ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލުގައި ރޯކޮށްލި މީހަކު އިއްޔެ ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ޏ، ފުވައްމުލަކު، ފުނާޑު/ ހެޕީލައިފް، ރިޟުވާން ޢަލީ, 21,އެވެ،

މި މައްސަލާގައި ރިޟުވާން ވަނީ 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި، ރިޟުވާން ކުށްކުރި ކަމަށް ތުހުމަތު ކުރޭ މިންވަރަށް ހެކި ހުށަހަޅާފައިވާއިރު، ތުހުމަތު ކުރެވެނީ ޖަނަވަރީ މަގު ވެލިގާ ހާޑްވެއާ ކައިރީ ބަހައްޓާފައި ހުރި ސައިކަލެއްގައި އަލިފާން ރޯކޮށްލި ކަމަށެވެ.

ސީނަށް ދިޔަ ފުލުހުންގެ ބަޔާން ނަގާއިފައިވާ ކަމަށާއި ހާދިސާ ހިނގި ސަރަހައްދުގައި ރިޟުވާން ހަރަކާތްތެރިވާ ތަން ސިީސީޓީވީ ސްނެޕް ޝޮޓުތަކުން ފެންނަ ކަމަށް އަމުރުގައި ބުނެފައިވެއެވެ.

އޭގެއިތުރުން، އިންޓެލިޖެންސް ރިޕޯޓު ކޯޓަށް ހުށަހަޅާފައިވާއިރު، ސައިކަލަށް ލިބިފައިވާ ގެއްލުންތައް ފޮޓޯތަކުން ފެންނަ ކަމަށް އެ ކޯޓުން ބުނެފައިވެއެވެ.

ސައިކަލުގައި ރޯކޮށްލި ކަމަށް އިއުތިރާފުވެ، އެއީ 'ބަގުރާ ބޮއެގެން' ހުރެ ކުރެވުނު ކުށެއް ކަމަށް ރިޟުވާން ބުނެފައިވާ ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.

އޭނާއަކީ ކުށްކުރާ ޖަމާއަތަކަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.