Last Updated:
1 decade 3 year ago

ކުއްލި ހަރަކާތުގެ މުޒާހަރާ ރޭ ނިމިގެން ދިޔައީ ކުއްލިއަކަށް

    ބުލޮގު ޚުލާސާ
    އެމްޑީޕީގެ ސީދާ ކުއްލި ހަރަކާތުގެ މުޒާހަރާ މިއަދު ވެސް ކުރިޔަށް އެބަދެ އެވެ. އުސްފަސްގަނޑުން ހަވީރު ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން ގޮސް އާންމުކޮށް މުޒާހަރާ ކުރާ ރީފް ސައިޑާއ ހަމައިން މިހާރު ވަނީ ފުލުހުން ނުކުމެ މުޒާހަރާ ފަހަތަށް ޖައްސާފަ އެވެ. ރައީސް ނަޝީދާއެކު މުޒާހަރާގައި ގާއިމުވެ ތިބި މީހުން ފަތަހަށް ޖެއްސުމުގެ ތެރޭގައި ވަނީ ހަމަނުޖެހުންތައް ވެސް ހިނގާފަ އެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
    09:23

    އެމްޑީޕީގެ ސީދާ ކުއްލި ހަރަކާތުގެ މުޒާހަރާ ރޭވެސް ކުރިޔަށް ދިޔަ އެވެ. އުސްފަސްގަނޑުން ހަވީރު ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން ގޮސް އާންމުކޮށް މުޒާހަރާ ކުރާ ރީފް ސައިޑާއ ހަމައިން މިހާރު ވަނީ ފުލުހުން ނުކުމެ މުޒާހަރާ ފަހަތަށް ޖައްސާފަ އެވެ. ރައީސް ނަޝީދާއެކު މުޒާހަރާގައި ގާއިމުވެ ތިބި މީހުން ފަތަހަށް ޖެއްސުމުގެ ތެރޭގައި ވަނީ ހަމަނުޖެހުންތައް ވެސް ހިނގާފަ އެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމަށް ބުނެ، ފުލުހުން ވަނީ ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

    މުޒާހަރާ ކުރުން ހުއްދަ ސަރަހައްދެއްގައި މުޒާހަރާ ކުރި ނަމަވެސް އާދައިގެ މަތިން ފުލުހުން ވަނީ މުޒާހަރާ ހުއްޓުވަން އެތައް ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައެވެ. އެގޮތުގައި މީހުން ބައެއް ފަހަރު މީހުން މަދުވަމުން އަނެއްބައި ފަހަރު ގިނަވަމުން މުޒާހަރާ ކުރިއަށް ދިޔައެވެ. ގޮވަމުން ދިޔައީ އިންތިހާބު އަވަސް ކުރުމަށެވެ.

    ދަންވަރު 12:00 ޖެހި އިރު މުޒާހަރާގެ ބައިވެރިންގެ ހަަރަކާތާއި ރާގަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަޑުގަދަކުރާ ބޭނުން ކޮށްގެން އެމީހުން ގޮވަމުން ދިޔައީ ދިވެހި ފުލުހުންނަކީ އެމީހުންނަށް އަނިޔާ ކުރާނެ ބައެއް ނޫން ކަމަށެވެ.

    "އަހަރެންގެ މޭ ގައުމަށްޓަކައި އައްޑަނައަކަށް ދިއްކޮށްލުމީ،" މި ޅެންބައިތު އެންމެން އެއް އަޑަކުން ކިޔަމުން ކުރިއަށް ޖެހެން ފެށީ އެހިސާބުންނެވެ. ޗާނދަނީ މަގުން އުތުރަށް، ޖުމްހޫރީ މައިދާނާ ދިމާއަށް އެމީހުން ކުރިއަށް ޖެހެމުން ދިޔައިރު އެމީހުންގެ ކުރިމަތީ ތިބި ފުލުހުން ވެސް ޖެހެމުން ދިޔައީ ފަހަތަށެވެ. މުޒާހަރާގެ ބައިވެރިން އެހިސާބުން އަނެއްކާވެސް ފުލުހުންނަށް ތައުރީފުގެ ބަސްތައް އޮއްސަން ފެށި އެވެ.

    "އެއްވެސް ފުލުހަކަށް ބަދުބަހެއް ރައްދުކޮށްގެން ނުވާނެ، އެއްވެސް ހަމަނުޖެހުމެއް ވެސް ހިންގައިގެން ނުވާނެ،" އަޑުގަދަކުރާ ބޭނުން ކޮށްގެން ވާހަކަ ދައްކަމުން ދިޔަ މީހާ ބުންޏެވެ.

    ފަހަތަށް ޖެހުނު ފުލުހުން، ޗާނދަނީ މަގާ އޯކިޑްމަގު ގުޅޭ ހަތަރު އަނގޮޅީގައި ބެރިކޭޑް ޖަހައި، އެސަރަހައްދަށް ނޫސްވެރިންނަށް ވެސް ނުވަދެވޭނެ ކަމަށް އެންގި އެންގުމަކީ ރޭ ޖަވާބު ނުލިބި އޮތް ކަމެކެވެ.

    އެހިސާބުން މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ވެސް ވާނުވާ ނޭނގޭ އޮއިވަރެއް ހިނގައިގަތެވެ. އެންމެން ބޮނޑިވެގެން ވާހަކަތަކެއް ދެއްކުމަށް ފަހު އަވަސް އަވަހަށް އެންމެން އައިކޮޅަށް، ޗާނދަނީ މަގުން އެއްގަމަށް ދާން ފެށިއެވެ.
    ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް ބަންދު ކުރި ޖުމްހޫރީ މައިދާން ސަރަައްދަށް، ރަޔަޓް ގިއަރުގައި ތިބި ފުލުހުންނައިގެން ފުރިފައިވާ ދެވެހިކަލް އައިސް މަޑުކޮށްލީ އެހިސާބުންނެވެ. އެއާ އެކު މުޒާހަރާގެ ބައިވެރިން ކުރިޔަށް ވުރެ ބާރަށް ޗާނދަނީ މަގުން އެއްގަމަށް ދުވަން ފެށިއެވެ.

    މުޒާހަރާގެ ބައިވެރިން ބަިއބައިވެ، އަމީނިއްޔާ ސްކޫލާ ހިސާބުގައި އެއްބަޔަކު، އަނެއް ބަޔަކު އެއަށް ވުރެ ވެސް އެއްގަމުގައި ކޯޅިކޯޅިއަށް ތިއްބާ، ވެހިކަލްތަކުގައި ފުލުހުން ނައްޓާލިއެެވެ. އެއާއެކު މުޒާހަރާގެ ބައިވެރިން މުޅިން ވަކިވަކިވެ، ރޫޅިގެން އެކިތަނަށް އެކިމީހުން ދިޔައެވެ. އެހެން ކަމުން އިއުލާން ނުކުރި ނަމަވެސް އެމްޑީޕީގެ މުޒާހަރާ އޮތީ ނިމިފައެވެ.

    23:14

    މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް މީހުން ބައެއް ފަހަރަށް ފުލުހުންނާ ދިމާއަށް އެއްޗެހި އުކާ. އަދި ބައެއް މީހުން ފެންފުޅިއާ ގާ ވެސް ވަނީ ދެންމެ އުކާފައި. ފުލުހުން ގެންދަނީ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަމުން.
    22:13

    މުޒާހަރާގެ ބައިވެރިން ދެންމެ ވަނީ ފުލުހުންގެ ސެކިއުރިޓީ ލައިނުގައި ހިމެނޭ ބެރިކޭޑްތައް ވައްޓާލަން މަސައްކަތްކޮށްފައި. ނަމަވެސް މިހާރު ފުލުހުން ވަނީ އެކަން ހުއްޓުވާފައި. އިތުރު ހަމަނުޖެހުމެއް ނުހިނގާ.
    21:29

    މިވަގުތު ކުރިޔަށް ވުރެ މީހުން ގިނަ ވެފައިވިޔަސް މުޒާހަރާގައި އިތުރު ކަމެއް ނެތް. ހުރިހާ އެންމެން ވެސް ޝުއޫރު ފާޅުކުރުމުގައި މަޑުކޮށްލައިގެން ތިބީ،
    19:13

    މުޒާހަރާގައި ހިމެނޭ އަންހެނުން މިހާރު ވަނީ އެސްޓީއޯ ޓްރޭޑް ސެންޓަރާ ހަމައަށް ފަހަތަށް ޖައްސާފައި. ދާދި ދެންމެއަކު ވަނީ އިތުރު ދެ ފިރިހެނުންނާއި އަންހެނަކު މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައި.