްބެވީ އާމިނަތު ޝަރީފް (އާނާ) އާއި އޭރުވެސް މަޝްހޫރު އާޒިމްބެ އާއި ވައިކަރަދޫ މާހިރާއި އެހެން ބޭފުޅެކެވެ. އެތާނގައި މަޝްވަރާ ކުރީ މަޖައްލާއެއް ނެރުމަށެވެ. އެބޭފުޅުންނާ މުހާތަބުކޮަށް އަންނި ވަރަށް ގިނަ ވާހަކަ ދެއްކެވި އެވެ. މަޖައްލާ މާ ބޮޑަށް ސިޔާސީ ނުކުރުމަށް އެދިވަޑައިގަތެވެ. ރާއްޖޭގެ މައްސަލަތަކަށް އަލި އަޅުވާލާއިރު ދެ ފޮޅުވަތް ދޭތެރެއިން އެތިކޮޅުކޮޅު އެއްލާނީއޭ ވެސް ވިދާޅުވި އެވެ. މަޖައްލާގެ ކަންކަމުގައި އެމަނިކުފާނު އުޅުއްވާކަން ބޭރަށް ދައްކަވައިފިނަމަ އެކަން ނުވެ ހިނގައިދާނެ ކަމަށް ވިދާޅުވީ ވަރަށް ގަދައަށް ހިނިފުޅުވަޑުވާފައެވެ. އޭގެ ފަހުން އެކި ބޭފުޅުން ކުރަންވީ ކަންކަން ވެސް ވިދާޅުވެ ދެއްވި އެވެ. ނިންމާލައްވަމުން އަޅުގަނޑަށް އިޝާރާތްކޮށް ޒުހައިރާ ދިމާއަށް "މީއީ ކޮން ގޮލައެއް ހެއްޔޭ؟" އެއްސެވި އެވެ. އަޅުގަނޑާބެހޭ ގޮތުން ޒުހައިރު ވިދާޅުވީ "ނޫސްވެރިކަމަށް އާ ޒަމާނެއް ގެންނާނެ ކުއްޖެކޭ" އެވެ. އަންނި ވިދާޅުވީ "ނޫސްވެރިއެއްގެ ސިފައެއް ނެތް" ކަމަށާއި ޒުހައިރުގެ ބެލުމުގެ ދަށުން މަޖައްލާއަށް ޖޯކު ލިޔުއްވަން ރަނގަޅުވާނެ ކަމަށެވެ. ކޮންމެއަކަސް "ދިވެހި ޑައިޖެސްޓް" ގެ ނަމުގައި ނެރެން އުޅުނު އެ މަޖައްލާ ގަރުބަގެންފައި ބައިގެންދިޔައީ އެވެ. ނޭވާއެއް ނުލައެވެ. ޖޯކު ލިޔާނެ ފުރުސަތު އަޅުގަނޑަކަށް މިންވަރެއް ނުވި އެވެ.
އޭގެ ފަހުން ވެސް އަޅުގަނޑު، އަޅުގަނޑުގެ ގޮތުގައި ކުރިޔަށް ދިޔައީ އެވެ. އާފަތިހުން އަޅުގަނޑު ލިޔާން ފެށި ސޮފުހާއަށް ހަވީރުވެ، ހަވީރުގައި އެތަކެއް އަހަރު ވަންދެން އަޅުގަނޑު ކުރި މަސައްކަތަށް ވެސް އިރު އޮއްސުނެވެ. ނޫސްވެރިކަމާ ދުރުގައި ރޭގަނޑެއް ހޭދަކުރުމަށް ފަހު އަނެއްކާ ވެސް އަޅުގަނޑުގެ ނޫސްވެރި ކަމުގެ ދުނިޔޭގައި އާ ދުވަހަކަށް "އިރު" އެރި އެވެ. އާދެ، އަޅުގަނޑު ސަން އޮންލައިނާ ގުޅުނީ އެވެ. މިދިއަ މުއްދަތުގައި އަޅުގަނޑު ލިޔުނީ "ޖުހާގެ ޖޯކު" ތައް ކަމަކަށް އެއްވެސް މީހަކު ނުބުނެއެވެ. އޭގެ ފަހުން 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުގައި ނޫސްވެރިކަމަށާއި ރާއްޖެއަށް އަޅުގަނޑު ކޮށްފައިވާ ހިދުމަތް ފާހަގަކޮށް ނޫސްވެރިކަމުގައި ރާއްޖޭގައި ދޭ އެންމެ މަތީ ޝަރަފު އަޅުގަނޑަށް ދިނެވެ. އެމަނިކުފާނުގެ އަތްޕުޅުންނެވެ.
މިދިއަ ހަފުތާގެ ކޮލަމްގައި އެ ދުވަހު ރައީސް ނަޝީދު އަޅުގަނޑާ ސަމާސާއެއް ކުރެއްވި ވާހަކަ އޮންނާނީ ބުނެފައެވެ. މި ދެންނެވި އިނާމު ދެއްވަމުން ވިދާޅުވީ "އާދަހަލީމް (މިއީ ނަޝީދު އަޅުގަނޑަށް ވިދާޅުވާ ގޮތް) ލިޔުނީ ޖޯކު ނޫންކަން ޕްރެޒެންޓޭޝަނުން" އެނގިއްޖެ ކަމަށެވެ. އަޅުގަނޑާ މެދު އެމަނިކުފާނަށް ވިދާޅުވެވިފައި އޮތް ބަސްފުޅު ސަމާސާއަކުން އަނބުރާ ގެންދެވީ އެވެ.
އަޅުގަނޑުގެ ކޮލަމުގައި ލިޔަނީ އަޅުގަނޑަށް ފެންނަ އެއްޗެކެވެ. އަޅުގަނޑުގެ ހިޔާލާ ނުރުހުނު މީހުން ނަރުގަނޑުގައި އަޅުގަނޑަށް ފުރުސަތެއް ވެސް ނުދީ ވަށިވަށިން ދިނަސް އަޅުގަނޑު މިހިރީ މޫނު ކުނިކޮށްގެނެއް ނޫނެވެ. އެކަމަކު އަޅުގަނޑު ހަމަ ސުވާލުކޮށްލަން ބޭނުންވަނީ އެވެ. ދިވެހި ނޫސްވެރި ކަމުގައި ޖޯކަރަކީ އަޅުގަނޑުތޯ އެވެ؟ ނޫސްވެރި ކަމުގައި އަޅުގަނޑު ކުރި މަސައްކަތަކަށް އިނާމުދީ ބުރަކަށީގައި ފިރުމީ، އަންނި ވިދާޅުވި ފަދަ އެތަކެއް ހާސް ޖޯކު އަޅުގަނޑު ލިޔެގެންތޯ އެވެ؟ ތިޔަބޭފުޅުން އެއީ ހަގީގަތް ކަމަށް ވެދާނެ އެވެ. އޭރުން އަޅުގަނޑުވާނީ ޖޯކު ލިޔެގެން ނޫސްވެރިކަމުގެ އިނާމު ލިބުނު ފުރަތަމަ މީހާއަށެވެ. އެއީ ރަނގަޅު ގޮތް ނަމަ އަޅުގަނޑަކީ ރާއްޖޭގެ "ނޫސްވެރިކަމުގެ ތާސްބައިގެ ޖޯކަރު" ކަމަށް އަޅުގަނޑު ރުހި ގަބޫލު ވެއްޖައިމެވެ. އެކަމަކު ޖޯކު ލިޔުނު މީހަކަށް ނޫސްވެރި ކަމުގެ އެވޯޑް ދިނީމާ އެ ބާއްވާނީ ކޮން ވަތްގަނޑެއްގައިތޯ އެވެ؟ އެކަން އަޅުގަނޑަށް މާ ޖޯކެވެ.