ބަޣާވާތުން ގެނައި ސަރުކަރެއް ކަމަށް ބުނެ އެމްޑީޕީ އިން ދައްކާ ވާހަކަތަކަށް ރައްދުދީ ވާހަކަ ނުދެއްކުމަށް ޕީޕީއެމްގެ ޕާލިމެންޓް ގްރުޕްގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ފަރަތްތަކަށް ގޮވާލައްވަފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ޔާމީން ވިދާޅުވީ އެމްޑީޕީ އިން ބޭނުންވާ ގޮތަށް ކަންކަން ނުވެދިއުމުން ބާޣީންގެ ލަޣަބުދީ ބަޣާވާތެއް ކަމަށް ބުނަމުން ދަނީ އެމްޑީޕީން ބޭނުންވާ ގޮތް ގޮތަށް ކަންކަން އަނބުރާލަން ކަމަށާއި އެމްޑީޕީ ސަރުކާރު ވެރިކަމަށް އައިއިރު އަދި އަންނަން އުޅުނު އިރު ވެސް ވަރަށް ހީލަތްތެރި ބަސްތައް ރާއްޖެ އަށް ތައާރަފުކުރި ކަމަށެވެ.

"އަނެއް ދިވެހި ރާއްޖެ އަށަގަންނުވައިފި. ހަމަ އެގޮތަށް ބަޣާވާތް އެ ބަހަށް ރައްދުދިން ވަރަކަށް ކޮންމެ ވެސް ބަޔަކުގެ ހިތުގައި އެބަހަށް ސަމާލުކަން ލިބޭ. އަޅުގަނޑު އެދެން އެބަސް އިއްތިހާދުގެ ސަރުކާރުގައި ހިމެނޭ ފަރާތްތަކުން އެބަސް ބޭނުން ނުކުރުން،" ޔާމީން ވިދާޅުވި އެވެ.

ޔާމިން ވިދާޅުވީ އެމްޑީޕީ ފިޔަވައި އެއްވެސް ފަރާތަކުން ރާއްޖެ އަށް ގެނައީ ބަޣާވާތެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި އަދި ބޭރުގެ އެކި ގައުމުތަކުގެ އޮފިޝަލުން، އދ. އެމެރިކާ އިންޑިޔާ އީޔޫ ޗައިނާގެ ސަފީރުން ބަޣާވާތުގެ ވަހަކައެއް ނުދައްކާ ކަމަށާއި އެ ފަރާތްތަކުން ވެސް ދެއްކެވީ އަވަސް އިންތިހާބެއްގެ ވާހަކަ ކަމަށެވެ.

"ފަހަރެއްގައި ވެސް ސަރުކާރު ބަދަލުވެގެން ދިޔައީ ގާނޫނާ ހިލާފަށް ކަމަށް ސުވާލެއް ނުއުފައްދާ. ފަހަރެއްގައި ވެސް ސަރުކާރު ބަދަލުވެގެން ދިޔައީ ބަޣާވާތަކުން ކަމަށް ސުވާލެއް ނުއުފައްދާ،"

ޔާމީނު ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖޭގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ގަބޫލުނުކުރާ އިރު އެމްޑީޕީ އަށް ރައްދުދިނުމުގެ ގޮތުން ބަޣާވާތް، އެ ލަފުޒު ބޭނުން ކުރަން ނުޖެހޭ ކަމަށާއި ބަޣާވާތެއްކަން އެމްޑީޕީ އިން ސާބިތުކޮށްދެން ބޭނުން ނަމަ ކޯޓްތަކަށާއި އިންކުއަރީ ކޮމިޝަނަށް އެ މައްސަލަ ހުށައަލައި ސާބިތުކުރަން ޖެހޭ ކަމަށެވެ.

ރޭގެ ޖަލްސާގައި ގައުމީ ޕާޓީގެ ޕާލިމެންޓް ގްރޫޕްގެ ރައީސް ރިޔާޒު ރަޝީދާއި އަލަށް ޕީޕީއެމާ ގުޅިވަޑައިގަތް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު ވާހަކަ ދެއްކެވި އެވެ.

ޕީޕީއެމްގެ ހާއްސަ ޖަލްސާގައި އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.