14 Jul 2012, 09:12
ށ. ފޯކައިދޫ ބަޔަކު 480 ކިލޯގެ މާވަހަރަކާއި ހަތް ކިލޯގެ މާވަހަރެއް ހޮވައިފި އެވެ.
ފޯކައިދޫ ބަޔަކު ދުއްވާ އެ އަތޮޅު ފީވަކު "އުދަރެސް" ދޯނީގެ ފަޅުވެރިއަކު މިރޭ ބުނީ 480 ކިލޯގެ މާވަހަރު ފެނުނީ އިއްޔެ ހަވީރު 3:30 އެހާކަންހާއިރު ކ. ހިންމަފުށީ ވިލުތެރެއިން ކަމަށާއި އެއިރު ދޯނީގައި ތިބީ ކެޔޮޅާއި 12 ފަޅުވެރިން ކަމަށެވެ.
މިއީ ފަހުގެ ތާރީހެއްގައި ރާއްޖެއަށް ފެނުނު މާވަހަރުތަކުގެ ތެރެއިން އެންމެ ބޮޑު މާވަހަރެވެ.
"މާވަހަރު ފެނުނީ އިއްޔެ 3:30 އެހާކަންހާއިރު ހިންމަފުށީ ވިލުތެރެއިން. ބަރުދަނުގައި 480 ކިލޯ ހުންނާނެ. މާވަހަރު ފެނުނު އިރު ކެޔޮޅާއި އެކު 12 ފަޅުވެރިން ވެސް ތިބި،" ފަޅުވެރިޔަކު ބުންޏެވެ. އޭނާ އަދި އިއްޔެ ފެނުނީ މާވަހަރެއްކަމާމެދު ބައެއް ފަޅުވެރިންގެ މެދުގައި ޝައްކުތަކެއް އުފެދިފައިވާތީ އެއީ މާވަހަރެއްތޯ ކަށަވަރު ކުރުމަށްޓަކައި ޓެސްޓްތައް ހެދުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
މި މާވަހަރު ހޮވިއިރު މިދިޔަ ބުދަ ދުވަހު ވެސް އެރަށު ބަޔަކު ވަނީ ހަތް ކިލޯގެ މާވަހަރެއް ހޮވާފަ އެވެ.
ސަން އޮންލައިނާއި ވާހަކަ ދައްކަމުން ފޯކައިދޫ ބަޔަކު ދުއްވާ "ފުޅަނގި" ދޯނީގެ ފަޅުވެރިއަކު ރޭ ބުނީ ހަތް ކިލޯގެ މާވަހަރު ފެނުނީ ބުދަ ދުވަހުގެ ރޭ 7:45 އެހާކަންހާއިރު ކަމަށާއި މާވަހަރު ފެނުނުއިރު ދޯނީގައި ކެޔޮޅާއި އެކު 11 ފަޅުވެރިން ތިބި ކަމަށެވެ. އޭނާ ބުނީ އެ ދޯނީގެ ވެރިފަރާތަކީ މާލޭ މީހެއްކަމަށާއި އޭނާއާއި ވާހަކަ ދައްކައިގެން މާވަހަރު ވިއްކުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މި އަހަރުގެ މިހާތަނަށް ވަރަށް ގިނަ ބަޔަކަށް ވަނީ މާވަހަރު ފެނިފަ އެވެ.
އޭގެ ތެރޭގައި ރ. ދުވާފަރު "ކަށަވަރު" ނަމަކަށް ކިޔާ ދޯންޏަކުން ހޮވި ނުވަކިލޯގެ މާވަހަރެއް ހިމެނެއެވެ. އެ ދޯންޏަށް ނުވަ ކިލޯގެ މާވަހަރެއް ފެނުނުތާ ދެ މަސް ނުވަނީސް އަނެއްކާ ވެސް އެ ދޯނިން ވަނީ 150 ވުރެ ބަރު މާވަހަރެއް މިމަހުގެ ކުރީކޮޅު ހޮވާފައެވެ.
ފ. ދަރަނބޫދޫ ގޮނޑުދޮށުން އެރަށު މީހަކު 12 ކިލޯގެ މާވަހަރެއް ހޮވާފައިވާއިރު ނ. މާޅެންދޫ މީހަކު ވެސް ވަނީ 12 ކިލޯގެ މާވަހަރެއް ހޮވާފައެވެ. އަދި ފ. އަތޮޅުގެ ފަޅުރަށަކުން ވެސް ބަޔަކު ވަނީ 42 ކިލޯގެ މާހަރެއް ހޮވާފައެވެ. ނަމަވެސް އެ މާވަހަރު ބެހުމާއި މެދު ޚިޔާލުތަފާތުވެގެން އެ މައްސަލަ ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.
މީގެ އިތުރުން މިދިޔަ މާޗް މަހުގެ ތެރޭގައި ''ނަސްރު'' ނަމަކަށް ކިޔާ ދޯންޏަކުން ހޮވި 20 ކިލޯގެ މާވަހަރު ބެހުމާއި މެދު ކެޔޮޅާއި އޮޑިވެރިޔާ ޚިޔާލުތަފާތުވެގެން ކޯޓަށް މައްސަލަ ހުށަހެޅުމުން އެމާވަހަރުގެ ދެ ބައިކުޅަ އެއްބައި ހައްގުވަނީ ދޯނީގެ ވެރިމީހާއަށް ކަމަށް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.