ސީދާ ކުއްލި ހަރަކާތުގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކްޕާޓީން ފެށި މުޒާހަރާތަކުގައި ހަމަނުޖެހުންތައް ހިނގުން މިހާރު ވަނީ އާއްމުވެފަ އެވެ. ބައެއް ފަހަރު އެއްލަން ފެށި ފެންފުޅިން ފެށިގެން، އެތައް އިރެއް ވަންދެން ޕޭމަންޓް ގާ އުކުން ފަދަ ކަންތައްތައް ވަނީ ފެނިފަ އެވެ.

ހަމަ އެއާއެކު ފާހަގަ ކުރަން ޖެހޭ ކަމަކީ އެފަދަ ކަންތައްތައް ހިނގާ މުޒާހަރާތައް ފުލުހުން ރޫޅާލުމުގައި ނަގާ ވަގުތެވެ. ރުޅައިލާ ލަސް ކަމެވެ. ސުލްހަވެރިކަމާ އެކު، މާބޮޑު ހަމަނުޖެހުމެއް ނުހިންގައި ކުރިއަށްދިޔަ ބައެއް މުޒާހަރާތައް ވަރަށް އަވަހަށް ފުލުހުން ރޫޅާލިތަން ފެނިފައި ވާއިރު ގާ އުކައި، ހަމަނުޖެހުންތައް ހިންގާ މުޒާހަރާތައް ރޫޅައިލުމުގައި ވަގުތު ނަގަންވީ ކީއްވެގެން ހެއްޔެވެ؟

ސުލްހަވެރިކަމާ އެކު، ފުލުހުންގެ ބެރިކޭޑްގެ ބޭރުގައި ތިއްބާ ކުއްލިއަކަށް މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ފުލުހުން ވަދެގަންނަތަން ވެސް މުޒާހަރާގެ ބައެއް ރޭރޭ ފެނެ އެވެ. އެހެން ވަންނަ ފުލުހުންގެ ފަރާތުން ފެންނަނީ ޕްރޮފެޝަނަލް ގޮތް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

އޭގެ ދެރޭ ފަހުން ފެނުނު މަންޒަރަކީ މަގުމަތީ ޖަހާފައި ހުންނަ ގާ ނައްޓުވައިގެން ފުލުހުންނާ ދިމާއަށް އުކަމުން ދިޔައިރު އެކަން ނުހުއްޓުވައި، މުޒާހަރާ ރޫޅާ ވެސް ނުލައި އެތައް އިރަކު ފުލުހުން ތިބި ތަނެވެ. އަދި އެކަން ދިގުލައިގެން ގޮސް ފުލުހުންގެ ބެރިކޭޑެއްގައި ރޯކޮއްލިތަން ވެސް ފެނިގެން ދިޔައެވެ. މުޒާހަރާގެ ބައެއް ބައިވެރިން ގާ އުކަމުން ދިޔައިރު ފުލުހުން ވެސް ގާ އުކި މަންޒަރު ފެނުނު ކަމަށް ބައެއް މީހުން ބުނެ އެވެ.

މުޒާހަރާ ކުރިއަށް ގެންދާ އެމްޑީޕީން ބުނީ މުޒާހަރާގެ ބައިވެރިން ހަމަނުޖެހުން ހިންގާކަން އެނގިފައި ނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރާ ނަމަ އެއީ އެޕާޓީއަށް ތާއީދުކުރާ މީހުނެއް ނޫނެވެ.

" އަޅުގަނޑު ކޮންމެ ރެއަކު ވެސް 12 ޖަހަންދެން މުޒާހަރާ ކުރާ ސަހަރައްދުގައި ހުންނަން، އަޅުގަނޑަށް އެފަދަ ކަމެއް ފެނިފައެއް ނުވޭ، އަދި އެފަދަ ކަމެއް ކުރާކަން އެނގިފައެއް ވެސް ނެތް، ހަމަނުޖެހުން ހިންގުމަކީ އެމްޑީޕީން ތަރުހީބު ދޭ ކަމެއް ނޫން، އެފަދަ ކަމެއް ކުރާ ނަމަ އެކަން އެކުރަނީ އެމްޑީޕީއަށް ތާއީދު ކުރާ ބައެއް ނޫން، އަޅުގަނޑުމެން މިކުރަނީ ސުލްހަވެރި މުޒާހަރާއެއް،" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބުރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވި އެވެ.

ހަމަނުޖެހުން ހިންގުމަކީ އެމްޑީޕީގެ އިސް ބޭފުޅުން ގަބޫލު ކުރަައްވާ ކަމެއް ނޫން ކަމަށް އެމްޑީޕީއާ ހިޔާލުތަފާތު އެހެން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސްގެ މެމްބަރަކު ވެސް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަދި ކެލާދާއިރާގެ މެމްބަރު ޑރ. އަބުދުﷲ މައުސޫމް ވިދާޅުވި ގޮތުގައި މިހާރު އެމްޑީޕީން ކުރަމުން އެދާ މުޒާހަރާގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހުދޫދުން ބޭރުވެ، ހަމަނުޖެހުންތައް ހިންގަމުންދެ އެވެ. ނަމަވެސް އެއީ އެމްޑީޕީގައި ތިއްބެވި ހެޔޮ ވިސްނޭ ޑިމޮކްރަސީއަށް ލޯބިކުރައްވާ ބޭފުޅުން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް ގަބޫލު ކުރެވެ އެވެ.

"އަޅުގަނޑުމެންނާ ވާހަކަ ދައްކަވާ އެމްޑީޕީގެ އިސްބޭފުޅުން ވެސް އެކަމަކަށް ތާއީދެއް ނުކުރައްވާ. ދެން އެމްޑީޕީން ކުރާ މުޒާހަރާއެއް ވީމާ އެފަދަ ކަންތައްތައް މި އެޅެނީ އެމްޑީޕީގެ ހުރިހާ މެމްބަރުންގެ ބޮލުގައި، އަޅުގަނޑަށް ގަބޫލުކުރެވެނީ މިއީ އެމްޑީޕީގައި ތިބި ހައްދު ފަހަނައަޅާފައި ތިބި ބަޔަކު ކުރާ ކަމެއް ކަމަށް. އެމްޑީޕީއަށް މިހާރު ވާންވީ ގޮތަކީ އެޕާޓީގައި ތިއްބެވި ޑިމޮކްރެޓިކް ބޭފުޅުން އެޕާޓީއާ ހަވާލުވާންވީ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މައުސޫމު ވެސް ވިދާޅުވި ގޮތުގައި ފުލުހުން މަސައްކަތް ކުރަނީ ކެތްތެރިކަމާ އެކު އެވެ. އެކަމަކު ގާނޫނޫނާ ހިލާފު ކަމެއް ހިނގާއިރު ފުލުހުން ބަލަހައްޓައިގެން ތިބެންވީތޯ ވެސް އޭނާ ސުވާލު އުފެއްދި އެވެ.

"އުފެދޭ ސުވާލެއް އެއީ، މުޒާހަރާއެއް ތެރޭގައި ވެސް، ހިޔާލުފާޅުކުރުމުގެ ތެރޭގައި ވެސް ގާނޫނާ ހިލާފު ކަމެއް ހިނގަން ފެށީމަ ފުލުހުން ހަމަ ބަލަހައްޓައިގެން ތިބެންވީތޯ، އަޅުގަނޑު ހިތުން ފުލުހުންގެ ކެތްތެރިކަމާ ދޭތެރޭގައި އަޅުގަނޑުމެން ޝުކުރު ކުރަމުންދާއިރު ވަރަށް ބުނާ ހިތްވޭ ގާނޫނު ދަމަހައްޓައިދޭށޭ، ކުށެއް ކޮށްފިއްޔާ، އެކުށްވެރިއަކު ހޯދައި ހައްގު އަދަބު ދޭށޭ،" މައުސޫމް ވިދާޅުވި އެވެ.

ފުލުހުންގެ ސަބް އިންސްޕެކްޓަރު ހަސަން ހަނީފު ވިދާޅުވީ މުޒާހަރާތައް ރޫޅާލުމަކީ ފުލުހުންނަށް އެއްވެސް ކަމެއް ނޫނެވެ. އެއީ ސިކުންތުކޮޅެއްގެ ކަމެކެވެ.

" މުޒާހާ ރޫޅާ ނުލެވިގެންނެއް ނޫން އަޅުގަނޑުމެން ތިބެނީ، ހިޔާލުފާޅު ކުރުމާއި މުޒާހަރާ ކުރުމަކީ ގާނޫނު އަސާސީ ކަށަވަރުކޮށްދޭ ހައްގެއް، އެހެން ވީމަ ރޫޅާލުމުގެ ކުރިން އެހެން ގޮތެއް އޮތްތޯ ބަލަންޖެހޭ، ރޫޅާ ލަނީ މުޒާހަރާ ކުރާ މީހުންނަށް ނަސޭހަތާއި އިންޒާރު ދިނުމަށް ފަހު، އެހެން ގޮތެއް ނެތުމުން،" ހަނީފު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މުޒާހަރާތައް ހަމަނުޖެހުމަށް ބަދަލުވުމާއެކު ރޫޅާލައި ސަރަހައްދު ސާފު ނުކުރިޔަސް ހމަނުޖެހުން ހިންގާ ފަރާތްތައް ހައްޔަރުކުރެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލު ރިޒާ ވިދާޅުވި ގޮތުގައި ފުލުހުން އަމަލުކުރަނީ މިދަތި ވަގުތުގައި އަމަލުކުރެވޭނެ ހަމަ އެންމެ ޕްރޮފެޝަނަލްކޮށެވެ. ފުލުހުންނަކީ ތަމްރީނާ ތަޖުރިބާ ލިބިފައިވާ ބައެއް ކަމަށާއި އެފަދަ ކަންތައްތައް ކުރިއަށް ގެންދަވާނެ ގޮތް އެނގޭނީ ފުލުހުންނަށް ކަމަށް އައްބާސް ގަބޫލުފުޅު ކުރައްވަ އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނެ އެކަން އެ ކުރަނީ ވެސް ދިވެހި ރައްޔިތުންތަކެއް، އަދި ފުލުހުންގެ ތެރޭގައި މިތިބީ ވެސް ދިވެހި ރައްޔިތުން، ދެން ހިމާޔަތް ކުރަން މިޖެހެނީ ވެސް ދިވެހި ރައްޔިތުން، މިކަމުގެ ސަބަބުން އުނދަގޫ ވަނީ ވެސް ދިވެހި ރައްޔިތުންނަށް، އެހެންވީމާ އަޅުގަނޑުމެން ހިތްހަމަ ޖެހޭ ގޮތަކަށް ނޫން މިފަދަ ކަންތައްތައްތައް ގިނަ ފަހަރު ނިމޭނީ،" އައްބާސް ވިދާޅުވިއެވެ.

އެމްޑީޕީން ކުރާ މުޒާހަރާތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލޭނެ ދައުވާތަކުން ސަލާމަތްވެ ވަޑައިގެންނެވުމުގެ ސިޔާސީ ހައްލަކަށް ޖާގަ ހޯއްދަވަން ންގަވާ ހަރަކާތެއް ކަމަށް އައްބާސް ތުހުމަތު ކުރައްވަ އެވެ. ނަމަވެސް އެމްޑީޕީން ބުނަނީ މިހާރު ކުރާ މުޒާހަރާތަކަކީ އަވަސް އިންތިހާބެއް ބާއްވަން ސަރުކާރަށް ބާރު އެޅުމަށް ހިންގާ ހަރަކާތްތެކޭ އެވެ.

"[ރައީސް] ވަހީދު އެބަ ވިދާޅުވޭ، ބަޣާވާތެއް ކަމަށް ސާބިތު ވިޔަސް އިސްތިއުފާއެއް ނުދެއްވާނަމޭ، ވަރަށް ސާފުކޮށް އެވިދާޅުވަނީ، އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ ވިސްނައިދޭން،" އިބޫ ވިދާޅުވިއެވެ. އެމްޑީޕީގެ މުޒާހަރާތައް ދިގުލައިގެން ހިނގައިދާނެކަން އިބޫގެ ވާހަކަފުޅުން ދޭހަވެއެވެ. އެހެން ކަމަށްވާނަމަ މުޒާހަރާތައް ސިކުންތު ކޮޅެއްގެ ތެރޭގައި ރޫޅާލުމުގެ ގާބިލުކަން ހުރި ފުލުހުން ، އެފަދަ މުޒާހަރާތަކުގެ ތެރޭގައި ހިނގާ ހަމަނުޖެހުންތައް ވެސް އެހާ އަވަހަށް ހުއްޓުވުމަކީ ރައްޔިތުން އެދޭނެ ގޮތެވެ.