ބޮލީވުޑްގެ އެކްޓަރު ރަންދީޕް ހުޑާ ދާދިފަހުން ސޮއިކުރި ކެރިއަރުގެ ދެ ވަނަ ހޮލީވުޑް ފިލްމަކީ އެމެރިކަން އެކްޓަރު އަދި ޕްރޮފެޝަނަލް ރެސްލާ ޖޯން ސީނާއާ އެކު ކުޅޭ ފިލްމެއް ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ ވެރައިޓީއިން ބުނެފިއެވެ.

މި ފިލްމަކީ "މެޗްބޮކްސް"ގެ ނަމުގައި އުފައްދާ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ރަންދީޕުގެ ފުރަތަމަ ހޮލީވުޑް ފިލްމު "އެކްސްޓްރެކްޝަން"ގެ ޑައިރެކްޓަރު ސެމް ހާގްރޭވްއެވެ. ފިލްމު "އެކްސްޓްރެކްޝަން"ގައި ރަންދީޕް ފެނުނީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް ހެމްސްވޯތުއާ އެކުއެވެ.

ފިލްމު "މެޗްބޮކްސް"ގެ ކާސްޓުގައި ހިމެނޭ އިތުރު ތަރިންގެތެރޭ ތެޔޮނަ ޕެރިސް، ޖެސިކާ ބިއެލް އަދި ސެމް ރިޗަޑްސަން ހިމެނޭއިރު މިއީ ހޮލީވުޑްގެ މަޝްހޫރު ތަރިންތަކަކާ އެކު މަސައްކަތްކޮށްލަން ރަންދީޕަށް ލިބުނު ރަނުގެ ފުރުސަތެކެވެ.

ފިލްމު "އެކްސްޓްރެކްޝަން"ގެ ޑައިރެކްޓަރު އަދި ރަންދީޕް އެ ފިލްމުގެ މަންޒަރެއްގައި--ފޮޓޯ/ސްޕޮޓްބޯއި

މި ފިލްމުގެ މަސައްކަތް ބުޑަޕެސްޓްގައި ފެށުމުގެ މަސައްކަތަށް ތައްޔާރުވަމުން އަންނައިރު ރަންދީޕް ބުނެފައި ވަނީ ސެމްއާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ދެވަނަ ފަހަރަށް ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

ފިލްމު "އެކްސްޓްރެކްޝަން"ގެ ހަނދާންތައް މި ފިލްމުން އާވާ ކަމަށާއި ސެމް އަކީ އެކްޝަން ސްޓޯރީތައް ސްކްރީނަށް ގެނެސްދިނުމުގެ މާހިރެއްކަމަށް ރަންދީޕް ވަނީ ސިފަކޮށްފައެވެ.

ސެމް ހާގްރޭވް ޑައިރެކްޓްކޮށްފައިވާ މަގުބޫލު ފިލްމުތަކުގެތެރޭ މާވެލްގެ ބްލޮކްބާސްޓަ ފިލްމުތައް ކަމަށްވާ "އެވެންޖާސް:އެންޑް ގޭމް"، "އިންފިނިޓީ ވޯ" އަދި "ތޯރް" ހިމެނެއެވެ.

ރަންދީޕް އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ އޭޕްރިލް މަހު ރިލީޒްކުރާނެކަން އިއްޔެ އިއުލާނުކޮށްފައިވާ ފިލްމު "ޖާޓު"ގެ ރޯލަކުންނެވެ. މި ފިލްމަކީ ބޮލީވުޑް އެކްޓަރު ސަނީ ޑިއޯލް ލީޑް ރޯލްއިން ފެންނާނެ ފިލްމެކެވެ.