14:55


ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި "ސަންއެފްއެމް އޮންލައިންގެ" މަގްބޫލުކަން ވަރަށް ބޮޑަށް އިތުރުވެ، ވެބްސައިޓުގެ ހިޓް ރޭޓް އެއް މިލިއަނަށްވުރެ މައްޗަށް އަރައިފި އެވެ.


މި ކުރިއެރުމާއެކު، ސަންއެފްއެމްގެ ވެބްސައިޓް، ޑަބްލިއު ޑަބްލިއު ޑަބްލިއު ޑޮޓް ސަން އެފްއެމް ލައިވް ޑޮޓް އެމްވީ ވެގެން ގޮސްފައި ވަނީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ބޮޑު މަޝްހޫރު ކަމެއް ހޯދި ދިވެހި ވެބްސައިޓަށެވެ. ސަންއެފްއެމް އޮންލައިންގެ މިހާރުގެ ޖުމްލަ ހިޓް ރޭޓަކީ އެއް މިލިއަން ހަތަރު ލައްކަ ސާޅީސް އަށް ހާސް ތިން ސަތޭކަ އެގާރަ އެވެ. މިއީ މިދިޔަ މެއި މަހުގެ ހިޓް ރޭޓާ އަޅާބަލާއިރު 85 ޕަސަންޓް އިތުރު އަދަދެއްކަން ފާހަގަކޮށްލެވެ އެވެ.


މިދިޔަ މެއި މަހު ސަންއެފްއެމް ވެބްސައިޓަށް ވަދެ އުޅުނު މީހުންގެ އަދަދު ނުވަހާސް އެއްސަތޭކަ ހަތްދިހަ ނުވަ އެއްގައި އުޅުނު ނަމަވެސް، މި އަދަދު މިހާރު ވަނީ ފަންސަވީސް ހާސް ހަތަރު ސަތޭކަ ތޭރަ އަށް އިތުރުވެފަ އެވެ. އަދި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ދިހަ ހާހެއްހާ މީހުން ސަންއެފްއެމް އޮންލައިންގެ ޚަބަރުތައް ކިޔާ އުޅެ އެވެ.


ސަންއެފްއެމް އޮންލައިންގެ މަގްބޫލުކަން އިތުރުވެގެން ގޮސްފައި މިވަނީ، އެ ވެބްސައިޓަކީ ސަން މީޑިއާ ގްރޫޕުގެ ކުޑައިގެ ދަށުން ހިންގާ ވަކި ވެބްސައިޓެއްގެ ގޮތުގައި ހަމަޖެއްސުމަށްފަހު، ސަންއެފްއެމް އޮންލައިން ރީބްރޭންޑް ކުރުމާ ގުޅިގެންނެވެ. އަދި ޚަބަރުތަކުގެ އެންމެ ފަހުގެ އަޕްޑޭޓްތަކުގެ އިތުރުން އެންމެ އަވަހަށް ބްރޭކިން ނިއުސް ގެނެސްދޭ ވެބްސައިޓަކަށް ވެސް ސަންއެފްއެމް އޮންލައިންވުމާ ގުޅިގެންނެވެ.


މި ވެބްސައިޓު މެދުވެރިކޮށް ސަންއެފްއެމް ލައިވްކޮށް އަޑުއެހޭނެ. އަދި ޚަބަރަށް ކޮމެންޓްކޮށް ޚިލާޔު ވެސް ފާޅުކުރެވޭނެ އެވެ.