27 Jan 2025, 08:48
ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ކަމުގައިވާ އަލްފަބެޓްގެ ގޫގުލްއިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ދާއިރާއިން އާންމުން ހޭލުންތެެރިކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ގޫގުލްއިން މަސައްކަތް ކުރަނީ އާންމުންނަށް އޭއައި އާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށާއި، އޭއައި އާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށެވެ.
ގޫގުލްގެ ގްލޯބަލް އެފެއާޒްގެ ރައީސް ކެންޓް ވޯކާ ވިދާޅުވި ގޮތުގައި މި މަސައްކަތުގެ އެންމެ މުހިންމު އެއް ބަޔަކީ އޭއައި އާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ހިންގުމެވެ. އިތުރު ފަރާތްތަކާ މުއައްސަސާތަކާއި، ސަރުކާރުތައް ވެސް ހިމެނޭ ގޮތަށް، އޭއައި އާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، އޭއައި ބޭނުންކުރަން ދަސްކޮށްދިނުމުން، އޭއައި އާ ގުޅޭ ރަނގަޅު ސިޔާސަތުތައް އެކުލަވާލެވި، އިތުރު ފުރުސަތުތައް ހުޅުވޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ.
މައިކްރޯސޮފްޓާއި މެޓާ ފަދަ ވާދަވެރި ކުންފުނިތަކާ ވާދަކޮށް އޭއައި ގެ ދާއިރާއިން ކުރިއަރައި ދިއުމަށް ގޫގުލްއިން މަސައްކަތް ކުރަމުންދާއިރު، އިޝްތިހާރާއި ސާޗް އިންޖިންގެ ވިޔަފާރީގައި ކުރިމަތިވެފައިވާ ގަވާއިދުތަކުގެ ޕްރެޝަރު ވެސް އެ ކުންފުންޏަށް ކުރިމަތިވެފައިވެއެވެ. އެގޮތުން ޔޫރަޕިއަން ޔޫނިއަންގައި ގޫގުލްއިން ވަނީ އިޝްތިހާރުގެ ވިޔަފާރީގެ ބައެއް ވިއްކާލުމަށް ހުށަހަޅާފައެވެ. އަދި އެމެރިކާގައި ޖަސްޓިސް ޑިޕާޓްމަންޓުން ދަނީ ގޫގުލްގެ ކްރޯމް ވެބް ބްރައުޒަރު ވަކިކުރުމަށް މަސައްކަތް ކުރަމުންނެވެ.
މި ދަނޑިވަޅުގައި، ދުނިޔޭގެ އެކި ޤައުމުތަކުން ވަނީ އޭއައި އާ ގުޅުންހުރި ކަންކަމުގައި އައު ގަވާއިދުތައް އެކުލަވާލަން ފަށާފައެވެ. މީގެ ތެރޭގައި ކޮޕީރައިޓާއި ޕްރައިވެސީ ފަދަ ކަންކަން ހިމެނެއެވެ.
ޔޫރަޕިއަން ޔޫނިއަންގެ އޭއައި އެކްޓްގެ ދަށުން އޭއައި ސިސްޓަމްތަކުގެ ރިސްކް އެސެސްމަންޓް ހެދުމާއި، މައުލޫމާތު ހާމަކުރުން ލާޒިމްކުރުމަށް ހުށަހަޅާފައިވާއިރު، މިކަމާ ގުޅިގެން ޓެކްނޮލޮޖީ ދާއިރާގެ ބޮޑެތި ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.