ސިދާ ކުއްލި ހަރަކާތުގެ ނަމުގައި އެމްޑީޕީން މާލޭގައި ކުރާ މުޒާހަރާތަކުގައި ފުލުހުންނަށް ޖިސްމާނީ ގޮތުން އަނިޔާތައް ލިބެމުންދާތީ ފުލުހުންނަށް ލިބޭ އަނިޔާތައް ކުޑަކުރާނެ ފިޔަވަޅުތައް އަޅަން ޕޮލިސް ކޮމިޝަނާ އަބްދުﷲ ރިޔާޒު އޮޕަރޭޝަން ކޮމާންޑަރަށް އަންގަވައިފި އެވެ.

ކޮމިޝަނާ ރިޔާޒުގެ އޮފިޝަލް ޓްވީޓާގައި މިއަދު ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދާ މުޒާހަރާގައި ފުލުހުންނަށް އެކި ވަރުގެ އަނިޔާތައް ވަމުންދާތީ އެ އަނިޔާތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޮޕަރޭޝަން ކޮމާންޑަރަށް އަންގާފައިވާ ކަމަށެވެ.

އޭގެ ތަފްސީލެއް ދެއްވަމުން ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ ފުލުހުން މުޒާހަރާތައް ރޫޅާލަނީ ފުލުހުންނަށް އެކި ވަރުގެ ބޮޑެތި އަނިޔާތައްވާ ފަހުން ކަމަށާއި ނަމަވެސް މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެދާނެ ފަދަ ނިޝާނެއް ފެނިއްޖެނަމަ ފުލުހުން އެ އެއްވުމެއް ރޫޅައިލާނެ ކަމަށެވެ.

"މީގެ ކުރިން މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވަމުންދާއިރު ވެސް ފުލުހުން ތިބޭނެ، އެކަމަކު ހަމަނުޖެހުމަކަށް ބަދަލުވާން އުޅޭ ކަމުގެ ނިޝާންތައް ފެނިއްޖެނަމަ މުޒާހަރާ ރޫޅާލަން ފިޔަވަޅުތައް އެޅުން ހިމެނޭނެ، މިއީ ފުލުހުންގެ އިތުރަށް އާންމުންނަށް ވެސް ލިބޭ ގެއްލުން ކުޑަކުރަން އަޅަންޖެހޭ ފިޔަވަޅުތަކެއް،" ހަނީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޒާހަރާތައް ފެށުނު ފަހުން ނުވަ ފުލުހަކަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށާއި އެއް ފުލުހަކު ރާއްޖޭން ބޭރުގައި ފަރުވާ ހޯދަމުންދާއިރު ރޭގެ މުޒާހަރާގައި އަނިޔާވި ފުލުހަކު ވެސް ސްރީ ލަންކާއަށް ފޮނުވާލަން ތައްޔާރުވެފައިވާ ކަމަށެވެ. އެ ފުލުސް މީހާގެ ބޮލަށާއި ސިކުނޑިއަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލައިދެއްވާ ހަނީފު ވިދާޅުވި އެވެ.

"އޭނާގެ ސިކުޑި ގުޑާފައިވާކަމަށް ސްކޭންތަކުން ދައްކަނީ، އެހެންވެ ބޭރަށް ފޮނުވާލަނީ،" ހަނީފު ވިދާޅުވި އެވެ.

ކޮންމެ ރެއެއްގެ ވެސް މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެ ފުލުހުންނާއި އާންމުން އަދި ރައްޔިތުންގެ މުދަލަށް އަންނަނީ އެކިވަރުގެ ގެއްލުންތައް ވަމުންނެވެ. އަދި ފުލުހުންނާއި ކުރިމަތިލުމަށް މުޒާހަރާ ކުރާމީހުން ޕޭމަންޓް ގަލާއި، ކަޅުތެޔޮ، މިރުސް އަދި ޕެޓްރޯލް އަންނަނީ ބޭނުން ކުރަމުންނެވެ.

އެމްޑީޕީން އަވަސް އިންތިހާބަކަށް ގޮވާލައި މުޒާހަރާ ފެށި ފަހުން ރެޔަކީ ފުލުހުންނަށް އެންމެ ބޮޑަތި ގެއްލުންތައްވީރެ އެވެ. އެގޮތުން ފުލުހުންގެ ސައިކަލެއްގައި ރޯކޮށްލައި ފުލުހުންގެ ވެހިކަލެއްގެ ބިއްލޫރިތައް ވަނީ ތަޅާލައިފަ އެވެ. އަދި ބައެއް ރޯޑް ބްލޮކްތަކަށް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފަ އެވެ. އަދި ރޭ މުޒާހަރާގައި އެކަނިވެސް ހަ ފުލުހަކަށް ގެއްލުންވި އެވެ.

އެމްޑީޕީން މިރޭވެސް އަންނަނީ މުޒާހަރާކުރަމުންނެވެ. އެމްޑީޕީން މިހާރު ކުރަމުން އަންނަ މުޒާހަރާތަކަކީ ސުލްހަވެރި މުޒާހަރާތަކެއް ނޫންކަމަށް ފުލުހުން ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ.