13 Jul 2012, 18:38
ވިޔަންސާ އަތުން 3-0 އިން އޭވައިލް މިއަދު މޮޅުވުމުން ކްލަބް ވެލެންސިއާ އަށް ޓީމު ވާދަކުރާ ދިރާގު ދިވެހި ލީގުގެ ތާވަލުގެ ފުލަށް ވެއްޓިއްޖެ އެވެ.
މިއަދުގެ މެޗުގައި އޭވައިއެލް އަށް ލަނޑު ޖަހައިދިނީ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ލޮގާ ސްޓެފަން އާއި މޮޑޯ ހިއުސް އާއި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިބްރާހީމް އާމިރެވެ. މީގެ ތެރެއިން އާމިރު ލަނޑު ޖެހީ މެޗުގެ ފަހު މިނިޓްގަ އެވެ. އަދި ފުރަތަމަ ދެ ލަނޑު ޖެހުމުގައި ބްރެޒިލްގެ ކުޅުންތެރިޔާ އެވަޓަން ސަންޓޯސްގެ ބޮޑު ހިއްސާއެއްވެ އެވެ.
މެޗަށް ނުކުތްއިރު ތާވަލުގެ ފުލުގައި އޮތް އޭވައިލް މިހާރު އޮތީ 10 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނާގަ އެވެ. އަދި ނުވަ ޕޮއިންޓާއެކު ކުރިން ހަވަނާގައި އޮތް ވިޔަންސާ ވަނީ ހަތް ވަނަ އަށް ވެއްޓިފަ އެވެ. ވެލެންސިއާ އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. މި ތިން ޓީމަކީ ލީގުގެ ގަދަ ހަޔަކަށް އެންމެ ބޮޑަށް ވާދަ ކުރާ ތިން ޓީމަށްވާއިރު ގަދަ ހަޔަކުން ފުރުސަތު ލިބޭނީ ދެ ވަނަ ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ލިބޭ ހަ ޓީމެވެ. ދެ ވަނަ ބުރުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ހަތަރު މެޗެވެ.
ު
މެޗަށް ފަހު ވިޔަންސާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މިއަދު ޓީމެއްގެ ގޮތުގައި ނުކުޅެވުނު ކަމަށާއި އަދި ގަދަ ހަޔަކަށް ވަނުމަށް އެންމެ މުހިންމު މެޗުން ބަލިވުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
އޭވައިއެލްގެ ކޯޗު އަހުމަދު އާތިފް ބަލިވެ އުޅޭތީވެ މެޗަށް ނާދެ އެވެ.