26 Jan 2025, 23:47
އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ތަށި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީވިލާތުގެ ޔަނިކް ސިނާ ކާމިޔާބު ކޮށް ތަށި ދިފާއުކޮށްފިއެވެ.
މި މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ސިނާ މި މުބާރާތް ކާމިޔާބު ކުރީ ފައިނަލްގައި ދެވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒުވަރޭވްއާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ.
މި މުބާރާތުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުންދިޔަ ސިނާ އާއި ޒުވަރޭވްގެ މި ކުރިމަތިލުން ކުރިންފެށިގެން ފޯގަދަ ވެގެންދާނެކަމަށް ބެލެވިފައިވާގޮތަށް މި މެޗުގައި ދެ ކުޅުންތެރިންގެ ފަރާތުން ވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.
ފުރަތަމަ ސެޓު ވަރަށް ހަމަހަމަކޮށް ގޮސް ހަތަރެއް ތިނަކުން ސިނާ ކުރި ހޯދާ ޒުވަރެވް ސާވް ކުރަމުންދިޔަސެޓުގެ އަށްވަނަ ގޭމް ސިނާ ބްރޭކްކޮށް ސެޓުގެ ލީޑު ނަގާ އަދި ހައެއް ތިނަކުން ފުރަތަމަ ސެޓު ސިނާ ކާމިޔާބުކުރިއެވެ.
މި މެޗުގެ ދެވަނަ ސެޓު ވެގެންދިޔައީ އެންމެ ވާދަވެރި ސެޓަށެވެ. މިގޮތުން މިސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ހަތަރަކުން ކާމިޔާބު ކޮށްފައިވަނީ ސިނާއެވެ. އަދި ފަހު ސެޓު ސިނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނަކުންނެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލާއި ސެމީ ފައިނަލްގައި ސިނާގެ ފަރާތުން ވަރުބަލިކަމުގެ އަސަރު ކޮންމެވެސް ވަރަކަށް ފެނިގެން ދިއުމާއެކު މި މެޗުގައި އެކަމުގެ ފައިދާ ޒުވަރޭވްއަށް ނެގިގެންދާނެކަމަށް ގިނަ ބަޔަކަށް ހީވިއެވެ. ނަމަވެސް މުޅި މެޗުގައި ވެސް ޒުވަރޭޒްއަށް އެންމެ ބްރެކް ޕޮއިންޓެއް ވެސް އުފެއްދޭ ގޮތެއް ނުވިއެވެ. އަދި މެޗު ކުރިއަށް ދިޔަ ވަރަކަށް ޒުވަރެވްގެ ކުޅުމުން މިކަމުގެ ހިތްހަމަ ނުޖެހުން ފާޅުވަމުންދިޔައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސިނާ ހާމަކުރި ގޮތުގައި މި މުބާރާތް ވެގެން ގޮސްފައިމިވަނީ އޭނާއަށް ވަރަށް ކާމިޔާބު މުބާރާތަކަށެވެ. އަދި އުންމީދަކީ ކުރިއަށް އޮތް ތާނގާވެސް މިގޮތުގައި ކުރިއަށް ދިއުން ކަމަށެވެ. މި ކާމިޔާބީއާއެކު ސިނާ ވެގެން ގޮސްފައިވަނީ ގްރޭން ސްލޭމް ތިން މުބާރާތް ކާމިޔާބުކުރި އިޓަލީވިލާތުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މި މެޗުން ބަލިވުމާއެކު ޒުވަރޭވް ވެފައިވަނީ އެންމެ ފުރަތަމަ ވާދަކުރި ގްރޭން ސްލޭމްގެ ތިން ފައިނަލުން ބަލިވި ހަވަނަ ކުޅުންތެރިޔާ އަށެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޒުވަރޭވް ހާމަކުރި ގޮތުގައި މި މެޗުގައި އޭނާ މިއަށްވުރެ ވާދަވެރިކަން ދައްކަން ބޭނުންވި ކަމަށާއި ނަމަވެސް ސިނާ މި މެޗުގައި މާ ވަރުގަދައެވެ.