ޓްރިޕޮލީ (ޖުލައި 14) : ބައިގަރުނަށްފަހު ލީބިޔާގައި ބޭއްވި ބަރުލަމާނީ ފުރަތަމަ އިންތިޚާބު ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ކާމިޔާބުކުރީ ލިބަރަލް ޚިޔާލުގެ ގުޅިފައިވާ ޕާޓީތައްކަން މިއިންތިޚާބުގެ ވަގުތީ ނަތީޖާއިން ހާމަވެއްޖެވެ.

ލީބިޔާގެ އިންތިޚާބުތަކާބެހޭ ކޮމިޝަނުން އިއްޔެ ހާމަކުރި ވަގުތީ ނަތީޖާތައް ދައްކާގޮތުން ޑރ. މަޙްމޫދް ޖިބްރީލްގެ ޒަޢީމަކަށް ހުންނަވާ ނެޝަނަލް އެލަޔަންސަށް ލީބިޔާގެ އެންމެ އަބާދީ ބޮޑު ސިޓީތައް ކަމަށްވާ ޓްރިޕޮލީ، ބެންގާޒީ އަދި ޒާވިޔާ އާއި އެރަށްރަށުގެ ވަށައިގެންވާ އަވަށްތަކާއި ވިލެޖްތަކުން ނެޝަނަލް އެލަޔަންސަށް ހަތަރު ލައްކައަށްވުރެ ގިނަވޯޓު ލިބިފައިވާއިރު އިސްލާމީ ޚިޔާލުގެ ޕާޓީތަކަށް ލިބިފައިވަނީ 30000 ވޯޓެވެ.

ދެވަނައަށް އެންމެ އާބާދީ ބޮޑު ސަރަޙައްދުކަމަށްވާ އަލްބައިޟާ، ދަރްނާ އަދި ތުބްރުޤް އިން ލެބެރަލް ޚިޔާލުގެ ނެޝަނަލް އެލަޔަންސަށް ތިން ލައްކައެއްހާ ވޯޓު ލިބިފައވާއިރު އިސްލާމީ ޚިޔާލުގެ ޕާޓީތަކަށް ލިބިފައިވަނީ 10000 ވޯޓަށްވުރެ މަދު ޢަދަދެއްގެ ވޯޓެވެ. ލީބޔާގައި އިންތިޚާބުކުރާ ވަގުތީ ޕާލަމެންޓްގެ 200 ގޮނޑީގެ ތެރެއިން ޕާޓީތަކަށް ޚާއްސަކޮށްފައިވަނީ އެންމެ 80 ގޮނޑިއެވެ. ބާކީ 120 ގޮނޑި ޚާއްސަކޮށްފައިވަނީ ޕާޓީތަކާވަކިން ފަރުދީގޮތުންނާއި މުސްތަޤިއްލު ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންނަށެވެ. ލީބިޔާގެ އާބާދީގެ ގާތްގަނޑަކަށް 80 ޕަސެންޓް މީހުން ދިރިއުޅޭ މިސަރަޙައްދުތަކުން ނެޝަނަލް އެލަޔަންސް މިހާބޮޑު ކާމިޔާބެއް ހޯދުުމުން ލީބިޔާގެ ޕާލަމެންޓްގައި ސިޔާސީ ޕާޓީތަކަށް ޚާއްސަކޮށްފައިވާ ގޮނޑިތައް ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ކޮންޓްރޯލްކުރާނީ ނެޝަނަލް އެލަޔަންސް ކަން މިހާރުވަނީ ކަށަވަރުވެފައެވެ.

ނެޝަނަލް އެލަޔަންސްގެ ވެރިޔާ ޑރ. މަޙްމޫދް ޖިބްރީލް އަކީ ޕްލޭނިންގެ ދާއިރާއިން އެމެރިކާގައި މަތީ ތަޢްލީމް ޙާސިލްކުރައްވައި އެމެރިކާގެ ޔުނިވަރސިޓީތަކުގައި ޕްރޮފެސަރެއްގެ ގޮތުގައި އުޅުއްވުމަށްފަހު ލީބިޔާއަށް ވަޑައިގެން ގައްޒާފީގެ ދުވަސްވަރުގައިވެސް ލީބިޔާގައި މަތީ މަޤާމްތަކެއް ފުރުއްވާފައިވާ އިލްމީ އަދި ތަޖްރިބާކާރު ބޭފުޅެކެވެ. ޑރ. ޖިބްރީލްވަނީ އޭނާގެ ނެޝަނަލް އެލަޔަންސަކީ ލެބެރަލް ޚިޔާލުގެ ޕާޓީތައް ކަމަށް ސިފަނުކުރުމަށް ގޮވާލައްވާފައެވެ. ޑރ. ޖިބްރީލް ވިދާޅުވީ ލީބިޔާގެ ހުރިހާ ރައްޔިތުންނަކީވެސް މުސްލިމުން ކަމަށާއި ލީބިޔާގައި އިސްލާމް ދީނާއި އިސްލާމީ ޝަރީޢަތާ ޚިލާފު އެއްވެސް ކަމެއްކުރުމުގެ ފުރްސަތު އޭނާގެ އެލަޔަންސުން ނުދޭނެ ކަމަށެވެ.

ލިބިޔާގެ ޕާލަމެންޓުން އަލަށް އެކުލަވާލާ ލީބިޔާގެ އައު ޤާނޫނު އަސާސީގެ މަސްދަރަކީ މާތްވެގެންވާ އިސްލާމް ދީނުގެ ދެމަސްދަރު ކަމަށްވާ ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ޙަދީޘްފުޅުތައް ކަމަށާއި ލީބިޔާގެ އައުޤާނޫނު އަސާސީ، އިސްލާމީ ޝަރީޢަތުގެ މައްޗަށް ބިނާކުރުމަކީ އިސްލާމީ ޚިޔާލުގެ ޕާޓީތަކެކޭ އެއްގޮތަށް އޭނާގެ ނެޝަނަލް އެލަޔަންސުގެވެސް މަޤްސަދް ކަމުގައެވެ. އަދި އިސްލާމީ ޚިޔާލުގެ ޕާޓީތަކާގުޅިގެން މަސައްކަތްކުުރުމުގައި އެއްވެސް ހުރަހެއްނެތް ކަމަށް ޑރ. ޖިބްރީލް ވިދާޅުވިއެވެ.

ލީބިޔާގެ ސިޔާސީ މަސްރަޙަށް ބަލާއިރު ލީބިޔާގައި އެންމެބޮޑީ ލެބެރަލް ޚިޔާލުގެ 60 ޕާޓީގުޅިގެން ޑރ. މަޙްމޫދް ޖިބްރީލްގެ ޒަޢާމަތުގެ ދަށުގައި އުފައްދާފައިވާ ނެޝަނަލް އެލަޔަންސް (އިއްތިޙާދު) އާއި ސަލަފީންނާއި އިޚްވާނުލްމުސްލިމީން ފަދަ އިސްލާމީ ޚިޔާލުގެ ޕާޓީތަކާއި އަފްޣާނިސްތާނުގައި ހަނގުރާމަކުރި ލީބިޔާގެ ބައެއް ހަނގުރާމަވެރިން ގުޅިގެން އުފައްދާފައިވާ ޕާޓީތަކެވެ. މީގެއިތުރުން މުސްތަޤިއްލު ކެންޑިޑޭޓުންނަކީވެސް ލީބިޔާގައި ނުފޫޒުގަދަ ބައެކެވެ. މުސްތަޤިއްލު ކެންޑިޑޭޓުންގެ ގޮތުގައި ގިނައިން ކުރިމަތިލާފައިވަނީ އިސްލާމީ ޚިޔާލުގެ ފަރާތްތަކެވެ. މީގެތެރޭގައި ގިނަޢަދަދަކަށް ދީނީ ޢިލްމުވެރިންވެސް ހިމެނެއެވެ.

ލީބިޔާގެ އިސްލާމީ ޚިޔާލުގެ ޕާޓީތަކުގެ ފަރާތުން ވާހަކަ ދެއްކެވި މުޙައްމަދު ސުވާން ވިދާޅުވީ ލީބިޔާގެ ޕާލަމެންޓްގައި ޕާޓީތަކަށް ޚާއްސަކޮށްފައިވާ 80 ގޮނޑީގެ އަޣްލަބިއްޔަތު ނެޝަނަލް އެލަޔަންސުން ހޯދިނަމަވެސް ޕާލަމެންޓްގެ އަނެއް 120 ގޮނޑި ޚާއްސަކޮށްފައިވަނީ މުސްތަޤިއްލު ފަރާތްތައް ކަމަށްވެފައި އޭގެތެރޭގައި ގިނައީ އިސްލާމީ ޚިޔާލުގެ ކެންޑިޑޭޓުން ކަމަށްވާތީ އެފަރާތްތަކާ އިއްތިޙާދު ހަދައިގެން ޕާލަމެންޓްގެ އަޣްލަބިއްޔަތު އިސްލާމީ ޚިޔާލުގެ ޕާޓީތަކަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައެވެ. ނަމަވެސް ލެބެރަލް ޚިޔާލުގެ ޕާޓީތަކަކީވެސް އިސްލާމް ދީނަށް އިޙްތިރާމްކުރާ ޕާޓީތަކަކަށްވާތީ އެޕާޓީތަކާގުޅިގެން ޤައުމު ބިނާކުރުމަށް މަސައްކަތްކުރުމަށް އިސްލާމީ ޚިޔާލުގެ ޕާޓީތައް އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ. -- ލީބިޔާގެ މީޑިޔާ